މާލެސިޓީ އަކީ ކާރޫބާރު ބޮޑުތަނެކެވެ. މާލެގެ މަގުތައް ހަލާކުވުމުގެ މައްސަލައިގެ އިތުރުން ދެން ދީމާވާ އެންމެ ބޮޑު ދަތި އުނދަގޫ ކަމަކީ ޖާގައިގެ ދަތިކަމެވެ. އުޅަނދު ޕާކް ކުރާނެ ތަން ނެތުމެވެ. މިގޮތަށް ދިމާވުމުން ބައެއް ފަހަރު ޕާކިންގ ޒޯން ފިޔަވާ އެހެން ޒޯންތަކުގައި މީހުން އުޅަނދު ޕާކު ކުރެއެވެ. ދެން ފެންނާނީ ޓްރެފިކް ފުލުހުން އެ އުޅަނދެއްގައި ސްޓިކާ ޖަހައިފައި ހުއްޓައެވެ. ބައެއް މީހުން ބުނާ ގޮތުން އުޅަނދުތަކުގައި ޓްރެފިކް ފުލުހުން ސްޓިކާ ޖަހަނީ ޤަވާއިދާ ހިލާފަށެވެ. އެއްވެސް ބަލާލުމެއް ނެތި އެކަން ކުރަނީ ދައުލަތަށް އާމްދަނީ ހޯދުމުގެ ނިޔަތުގައެވެ. އަނެއް ބަޔަކު ބުނަނީ އުޅަނދުތަކުގައި ސްޓިކާ ޖަހަނީ ޤަވާއިދާ އެއްގޮތަށް ކަންކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޤަވާއިދާ ޚިލާފަށް ޕާކު ކޮށްގެން ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް 1350 އުޅަނދެއްގައި ސްޓިކަރ ޖަހާފައިވާއިރު، ޖުމުލަ 5 ކާރާއި 39 ސައިކަލު ޓޯ ކޮށްފައިވެއެވެ. ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ގިނަ އަދަދެއްގެ އެއްގަމު އުޅަނދުގައި ފުލުހުން ސްޓިކާ ޖަހައިގެން ބައި މިލިއަނެއްހާ ރުފިޔާ މިދިޔަ މެއި މަހުގެ ތެރޭގައި އެކަނި ވެސް ހޯދާފައިވެއެވެ.
އުޅަނދުތަކުގައި ސްޓިކާ ޖަހާ މައްސަލާގައި އާންމުންގެ ހިޔާލު ތަފާތުވެފައިވާއިރު ގިނަ މީހުން ސްޓިކާ ޖަހާ އުސޫލާއި މެދު ހިތްހަމައެއް ނުޖެހެއެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ގިނަ ވައުދުތަކެއް ވަނީ ވެވަޑައިގެންފައެވެ. އޭގެ ތެރެއިން އެއް ވައުދަކީ ސަރުކާރުން ރައްޔިތުންގެ އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ވެވަޑައިގެންނެވި ވައުދެވެ. ޕާކް ކުރާނެ ޖާގަ ތަނަވަސްނުކޮށް ފުލުހުން ނުކުމެ ސްޓިކާ ޖެހުމަކީ ގަބޫލުކުރެވޭ އުސޫލެއް ކަމަށް ނުވާތީ، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ވަގުތީ ގޮތުން މި ސަރުކާރުން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ހުއްޓާލާފައެވެ. އެހެންނަމަވެސް އުޅަނދުތަކުގައި އަނެއްކާވެސް އަލުން މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ސްޓިކާ ޖަހަން ފައްޓާފައެވެ.
ސްޓިކާ ޖަހާ މައްސަލާގައި އާންމުންގެ އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވެފައިވަނީ ފުލުހުންގެ މުއައްސަސާއަށާއި ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ. އެ ދެ މުއައްސަސާ އިން ވެސް ބުނަމުން ގެންދަނީ ސްޓިކާ ޖަހަނީ ޤަވާއިދާ އެއްގޮތަކަށް ކަމަށެވެ. ދާދި ފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އުޅަނދުތަކުގައި ސްޓިކާ ޖަހަމުން އަންނަނީ ޕާކުކުރާނެ ތަން ދެއްކުމަށް ފަހު ކަމަށެވެ.
ސްޓިކާ ޖަހައިގެން މައްސަލައެއް އަޅުގަނޑުމެންނަކަށް ހުށަހެޅިފައެއް ނެތް. ސަބަބަކީ މިގޮތަށް ޕޮލިހުން ވަރަށް ރަނގަޅަށް ބައްލަވާފައި ސްޓިކާ ޖަހަންޖެހޭ ވެހިކަލްތަކުގައި ސްޓިކާ ޖަހަމުން އެ ގެންދަނީ. އެކަމަށްޓަކައި އަޅުގަނޑު ޕޮލިހުންނަށް ޝުކުރު ދަންނަވަންމިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ
މި ސަރުކާރު އައި ފަހުން ގާތްގަނޑަކަށް ހަތަރަކަށްވުރެ ގިނަ ޕާކިންގ ޒޯންތައް ހަދާފައިވާއިރު އަދިވެސް އުޅަނދުތައް ޕާކު ކުރުމުގެ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ. ރައްޔިތުންގެ މެދުގައި މިކަމާއިމެދު ހިޔާލު ތަފާތުވެފައިވާއިރު، އެންމެހާ ރައްޔިތުން ވެސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ކިތަންމެ ވަރަކަށް ޕާކިންގ ޒޯން އެޅި ކަމުގައި ވިޔަސް މި މައްސަލަ ހައްލު ވާނީ ރައްޔިތުން އަމިއްލައަށް އެ ރައްޔިތެއްގެ ފަރުދީ ޒިންމާ އަދާކޮށްގެން ކަމެވެ.