ކ. މާލެ
|
7 މާރޗް 2017 | އަންގާރަ 14:15
ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދުނީ ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި
ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދުނީ ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި
ގޫގުލް
ކިމް ޖޮންގް ނަމްގެ މަރު
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
ކިމްގެ މަރުގެ މައްސަލަ ހައްލަކަށް އަންނަންދެން އަމުރު ދެމި އޮންނާނެ

ކިމް ޖޮންގ ނަމް އަވަހާރަކޮށްލި މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، އުތުރުކޮރެއާގައި ތިބި މެލޭޝިއާގެ ރައްޔިތުން އެގައުމުން ފޭބުން މަނާކުރާ ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.

އެގައުމުގެ ނޫސްއޭޖެންސީ ކޭސީއެންސީއޭއިން ބުނީ "މެލޭޝިއާގައި ހިނގި ކަންކަން އެކީގައި ހައްލުވަންދެން" އެ އަމުރު ދެމި އޮންނާނެ ކަމަށެވެ.

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ އެއްބަފާ ބޭބެ ކިމް ޖޮންގ ނަމް އަވަހާރަކޮށްލާފައި ވަނީ މެލޭޝިއާގެ އެއާޕޯޓްގައި މަކާއޯއަށް ފުރާވަޑައިގަންނަވަން ފްލައިޓަށް މަޑުކޮށްލައްވައިގެން ހުންނަވަނިކޮށް ވީއެކްސް ނާވް އޭޖެންޓް ބޭނުން ކޮށްގެންނެވެ.

ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ކިމް އަވަހާރަ ކޮށްލި ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.

މީގެ އިތުރުން އެ މައްސަލައިގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރި އުތުރުކޮރެއާގެ ރައްޔިތަކު ވަނީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޑީޕޯޓް ކޮށްލާފައެވެ.

މި މައްސަލައިގައި އުތުރުކޮރެއާގެ މައްޗަށް ތުހުމަތު ކުރަމުންދާއިރު އެގައުމުން އެކަން ދޮގުކުރެއެވެ.

މިހާރުވެސް މި މައްސަލައިގައި އުތުރުކޮރެއާގެ ރައްޔިތުން ހޯދަމުންދާއިރު އޭގެ ތެރޭގައި މެލޭޝިއާގައި ހުންނަ އުތުރުކޮރެއާގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް