ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު ހަމައަކަށް އަޅުވާ، ޑިމޮކްރަސީ ގެނައުމަށް ކުރެވުނު އިސްލާހީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި އިސްކޮށް ތިއްބެވީ އަންހެނުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިއާ ވިދާޅުވީ ރާއްޖެ ހަމަ މަގަށް އެޅުވުމަށް އެމްޑީޕީން އެންމެ ފުރަތަމަ ނުކުމެ މުޒާހަރާކުރި އިރު އެންމެ އިސްކޮށް "ޖަޑިބުން"ގެ ގޮތުގައި ތިބީ އަންހެނުން ކަމަށެވެ.
މާރިއާ ވިދާޅުވީ މުޒާހަރާ ނުކުރެވޭނެ ކަމަށް ބުނެބުނެ ތިއްބާ އަންހެނުން އެކަން ކުރި ކަމަށާއި ރާއްޖޭގެ އިސްލާހަށް މަސައްކަތްކުރުމަށް، އެމްޑީޕީން ރާއްޖޭގެ ހުރިހާ ތަނަކަށް ދަތުރުކުރި އިރު ކުރީ ސަފުގައި ތިބީ އަންހެނުން ކަމަށެވެ.
މާރިއާ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ލިބުނީ ޕާޓީގެ އަންހެނުން އެ ފުރުސަތު ހޯދައިދިނުމުންނެވެ.
"އަޅުގަނޑުމެންނަށް އަބަދުވެސް ހީވަނީ އަޅުގަނޑުމެން އެއްފަރާތުގައި ޕާޓީ އަނެއް ފަރާތުގައި އޮވެގެން އަޅުގަނޑުމެން އަންހެނުންށްވީތީ ހޯދައިދޭ ފުރުސަތުތަކެއްހެން، އަޅުގަނޑުމެން މިޕާޓީއާއެކު މިހިސާބަށް އައީ އަދި ޕާޓީއަށްވެސް ވެރިކަމަށް އާދެވުނީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އަންހެނުން ހޯދައިދިން ފުރުސަތަކުން" މާރިއާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިއާ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ވަރަށް ކެރިގެން ނުކުމެ، އަންހެނުންނާއި ފިރިހެނުން ވޯޓުލައިގެން އަންހެން ޗެއާޕާސަންއެއް ހޮވާލަންކެރުނު ޕާޓީ ކަމަށެވެ.
މާރިއާ ވިދާޅުވީ ރާއްޖޭގެ އަންހެނުން ބޭނުންވާ މާ ބައިވަރު ކަންތައްތަކެއް ނެތް ކަމަށާއި ދިވެހި އަންހެނުން ބޭނުންވަނީ ރާއްޖޭގައި ވައްކަން ނުކުރާ، ކޮރަޕްޝަން ނެތް ސާފުތާހިރު ސަރުކާރެއް އޮވެގެން ވެރިކަން ކުރުން ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރު މޭމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ އެތައް ހާސް އަންހެނުނެއް މުޒާހަރާ ކުރަން ނުކުތީ ކޮރަޕްޝަން އިންތިހާއަށް ދިޔުމުން ކަމަށް މާރިއާ ވިދާޅުވިއެވެ.