ފަތުރުވެރިކަމުގެ ސިނާއަތުގެ ފަސް ވަނަ މާސްޓާ ޕްލޭންގެ މަސައްކަތް ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ވަނީ އިފްތިތާހު ކޮށްފައެވެ. ރައީސް ސޯލިހު އިފްތިތާހު ކުރެއްވި އެ ހަފްލާގައި ނާއިބް ރައީސް ފައިސަލް ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރާކަތްތެރިވާ އިސްބޭފުޅުންގެ އިތުރުން ރިސޯޓުތަކުގެ ވެރިން ވެސް ބައިވެެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި މަހުޖަނުން ވެސް ހިމެނެއެވެ.
އެހާ މުހިއްމު ހަފްލާއެއްގައި ޖޯޝުން ފުރިގެންވާ ތަގުރީރެއް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދެވެ. ކެމްޕެއިންތަކުގައި ރަށްތަކަށް ވަޑައިގެން، ވާހަކަފުޅު ދައްކަވާ ޖޯޝުގައި ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ.
އެމަނިކުފާނުގެ ވާހަަަކަފުޅު ފެއްޓެވި، ކުޑައިރު ކިޔަވާ ފޮތްތަކުގެ ވާހަކައިންނެވެ. ހިޔާލީ ވާހަކަތަކެއް ސިފަވާ ގޮތަށް ވާހަކަތަކެއް ނަޝީދު ގެންނެވިއެވެ. އެގޮތުން މާމިގިލީ އައްޔަ ކިޔާ މީހަކާއި މަގުދޫ ފަހުރިއްޔާ ކިޔާ މީހެއްގެ ވާހަކަ އެމަނިކުފާނު ގެންނެވިއެވެ. ފަތުރުވެރިކަން ފުޅާވީ ރިސޯޓުތަކުން ނޫން ކަމަށާއި ފަތުރުވެރިން ފެތުރިގެން ދިޔައީ ރަށްތަކުގެ ހޭޅިފަށުން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިންގެ މެދުގައި "މޯލްޑިވްސް" މަގުބޫލު މަންޒިލަކަށް ހެދީ އައްޔަ އާއި ފަހުރީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމީހުން ރިސޯޓަށް ދިޔައީ އަޅުގަނޑު ގާތުގައި މާމިގިލި އައްޔަ އާއި ފަހުރީއާ ދެމީހުން ބުނީ ބަލަ އަހަރުމެން މޯލްޑިވްސް ހެދީމާ ނޫންހޭ. ކުރީގަ އޮތީ ރާއްޖެއޭ. އަހަރުމެން ހަދަފީމެ މޯލްޑިވްސް. އެ މޯލްޑިވްސް ހަދައިގެން އެ މޯލްޑިވްސް ވިއްކައިގެން ރާއްޖެ ބަދަލުކޮށްފީމެ މުޅިން އެހެން ބްރޭންޑަކަށްމުހައްމަދު ނަޝީދު ~ ކުރީގެ ރައީސް ~
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގެ އޯޑިއަންސްގައި ތިއްބެވި ރިސޯޓުތަކުގެ އޯނަރުންނަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، އެ ބޭފުޅުންނަކީ އައްޔަ އާއި ފަހުރީއާ އެއްކޮށް ''މޯލްޑިވްސް'' ހެދުމުގައި އަތުކުރި އޮޅާލައިގެން ރެއާ ދުވާލު ފަޅު ރަށްރަށުގައި ''ބަނޑަހަ'' ޖަހައިގެން މަސައްކަތް ކުރި މީހުން ކަމަށެވެ. ''މި ފަތުރުވެރިކަމަކީ ފަޅު ރަށުގެ ނިކަމެތި ދިރިއުޅުން'' ކަމަށް ސިފަކުރައްވަމުން ވިދާޅުވީ، އެއީ އެކަނިވެރި ދިރިއުޅުން ކަމަށެވެ. ފަތުރުވެރިކަމުގެ މުޅި ސިނާއަތު ބިނާވެފައި އޮތީ ފަޅު ރަށެއްގައި އެކަނި ދިރިއުޅުމުގެ މައްޗަށް ކަމަށެވެ.
އަނބި ދަރިންނެއް ނެތް. ގާތް ތިމާގެ މީހަކުވެސް ނެތް. ހޭލިއްސުރެ ފަށައިގެން ދެ ފައި އެއްތަނަކު ނުޖަހާ މަސައްކަތް ކުރަނީ ރޭގަނޑުގެ އެތައް ދަމެއް ދާ ފަހުން ނިދަން މި އަރަނީ.މުހައްމަދު ނަޝީދު ~ އެމްޑީޕީގެ ރައީސް ~
ރާއްޖޭގެ ރިސޯޓުތައް ހިންގާ ވިޔަފާރިވެރިން ވެސް ބައިވެރވިވެ ވަޑައިގެންނެވި އެ ހަފްލާގައި ނަޝީދު ވިދާޅުވީ، އެ ހުރިހާ ވަގުތަކާއި ބުރަތަކެއް އުފުލައި ރިސޯޓްތަކުގައި ވަޒީފާ އަދާކުރަމުންދާ ދިވެހިން ދަނީ މި ސިނާޔަތް ކުރިއެރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ރާއްޖެއަށް ލިބޭހާ ފައިދާއެއް ލިބެނީ އެ ސިނާއަތުންނެވެ. އިޖްތިމާއި ރައްކާތެރިކަން ފޯރުކޮށް ދެނީވެސް ޓުއަރިޒަމް އިންނެވެ. ފަތުރުވެރިކަމުން ލިބޭ ފައިދާ ހަމަހަމަ ގޮތުގައި އައްޔަ އާއި ފަހުރިއްޔާގެ ދަރިންނަށް ލިބެން ޖެހެއެވެ. އެކަމަކު މިހާރު ކަންތައްވަމުން ދަނީ އެހެނެއް ނޫނެވެ. އެ ދެމީހުންގެ ދަރިން ވެސް ހަމަ އެގޮތަށް ''ފަޅު ރަށުގެ'' ދިރިއުޅުމަށް ވަރިހަމަކޮށްގެން ތިބެން ވަނީ މަޖުބޫރު ވެފައެވެ.
ރަށުގައި އެބައިން އަންހެނުން އޭނާގެ ބަނޑަށް މިހާރު ހަތް މަސް މި ވިހަނީ ދެވަނަ ކުއްޖާ. ކައިވެންޏަށް ހަތަރު އަހަރު އޭނާޔާ އެންމެ ފަހުން ދިމާވީ މީގެ ހަތްމަސް ކުރީގައި. އަދި އޭނާ ކައިރިއަކަށް ނުދަން. ހަގު ދަރިފުޅު ދޮށީ ދަރިފުޅު އެބަހުރި އޭނާ އަށް ހަތަރު އަހަރު. މީގެ ހަތަރު އަހަރު ކުރީގައި ފުރަތަމަ ރިސޯޓުގެ ސަރވިސް ޗާޖު ލިބިގެން ފައުންޑޭޝަން ދަމާލި ގޮތަށް.ރައީސް ނަޝީދު ~ ރައްޔިތުންގެ މަޖިލީހުގެ ރައީސް ~
ނުސީދާކޮށް އެއްވެސް މީހެއްގެ ނަން ނުގެންނަވައި، ބަހުގެ ހަމަލާތައް މަހުޖަނުންނަށް ރައްދު ކުރައްވައި ނަޝީދު ވިދާޅުވީ ''ސައުދާގަރުން'' މުވައްޒަފުންނާ މެދު ކަންތައް ކުރާ ގޮތް ސާފުކޮށް އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި މުވައްޒަފުންނާ ދޭތެރެ ވެރިން އިހާނެތިކޮށް، ކަންތައް ކުރާ ކަމަށެވެ. ސަރވިސް ޗާޖު ހަމަޔަށް ނުލިބޭ ތަނުގައި އަނބިދަރިން ކައިރިއަށް އަހަރަކު ހާލަކުން ފަހަރަކު ނޫނީ ނުދެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރިސޯޓު މުވައްޒަފުންގެ ހައްގުތަކެއްވާ ކަމަށާއި އެ ހައްގުތައް ކަށަވަރު ކޮށްދޭނެ ބަޔަކު ނެތް ކަމަށެވެ.
އެޖެންޑާ 19 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުުދުތަކުގައި އެންމެ ކުޑަ އުޖޫރަ ދޭނެ ކަމަށް ސާފު ބަހުން އަޅުގަނޑުމެން އެބަ ބުނަން. އަދި މި އެކަނިވެރި ދިރިއުޅުން އަނބިމީހާއާ ނުލާ ދަރިންނާ ނުލާ އެކަނިމާ އެކަނި ރެއާ ދުވާލު އިންނަ އިނުން ކޮންމެ ރެއަކު. ކޮންމެ ފަތިހަކު، އެއަށް ހިތަށް ހައްލެއް އެ ހިތްތަކަށް ކޮންމެވެސް މިންވަރެއް ހޯދައިދިނުމަށޭ އަޅުގަނޑުމެން މި އިންތިހާބުގައި މި ބައިވެރިވަނީމުހައްމަދު ނަޝީދު ~ އެމްޑީޕީގެ ރައީސް ~
ނަޝީދު އާންމު ކުރެއްވި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރިސޯޓުތަކުގައި 12،000 ދިވެހި މުވައްޒަފުން މަސައްކަތް ކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ރައީސް ނަަޝީދު ރިސޯޓު މުވައްޒަފުންނަށް ވައުދުވެވަޑައިގެންނެވީ ވަޒީފާ އަދާ ކުރުމަށް ފަހު، އަނބިދަރިން ކައިރިއަށް ދެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ. ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތައް ހޯދައި ދިނުމަށް ހާއްސަ ސަމާލުކަމެއްދީ، އެމީހުންނަށް ލިބެންޖެހޭ ސާރވިސް ޗާރޖް ފަދަ އިނާޔަތްތައް ގަވާއިދުން ލިބުމަކީ އެޖެންޑާ 19 ގައި ކަށަވަރު ކޮށްދީފައިވާ ކަމަކެވެ.