ކ. މާލެ
|
8 އޯގަސްޓް 2019 | ބުރާސްފަތި 09:34
ރޮމެލޫ ލުކާކޫ
ރޮމެލޫ ލުކާކޫ
ގެޓީ އިމޭޖަސް
ރޮމެލޫ ލުކާކޫ
ލުކާކޫ އިންޓައަށް ބަދަލުވުމާ ގާތަށް
ލުކާކޫ ހޯދުމަށް އިންޓައިން 78 މިލިއަން ޔޫރޯ ހަރަދުކުރާނެ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އިންޓަ މިލާނަށް ބަދަލުވުމާ ގާތަށް ޖެހިލައިފިއެވެ.

ލުކާކޫގެ އެޖެންޓް ފެޑެރީކޯ ޕަސްޓޮރޭލޯ ވަނީ އިޓަލީގެ މިލާނަށް ފުރުމުގެ ކުރިން ބުދަ ދުވަހުގެ ރޭ ލުކާކޫއާއެކު ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގައި އާންމު ކޮށްފައެވެ.

އެގޮތުން ބެލެވޭ ގޮތުގައި ލުކާކޫ އާއި އޭނާގެ އެޖެންޓް ފެޑެރީކޯ ޕަސްޓޮރޭލޯ މިލާނަށް ފުރާފައިވަނީ އިންޓައާއެކު ލުކާކޫގެ ޓްރާންސްފާގެ ކަންތައް ނިންމުމަށް ފަހު، މެޑިކަލް ފުރިހަމަ ކުރުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ލުކާކޫ ހޯދުމަށް އިންޓައިން 78 މިލިއަން ޔޫރޯ ހަރަދުކުރަން ޖެހޭނެއެވެ. އަދި އެ އަދަދަށް ފައިސާ ހަރަދުކުރަން އިންޓަވެސް އޮތީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑާއެކު ލުކާކޫ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް އިންޓަގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެވަޓަން އާއި ޔުވެންޓަސް އަދި ޗެލްސީވެސް ހިމެނެއެވެ.

މީގެ ދެ އަހަރު ކުރިން އެވަޓަން ދޫކޮށް، ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފައި ވަނީ 75 މިލިއަން ޕައުންޑަށެވެ. އޭނާ އަކީ އޭރު ދެވަނަ އަށް ޕްރިމިއާ ލީގުގެ ކްލަބަކަށް ވިއްކާލި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

ލުކާކޫ ވަނީ ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 96 މެޗުގައި 42 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެވަޓަންއަށް ކުޅުނު 166 މެޗުގައި 87 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

ލުކާކޫ ވަނީ ބެލްޖިއަމް ޓީމަށް މިހާތަނަށް ކުޅުނު 81 މެޗުގައި 48 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެޓީމާއެކު މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް