އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ބަދަލުކުރުމުން ޙައްގު ހޯދުމަށް މަގުމައްޗަށް ނިކުތް އަންހެންވެރިންނަން އަނިޔާކުރި ދިވެހި ފުލުހުންނާއި ސިފައިން ލަދުގަންނަން ޖެހޭ ކަމަށް އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި އިދިކޮޅު އިއްތިހާދުގެ ނައިބް ލީޑަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުން ބޭއްވި ހާއްސަ ރެލީގައި ވާހަކަދައްކަމުން ޝިފާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރުމުން އަންހެން ކަނބަލުންނެއް މަގުމައްޗަށް ނިކުތް ކަމަށެވެ. އެދުވަސްވަރު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ބައިވެރި އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނައި ސިފައިން މިއަދު ލަދުގަންނަން ޖެހޭ ކަމަށް ޝިފާ ވިދާޅުވިއެވެ.
މިއަދު ދިވެހި ރާއްޖޭގެ ރައްޔިތުންގެ ޙައްގުތައް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅައިގަންނައިރު އެކަމުގެ ޒިންމާ ފުލުހުންނާއި ސިފައިންވެސް އުފަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެއުޅުމާއި ހިޔާލުފާޅުކުރުމަށް ހުރަސް އެޅުމަށް މި ސަރުކާރުން ފާސްކޮށްފައިވާ ގާނޫނުން މާލޭގެ މަގުމަތީގައި މުޒާހަރާ ނުކުރެވޭ ގޮތަށް ހޯމް މިނިސްޓްރީން ނިންމުމަކީ ހިތާމަކުރާއްވާ ކަމެއް ކަމަށް ޝިފާ ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާނީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި އެއްގޮތަށް ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާން ކަންކުރައްވަނީ ޚުދުމުހުތާރު އަނިޔާވެރި ވެރިއެެއްގެ އުސޫލުތަކާ އެެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ އަންހެނުންގެ ދުވަހުގެ ރެލީ ކާނިވާ ސަރަހައްދުގައި ޕާކްކޮށްފައިވާ ވެހިކަލް ތަކުގެ ތެރޭގައި ބާއްވަން ޖެހުނު ނަމަވެސް އެކަމާއި އެމްޑީޕީގެ އަންހެންވެރިން ލަދުނުގަންނަން ކަމަށެވެ. އެކަމާ ލަދުގަންނަން ޖެހޭނީ ރައީސް ޔާމީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިފާ ވަނީ 2008 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެނާ ބައިވެރިވުމުން ދިމާވި ގޮންޖެހުންތަށް ވެސް ހިއްސާކުރައްވައިފައެވެ. އެގޮތުން އޭރު އެޑިއުކޭޝަން މިނިސްޓަރީގެ އިސްވެރިންގެ އޭނާ އަށް މުސާރާގެ ދަތިކަން ގެނެއުމަށް މަސައްކަތް ކުރިކަމަށާއި އަދި އޭނާގެ ފިރިމީހާ އެމްއެންޑީއެފްގެ ވަޒީފާ ވެސް ކަނޑާލިކަމަށް ޝިފާ ވިދާޅުވިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އަންހެންވެރިން އަތުކުރި އޮޅާލައި މިއަދު ނުކުންނަންޖެހޭ ކަމަށް ޝިފާ ވިދާޅުވިއެވެ.