Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 18:21
އެމްޑީޕީގެ ޗެއާރޕާސަން ނައިބު އަލީ ނިޔާޒު
އެމްޑީޕީގެ ޗެއާރޕާސަން ނައިބު އަލީ ނިޔާޒު
މުހައްމަދު ޝަރުހާން
ލޯކަލް ކައުންސިލް އިންތިހާބު
އޮބްޒާވަރުންނަށް ވޯޓުލާ މީހުންގެ ރެޖިސްޓްރީ ވޯޓްލާ މަރުކަޒަށް ވެއްދޭގޮތަށް ހަމަޖައްސައިފި
ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ބުރާސްފަތި ދުވަހުގެ 10:00ގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އޮންނާނެ

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އޮބްޒާވަރުންނަށް ވޯޓްލާ މަރުކަޒުތަކަށް ވޯޓާސް ލިސްޓް ވެއްދޭ ގޮތަށް ހަމަޖައްސައިފި އެވެ.

 

ހޯމަ ދުވަހު އިލެކްޝަން ކޮމިޝަނުގައި ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ނިންމާލުމަށް ފަހު، އެބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެޕާޓީ ޗެއާރޕާސަން ނައިބު އަލީ ނިޔާޒު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މީގެ ކުރިން އޮބްޒާވަރުންނަށް ވޯޓްލާ މަރުކަޒުތަކަށް ވެއްދެނީ ހަމައެކަނި ނޯޓް ކުރާނެ ކަރުދާސް ކަމަށާއި ނަމަވެސް މިހާރު ވޯޓްލާ މަރުކަޒުތަކަށް "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ" ވެއްދޭ ގޮތަށް ގައުމީ ލަފާދޭ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

 

"އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ވޯޓްލާ މަރުކަޒަށް ވެއްދުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނީ. އެހެންވީމާ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ވޯޓްލާ މަރުކަޒަށް ވެއްދޭގޮތަށް ނިންމީ. ވޯޓް ލާންދާމީހާ އެނގެންޖެހޭ، އެހެންވީމާ އެއީ ވަރަށް ރަނގަޅުކަމެއް،" ނިޔާޒު ވިދާޅުވި އެވެ.

 

އަލީ ނިޔާޒު ވިދާޅުވީ އަވައްޓެރި ސްރީލަންކާ އިންޑިއާގައި ވޯޓް ލުމަށް 1،000 މީހުން ހަމަނުވިޔަސް ވޯޓް ލެވޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާނެ ކަމަށާއި އެއީ މިހާރު ލަންކާގައި ވެސް 900 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާތީ ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވޯޓު ލުމުގެ ހައްގު ދިނުމުގެ ގޮތުން ކަމަށް ނިޔާޒު ވިދާޅުވި އެވެ.

 

ނިޔާޒު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ 10:00 ގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ބުނެފައިވާ ކަމަށެވެ. މީގެ ކުރިން ގުރުލުން ބާއްވަން ތާވަލްކޮށްފައި އޮތީ ހޯމަ ދުވަހު (މިއަދު) އެވެ. ނަމަވެސް މިހާރު ވަނީ ފަސްކޮށްފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް