ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ އޭގެ ޒާތުގައި ހަތަރު ފާރެއް ނޫނެވެ. ގާނޫނީ ޝަހުސެއްގެ ގޮތުގައި އުފެދިފައިވާ ވިޔަފާރި ކުންފުންޏެކެވެ. ކުންފުނި ހިންގާނެ ބޯޑަކާއި، މެނޭޖްމަންޓެއް އޮވެއެވެ. ބޭންކް އޮފް މޯލްޑިވްސް އަކީ ގައުމީ ބޭންކެވެ. ބޭންކު ރަނގަޅު ގޮތުގައި ހިނގައި ގައުމަށް އޭގެން މަންފާ ލިބިގެން ދިއުމަކީ ދިވެހި ހުރިހާ ރައްޔިތުންވެސް އެދޭ ގޮތެވެ.
ހިތާމަޔަކީ މި ދުވަސްވަރު ބޭންކްގެ ވާހަކަދެކެވެމުން އަންނަނީ ނުރަގަޅު ސަބަބުތަކާއި ގުޅުވައިގެން ކަމެވެ. އުފެދޭ ސުވާލަކީ ބޭންކާއި މެދު ދެކެވެމުން އަންނަ ވާހަކަތަކުގެ ޒިންމާ އުފުލާނީ ބޭންކުގެ ހަތަރު ފާރުތޯއެވެ. ނޫނީ މަގުދައްކާން އޮތް ބޯޑާއި ހިންގުމުގައި މަސްއޫލުވެ ތިބި މެނޭޖްމަންޓް ތޯއެވެ. ބޯޑު ކަމުގައި ވިޔަސް، މެނޭޖްމަންޓް ކަމުގައި ވިޔަސް އިހުމާލު ވާފަރާތެއް އެބަވެއެވެ. ކޮންމެއަކަސް އެނގޭ އެއްކަމަކީ މި ކަމުގެ ޒިންމާ ނެގުމުގައި ކޮންމެވެސް އެއް ބަޔަކުވަނީ ފަހަތު ފަޔަށް ބުރަވެފައި ކަމެވެ. ގޯހެއް ގޯހަކަށްވެ މަލަރުވަނީ ގޯސްކޮށްކުރެވޭ ކަންތައް ދިފާއުކޮށް އެއީ ރަނގަޅު ކަންކަންކަމުގައި ހަދަން މަސައްކަތްކުރާން ފެށުމުންނެވެ.
ދެން އުފެދޭ ސުވާލަކީ މާލީ އިދާރާތައް ހަމަ މަގުން ހިނގަމުންދާކަން ކަށަވަރު ކުރާނެ މިންގަޑުތަކަކާއި އެކަންކަމާއި މަތިކުރެވިފައިވާ މުއައްސަސާތަކެއް ހުރެމެ، ޒިންމާ ހަވާލުކުރެވިފައިވާ އިދާރާތަކުން، އެ ފަރާތްތަކުގެ ޒިންމާ ވަނީ ރަނގަޅަށް އަދާކޮށްފައިތޯ އެވެ. ބޭންކްގެ ކަންތައް ހިނގަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ ހަވާލުވެފައި އޮންނަ ފަރާތްތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އެވެ.
ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ހިޔާނާތަކީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮތޯރިޓީ (އެމްއެމްޕީއާރްސީ) ގެ ހިޔާނާތް ކަމަށްވާއިރު މި ހިޔާނާތުގައި ބޭންކްގެ ޝާމިލްވުމާއި ދޭތެރޭ އުފެދުނު ސުވާލުތަކަށް ބޭންކުން ވަނީ ޖަވާބުދާރީވެފައެވެ. މި ކަމުގައި ބޭންކުން ޖަވާބުދާރީވެފައިވާއިރު، އުފެދޭ ސުވާލަކީ ބޭންކުން މި ކަމުގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި ސުވާލު ނުއުފެއްދޭ ވަރަށް މިކަން އެންމެހާ ރައްޔިތުންނަށް ސާފުކޮށްދެވިފައިވޭތޯއެވެ.
މިސާލެއްގެ ގޮތުން ބަލާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ ގޮތުން ބޭންކަށް ތުހުމަތުގެ އިނގިލި ދިއްކުރެވުމުން، 17 ފެބްރުއަރީ 2019 ގައި އެކަމަށް ޖަވާބުދާރީވާން ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ނޮން ނެގޯޝިއެބަލް" ޗެކް އެންޑޯޒްކޮށްދީފައިނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ސުވާލުކުރުމަށް ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ހާޒިރުކޮށް އެކަމާއި ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކަށް، އެބޭފުޅާ ދޮގު މައުލޫމާތު ދެއްވާފައިވާތީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހަށް ފޮނުވަން ނިންމިއެވެ. އެހާ ހިސާބުން ޝަރީފް ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައި ތެދު މައުލޫމާތު ދެއްވާނެ ކަމަށާއި، އެ ވަގުތު ކޮމިޓީގައި ދެއްވި ޖަވާބަކީ އެކަން ރަނގަޅަށް ސާފުނުވެ އޮތުމުން ދެއްވި ޖަވާބެއް ކަމަށެވެ. އެ ކޮމިޓީއަށް ހާޒިރުކޮށް މެމްބަރަކު "ނޮން ނެގޯޝިއަބަލް" ޗެކްތައް ބީއެމްއެލްއިން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވޭތޯ އެއްސެވުމުން ޝަރީފު ވިދާޅުވީ އެފަދަ ޗެކެއް ޖަމާކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް 2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 2015 އޮކްޓޯބަރުމަހުގެ ނިޔަލަށް "ނޮން ނެގޯޝިއެބަލް" ޖަހާފައިވަނިކޮށް އެންޑޯސްކޮށްގެން ޖަމާކޮށްފައިވާ 6 ޗެކެއްގެ ތަފްސީލް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. ބޭންކުން ވަނީ ހަތް މިލިޔަން ދެލައްކަ ފަންސާސްހާސް ޑޮލަރު، (ދިވެހި ފާއިސާއިން ސަތޭކަ އެގާރަ މިލިޔަން ރުފިޔާ) ގެ "ނޮން ނެގޯޝިއެބަލް" ޖަހާފައިވާ، އެކި ބޭންކްތަކުގެ 6 ޗެކެއް ޖަމާކޮށްދީފައެވެ. މި ޗެކްތަކަކީ ބީއެމްއެލް ނޫން އެހެން ބޭންކުތަކުގެ ޗެކްތަކެކެވެ. ބީއެމްއެލްއިން "ނޮން ނެގޯޝިއެބަލް" ޖަހާފައި ވަނިކޮށް ޖަމާކޮށްފައިވަނީ މަލްޓިނޭޝަނަލް ބޭންކްއަކާއި ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ އިންޓަރނޭޝަނަލް ބޭންކެއްގެ ބްރާންޗެއްގެ ޗެކްތަކެކެވެ. ކޮންމެއަކަސް ޝަރީފް ކޮމިޓީގައި ދެއްވި މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫންކަން، މި އޮތީ ހާމަވެފައެވެ.
އުފެދޭ ސުވާލަކީ ދޮގު މައުލޫމާތު ދީފައިވާ ފަރާތެއް ބީއެމްއެލްގެ ބޯޑް މެމްބަރު ކަމަށް ކުފޫ ހަމަވޭތޯއެވެ. ބީއެމްއެލްގެ ބޯޑްގައި އެކުލެވޭ މެމްބަރުންނަކީ އެ މަގާމަށް ޝަރުތު ހަމަވާ ބައެއްތޯ ބެލުމުގެ ޒިންމާ ހަވާލުވެފައިވާ އެމްއެމްއޭ އާއި ސީއެމްޑީއޭ އިން ޝަރީފް އެ މަގާމުގައި ދެމިހުރުމުގެ ޝަރުތު ހަމަވޭތޯ ބަލަންނުޖެހޭތޯއެވެ. މީގެ އިތުރުން ބޭންކްގެ ބޯޑުގެ ކޮމިޓޫއެއްކަމުގައިވާ "ނޮމިނޭޝަން" ކޮމިޓީއިން ޝަރީފްއަކީ ނަޒާހަތްތެރި ބޭފުޅެއްތޯ ބަލަންނުޖެހޭތޯއެވެ؟
ސީއެމްޑީއޭގެ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުގެ އޮންނަ 4 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގައި ނަޒާހަތްތެރިކަމާއި އަބުރުވެރިކަމާއި އަޚްލާގާއި ގުޅޭ ގޮތުން ބުނެފައިވާގޮތުން ނަމަ، ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތެއް ނުވަތަ އެމީހަކާއި މެދު ޖިނާއީ ކުށެއް ހިގަމުންދާ ފަރާތެއްނަމަ އެފަރާތެއްގެ ފިޓް އެންޑް ޕްރޮޕަރކަން ގެއްލޭނެއެވެ.
ޝަރީފް ގާނޫނު ހަދާ މަޖިލީހަށް ތެދުނޫން މައުލޫމާތު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންގެ އިދާރާއަށް ގާނޫނު ހަދާ މަޖިލީހުން އެ ވަނީ ހުށަހަޅާފައެވެ. ތެދު ނޫން މައުލޫމާތު ޝަރީފް ދިން ކަމުގެ ހެކި ގާނޫނޫ ހަދާ މަޖިލީހުގައިވެސް އެބައޮތެއެވެ. މަޖިލީހުގައި ދޮގު މައުލޫމާތު ދިނުމަކީ ޖީނާއީ ދައުވާ އުފުލޭނެ ފަދަ ކުށެކެވެ. އެހެންކަމުން ޝަރީފް ބޭންކުގެ ބޯޑް މެމްބަރު ކަމުގައި ހުރުމުގައި ބަލަންޖެހޭ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑަށް ނުފެތޭ ކަމަށް ބުނެވިދާނެއެވެ. ދެން އުފެދޭ ސުވާލަކީ ޝަރީފްއަށް ފިޔަވަޅު އަޅަންޖެހެނީ ކޮން ފަރާތެއްތޯއެވެ.
ސީއެމްޑީއޭގެ "ފިޓް އެންޑް ޕްރޮޕަރ" ގައިޑްލައިންގެ 6 ވަނަ މާއްދާގެ 1 ގައި ބުނެފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތްތަކަކީ އެ ގައިޑްލައިންގައި ކަނޑައަޅާފައިވާ "ފިޓް އެންޑް ޕްރޮޕަރ" ޝަރުތުތައް ފުރިހަމަވާ ފަރާތްތަކެއްކަން ޔަގީންކުރުމަށްޓަކައި "ނޮމިނޭޝަން" ކޮމިޓީން ބަލަމުން ގެންދަންވާނެ ކަމަށެވެ.
ޝަރީފް އާއި މެދު އަދި މިހާތަނަށް އައިއިރުވެސް ބީއެމްއެލް އިން ފިޔަވަޅެއް އަޅާފައިނުވާއިރު، ބޭންކްގެ ބޯޑްގެ "ނޮމިނޭޝަން ކޮމިޓީ" އިން ސީއެމްޑީއޭގެ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުގެ 6 ވަނަ މާއްދާއަށް އަމަލުކުރުމުގައި ވަނީ އިހުމާލުވެފައެވެ. އެހެންވީމާ ނޮމިނޭޝަން ކޮމިޓީގައި މިވަގުތު ތިއްބެވި ބޭފުޅުން އެ މަގާމަށް ފިޓް ނޫން ކަމަށް ބެލެވިދާނެއެވެ. ސީއެމްޑީއޭގެ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުގެ 6 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، އެ ބޭފުޅުން މި ވަގުތު ބޭންކްގެ ބޯޑް މެމްބަރުންގެ ގޮތުގައި ތިބި ތިބުމާއި މެދު ސުވާލުއުފެދެއެވެ.
ބީއެމްއެލް ބޯޑުގެ ސަބް ކޮމިޓީއެއް ކަމުގައިވާ އޮޑިޓް ކޮމިޓީގެ ޒިންމާއެއްވެސް އޮވެއެވެ. ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަރަނަންސް ކޯޑްގެ 4 ވަނަ މާއްދާގެ ޑީ ގައިވާ ގޮތުން ބޭންކްގެ އެކްސްޓާރނަލް އޮޑިޓް ކުރުމާއި، އިންޓާރަނަލް އޮޑިޓް ކުރިއަށް ގެންގޮސް އިންޓާރަނަލް ކޮންޓްރޯލް ހަރުދަނާ ކުރަންޖެހެއެވެ. އެ ކޮމިޓީގެ ޒިންމާ އަދާކުރެވިފައިވޭތޯ މިއީ އުފެދޭ ސުވާލެކެއެވެ. ބީއެމްއެލްއިން "ނޮން ނެގޯޝިއެބަލް " ޗެކްތައް އެންޑޯސްކުރެވިގެން ޖަމާކޮށްފައިވާއިރު، އެކަމާއި ބެހޭ އެއްވެސް ވާހަކައެއް އަހަރީ ރިޕޯޓްތަކުގައި ފެންނަން ނެތެވެ.
2018 އިން 2014 އާއި ދެމެދުގެ އެއްވެސް އަހަރީ ރިޕޯޓެއްގައި މި ބާވަތުގެ އެއްވެސް މުއާމަލާތެއް ބޭންކުން ކޮށްފައިވާކަން ފާހަގަކޮށްފައެއް ނުވެއެވެ. އިންޓަރނަލް އޮޑިޓުން އެއްވެސް ކަމެއް ރަނގަޅު ކުރަން އޮތްކަން ފާހަގަކުރެވި އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކޮށްފައެއް ނުވެއެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) 30 ޖުލައިގައި އޮންނައިރު އެ ޖަލްސާގައި ބޭންކްގެ އާ ބޯޑް އެކުލަވާލެވޭނެއެވެ. މި ވަގުތު ބޭންކްގެ ބޯޑްގައި ތިއްބެވި "ފިޓް އެންޑް ޕްރޮޕަރ" ކަން ގެއްލިފައިވާ ބޭފުޅުން އިތުރު ދައުރަކަށް އިންތިޚާބުވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި ކަން މި ގޮތަށް ވެގެންދާނީ އެމްއެމްއޭއާއި ސީއެމްޑީއޭއާއި، ސްޓޮކް އެކްސްޗޭންޖް އިން ކަނޑައަޅާފައިވާ މިންގަޑަށް ބަލާއިރު "ފިޓް އެންޑް ޕްރޮޕަރ" ކަން ގެއްލިފައިވާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމައެވެ. މި ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އެޅުމަކީ މި ދެންނެވި މުއައްސަސާތަކުގެ ޒިންމާއެކެއެވެ. ނޫންނަމަ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމުގައި އެފަރާތްތަކުން ވެސް އިހުމާލު ވެވުނީއެވެ.
މާޒީ ބަދަލެއް ނުކުރެވޭނެއެވެ. އެހެނަސް މާޒީން ފިލާވަޅު އުނގެނިގަނެ މުސްތަގްބަލު އުޖާލާ ކުރެވިދާނެއެވެ. ފާއިތުވި ތަނަކީ އަންނަން އޮތް ދުވަސްތަކަށް މަގު ދައްކައިދޭ ސަމުގާއެވެ. ގައުމުގައި ހުރި މުހިންމު އިދާރާތައް ހިމާޔަތްކޮށް ހަރުދަނާކުރެވޭނީ އިއްޔެގެ ކުށް ގަބޫލުކޮށް މާދަމާ އެފަދަ ކަންކަން ވިޔަނުދޭން ކުރާ މަސައްކަތުންނެވެ.
ބީއެމްއެލްއަކީ ދިވެހިންގެ ފަޚުރު ކަމަށްވާއިރު، ހިނދުކޮޅަކަށް ނަމަވެސް ބޭންކްގެ މޫނުމައްޗަށް ބުރާފައިވާ އަޅިއަކީ ސާފުނުކުރެވޭނެ އެއްޗެއް ނޫނެ ވެ. ދިވެހިންގެ އުއްމީދަކީ ދިވެހިންގެ ބޭންކް، އެއީ ނަމޫނާ ބޭންކެއްގެ ދެމިއޮތުމެވެ. މުއައްސަސާއެއް ނުވަތަ ޝަހްސެއްގެ ސިފަ ރިވެތި ނުވަތަ ހުތުރު ކުރަނީ އެ ތަނެއްގެ ބޯޑާއި މެނޭޖްމަންޓްއެވެ. ބޭންކްގެ މެނޭޖްމަންޓާއި، ބޯޑް ބަދަލުކުރުމަކީ ބޭންކްގެ މޫނުމައްޗަށް ބުރާފައިވާ އަޅި ސާފު ކުރުމަށް މި ވަގުތު އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅެއެވެ. ފާރަވެރިވާން ޖެހޭ ފަރާތްތަކުން ކުރާންވީ ކަމަކީ ފާލުން ނެއްޓިފައިވާ ކަންކަން އަލުން ފާލަށް އެޅުވުމެވެ.