ގައުމުގައި އޮތް މައްސަލަތައް ހައްލު ކުރަން ސަރުކާރަށް އޮތް ގޮންޖެހުންތައް ކުޑައެއް ނޫނެވެ. ގައުމުގައި ވެރިކަން ކުރެއްވި ރައީސް ޔާމީން ފަދަ ބޭފުޅުންގެ ސަރުކާރުގައި ގައުމަށް އުފަން ކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުން ފެށިގެން ގޮސް ބިދޭސީންގެ އަދަދު މަތިވުމުން ހައްލު ކުރަން އޮތް މައްސަލަތައް ކުޑައެއް ނޫނެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބަލާ ފިޔަވަޅުއަޅާއިރު ސަރުކާރުން ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތް ފަރުވާތެރިކަމާއެކު ކުރިއަށް ގެންދަން ޖެހެއެވެ. ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި މިރާއްޖޭގައި އެއްލައްކަ ފަންސާސްހާހަށްވުރެ ގިނަ ބިދޭސީން ދިރިއުޅެއެވެ. އެމީހުންގެ ތެރޭގައި 60 ހާހެއްހާ މީހުންގެ އަތުގައި ގާނޫނީ އެއްވެސް ލިޔުމެއް ހުއްދައެއް ނެތެވެ. އަދި އެމީހުން ގެނެސް މަގުމައްޗަށް ދޫކޮށްލުމުން އެމީހުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދަދޭން މިއަދު ޖެހެނީ ސަރުކާރަށެވެ.
ކޮރަޕްޝަނާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު ކޮރަޕްޝަނުގެ މައްސަލަތަކާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށް ބަލާ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އެންމެހާ މުއައްސަސާތަކުގެ އޭރުގެ ވެރިން މުއައްސަސާތަކަށް ހާޒިރުކޮށް އިތުރަށް ސުވާލު ކުރުން އޮތީ ފެށިފައެވެ.
ކުރިން އޭސީސީއިން އެމައްސަލަ ބަލާފައި އޮތަސް މަޖިލީހުގެ ކޮމެޓީތަކާ، އެސެޓް ރިކަވަރީ ކޮމިޝަނަށް ގާނޫނީ ބާރު ލިބުމުން މައްސަލައިގެ 6 ފަރާތް ހޯދާ ބަލަން ފަަށައިފިއެވެ. ފައިސާތައް ބޭންކް މެދުވެރިކޮށް ޖަމާކޮށްފައިވާ އުސޫލާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ހޯދާ ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތުގައި އެކޮމިޝަނާ ދެކޮޅަށް އެއްބަޔަކު އެތިބީ ކޯޓަށް މައްސަލަ ހުށަހަޅައިގެންނެވެ.
މަޖިލީހުގެ ރައީސް ވިދާޅުވާ ގޮތުގައި ކަންކަމާ ގުޅޭ ގޮތުން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ސުވާލު ކުރުމުން ދޮގު ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެގޮތަށް ކަންކުރާ ފަރާތެއްގެ މައްސަލަ ތަހްގީގުކޮށް ޖިނާއީ ދައުވާ ކުރަން ފޮނުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މިއީ މަޖިލީހުގެ ކޮމެޓީތަކުގައި ބެލޭ މައްސަލަތަކުގެ ބާރު ހުރި މިންވަރު އަންގައިދިނުން ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތެވެ.
ހައްލުކުރަން ޖެހޭ މައްސަލަތަކާ ބަލަންޖެހޭ މައްސަލަތަކުގެ ކިޔުގައި އޮތް އެއް މައްސަލައަކީ ރައީސް ޔާމީނާ ގުޅުވައިފައި އޮތް މަނީ ލޯންޑަރިންގ ގެ މައްސަލައެވެ. މައްސަލައިގެ ޝަރީއަތް ފެށުން އޮތީ ކުޑަތަންވެފައެވެ. ހަމަ ޔަގީނުންވެސް ޝަރީއަތުގެ މަޖިލީހުގައި މީގެ ކުރިން އަޑު އިވިފައިނުވާ އެތައް ވާހަކަތަކެއް ދިވެހިންނަށް އަޑުއިވިގެންދާނެއެވެ. އަދި ޝަރީއަތުގެ ކުރިމައްޗަށް މީގެ ކުރިން އެއްގޮތަކަށް ވެސް ހާޒިރު ނުކުރެވޭނެ ކަމަށް ގަބޫލުކުރި އެތައް ބޭފުޅުންނަކަށް އެކުރެވުނީ ކުށް ހީއެއް ކަމަށް މިހާރު ގަބޫލު ކުރެވޭނެއެވެ.