ޝާހްރުކް ހާން އަކީ ބޮލީވުޑްގައި މަޝްހޫރު އެއް ތަރިއެވެ. 1992 ވަނަ އަހަރުން ފެށިގެން ފިލްމީ ދާއިރާގައި ޝާހްރުކް ހާން ހަރަކާތްތެރިވެފައިވާއިރު ވަރަށް ގިނަ ފިލްމްތަކެއް ވަނީ ކުޅެފައެވެ. ފިލްމީ ދާއިރާގެ 24 އަހަރުގެ މި ދިގު މުއްދަތުގައި 1995 ވަނަ އަހަރުވެގެން ގޮސްފައިވަނީ އޭނާގެ ފިލްމީ ދާއިރާގައި ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައެވެ. އެގޮތުން އެ އަހަރު އޭނާ ކުޅުނު ފިލްމް "ދިލްވާލޭ ދުލްހަނިޔާ ލޭޖާޔެންގޭ" ވެގެން ގޮސްފައިވަނީ މުޅި އިންޑިއާ ސިނާމާގެ ވެސް ބްލޮކްބަސްޓަރ ފިލްމަކަށެވެ. އެއަށް ފަހު ޝާހްރުކް ހާން ވެގެންދިޔައީ އިންޑިއާގެ ސުޕަރސްޓާރަކަށެވެ. މީގެ އިތުރުން އޭނާގެ ފިލްމީ ހަޔާތުގައި ކުޅުނު ބައެއް ފިލްމްތައް ކަމަށްވާ ދިލް ތޯ ޕާގަލްހޭ، ކުޗް ކުޗް ހޯތާހޭ ވެގެން ގޮސްފައިވަނީ އަދިވެސް "ހިޓް" ފިލްމްތަކުގެ ގޮތުގައެވެ.
ބޮލީވުޑް ހަޔާތުގައި 24 އަހަރުވެފައިވާއިރު ޝާހްރުކް ހާން މިހާތަނަށް ކުޅެފައިވަނީ 57 ފިލްމެވެ. އެ ފިލްމްތަކުގެ ތެރެއިން ތިން ފިލްމް ބްލޮކްބަސްޓަރއަށް ވެފައިވާއިރު 19 ފިލްމެއް ވަނީ ފްލޮޕްވެފައެވެ. ބްލޮކްބަސްޓަރގެ ގޮތުގައި 5 ފިލްމް ހިމެނޭއިރު 4 ފިލްމް ވަނީ ސުޕަރ ހިޓްވެފައެވެ. އަދި 14 ފިލްމް ހިޓްވެފައިވާއިރު ދެން ހުރި ފިލްމްތައް އުޅެނީ މެދު މިންވަރާއި މެދު މިންވަރަށް ވުރެ ދަށުގައެވެ.
ޝާހްރުކް ހާން ކުޅެފައިވާ ބައެއް ފިލްމްތައް:
1. ދީވާނާ
2. ޗަމަތްކާރް
3. ބާޒީގަރް
4. ޑަރް
5. ކަރަން އަރްޖުން
6. ބާދްޝާ
7. ކަބި ހުޝީ ކަބި ގަމް
8. މެއިހޫނާ
9. ވީރްޒަރާ
10. ޗެނާއީ އެކްސްޕްރެސް
އެންމެ ފަހުން ރިލީޒް ކޮށްފައިވާ ޝާހްރުކް ހާންގެ ފިލްމަކީ ޒީރޯއެވެ. މި ފިލްމް މިދިޔަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު ވަނީ ރިލީޒް ކޮށްފައެވެ. އާންނަދް އެލް ރާއީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގައި ޝާހުރުކް ޚާން (ބައުއާ ސިންގް) ފެނިގެން ދަނީ އާދަޔާ ޚިލާފް ކުރު މީހެއްގެ ރޯލުންނެވެ. އަދި ކެޓްރީނާ ކެއިފް (ބަބީތާ ކުމާރު) ފެނިގެން ދަނީ ބޮލީވުޑް ސުޕަރ ސްޓާރެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ޝަރްމާ (އާފިއާ) ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ސައިންސިސްޓެއްގެ ރޯލުންނެވެ. 200 ކްރޯޑްގެ ބަޖެޓަކުން ހަދަފައިވާ "ޒީރޯ" ވެގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ދިޔަ ފިލްމަށެވެ. މި އަހަރު ޝާހްރުކް ހާން ހަރަކާތްތެރިވާ ދެ ފިލްމެއް ނެރުމަށް ހަމަޖެހިފައިވާއިރު އެ ފިލްމްތައް ރިލީޒް ކުރާ ތާރީހު އަދި ހާމަކޮށްފައެއް ނުވެއެވެ. އެ ދެ ފިލްމަކީ ޔަޝް ރާޖްސް ނެކްސްޓް އަދި ވިކްރަމް ވެދާ ރީމޭކްއެވެ.
ޝާހްރުކް ހާން ވަނީ މިއަހަރުގެ ޖުލައި މަހު ރާއްޖެ އައިސް އާއިލާއާއެކު ޗުއްޓީ ހޭދަކޮށްފައެވެ. ރާއްޖެއަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. އެގޮތުން މި އަހަރު މިހާތަނަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އަބީޝޭކް ބައްޗަން އާއި އައިޝްވާރްޔާ ރާއި، މަލިކާ އަރޯރާ އާއި އަދި އަރްޖުން ކަޕޫތު، ކްރިތީ ސަނޯން، ކެޓްރީނާ ކެއިފް، އަރްޖުން ރާމްޕަލް އަދި ވިވެކް އޮބަރޯއި ހިމެނެއެވެ. ރާއްޖޭ އަކީ މިހާރު ހުޅަނގުގެ ގައުމުގެ ތަރިންގެ މެދުގައި ވެސް މަގުބޫލު ތަނެކެވެ. އެގޮތުން، ދާދި ފަހުން ހޮލީވުޑްގެ މަޝްހޫރު ތަރިން ސޯފީ ޓަރނަރ އާއި ޖޯ ޖޯނަސް ވަނީ ރާއްޖޭގައި ހަނީމޫން ހޭދަކޮށްފައެވެ.
މި ދެ މީހުންގެ އިތުރުން ރާއްޖެއަށް މިއަހަރު މިހާތަނަށް ޒިޔާރަތް ކޮށްފައިވާ ހޮލީވުޑްގެ ތަރިންގެ ތެރޭގައި ކާރާ ޑިލެވިން، އޭޝްލީ ބެންސަން، ރީޓާ އޯރާ އަދި ގްވިނެތު ޕަލްޓްރޯ، ކްރިސް މާޓިން އާއި ޑަކޯޓާ ޖޯންސަން ހިމެނެއެވެ. ދުނިޔޭގެ ބޮޑެތި ތަރިން ތަކުގެ ތެރޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވަމުންދާ އެއް ސަބަބަކީ ޕަޕަރާޒީ އުނދަގޫ ނުޖެހި އުޅޭވޭތީ ކަމަށް ބެލެވެއެވެ.