ކ. މާލެ
|
12 ޖުލައި 2019 | ހުކުރު 09:32
ވޮލީ އާއިލާގައި ހިމެނޭ ބައެއް ބޭފުޅުން
ވޮލީ އާއިލާގައި ހިމެނޭ ބައެއް ބޭފުޅުން
ފޭސްބުކް
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)
ވީއޭއެމް އިންޓަރިމްއަކަށް ގެނައި ސަބަބު އެމްއޯސީން ހޯދަނީ!
އިންޓަރިމްއަކަށް ގެނައި ސަބަބު ހޯދަން ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ސިޓީއެއް ވަނީ ފޮނުވާފައި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިންޓަރިމްއަކަށް ގެނައި ސަބަބު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ހޯދަން ފަށައިފިއެވެ.

އެމްއޯސީގެ ސެކެޓްރީ ޖެނެރަލް އަހުމަދު މަރުޒޫގް ވިދާޅުވީ، ބައިނަލްއަގުވާމީ ވޮލީ ފެޑެރޭޝަން (އެފްއައިވީބީ) ގެ އެދުމުގެ މަތިން ވީއޭއެމް އިންޓަރިމްއަކަށް ގެނައި ސަބަބު އެމްއޯސީން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން މަރޭ ވިދާޅުވީ، ވީއޭއެމް އިންޓަރިމްއަކަށް ގެނައި ސަބަބު ހޯދަން ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެކަން ހިނގައިދިޔަ ގޮތް އެމްއޯސީން ބަލާނެ ކަމަށެވެ.

މީގެއިތުރުން ވީއޭއެމްގެ ކަންތައް ހިނގައިދިޔަ ގޮތް އެމްއޯސީން ބަލަމުން އަންނަކަން އެފްއައިވީބީއަށް އަންގާފައިވާ ކަމަށްވެސް މަރޭ ވަނީ ވިދާޅުވެފައެވެ.

މި މަހުގެ ފަސްވަނަ ދުވަހު އެފްއައިވީބީން އެމްއޯސީއަށް ފޮނުވި ސިޓީއެއްގައި ބުނީ، ވީއޭއެމްގެ އިންތިހާބީ ލީޑާޝިޕް މަގާމުގެ މަސްއޫލިޔަތުން ދުރުކުރަން ރާއްޖޭގެ ކޮމިޝަނަރ އޮފް ސްޕޯޓްސް ނިންމާ، އިންޓަރިމް ކޮމިޓީއަކާ އެސޯސިއޭޝަން ހަވާލުކޮށްފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އިތުރަށް އެ ސިޓީގައި ބުނެފައިވަނީ، ވީއޭއެމްގެ އޮފީސްވެސް ހިސޯރުކޮށްފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށާއި، ވީއޭއެމް މިހާރު އޮތް ހާލަތު ދެނެގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވީއޭއެމްއަށް ދިމާވެފައިވާ މައްސަލައިގައި މައުލޫމާތު ހިއްސާކުރުމަށް އެފްއައިވީބީން ވަނީ އެދިފައެވެ.

ވީއޭއެމްއަކީ އެފްއައިވީބީގެ ފުރިހަމަ މެމްބަރެއްކަން ފާހަގަކުރަމުން އެފްއައިވީބީން ބުނީ، ފުރިހަމަ މެމްބަރަކަށް ވުމުން ވީއޭއެމްއަށް ލިބެންޖެހޭ އެންމެހާ ހައްގުތަށް ވީއޭއެމްއަށް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަކީ އެ ޖަމިއްޔާއިން ބަޔާންކޮށްފައިވާ އުސޫލްތަކާއި އެއްގޮތަށް އިންތިހާބުކުރެވިފައިވާ އެކްސްކޯއަކަށްވާއިރު، މިހާތަނަށް އެކްސްކޯގެ މެމްބަރުން ވަކިކުރަން ޖެހޭކަމުގެ އެއްވެސް ކަހަލަ ހެއްކެއް އެފްއައިވީބީއަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ. އަދި އެފްއައިވީބީން ކުރަމުންދާ ތަހުގީގު ނިމެންދެން މިހާރު ވީއޭއެމްގައި އޮތް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ ރަސްމީ ހައިސިއްޔަތު ދެމިއޮންނާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ވީއޭއެމްއާ ގުޅޭގޮތުން ހުށަހެޅުނު ގިނަ ޝަކުވާތަކެއްގެ މައްސަލަ ކޮމިޓީއެއް މެދުވެރިކޮށް މެއި މަހު 21 ވަނަ ދުވަހުން ފެށިގެން ބެލުމަށް ފަހު އެ، އިދާރާގެ ހިންގުން ރަނގަޅުކުރުމުގެ ގޮތުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) ވަނީ އިންޓަރިމް ކޮމިޓީއަކާ ހަވާލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް