Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 23:26
ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު
ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު
މިހާރު
ފ އަތޮޅުގެ ޑީލް
ފ އަތޮޅު ޑީލާއެކު ގިނަ ރައްޔިތުންތަކެއް އެއްފަސްކުރާނެ ކަމުގެ އިޝާރާތެއް
އެއްފަސްކުރާ މީހުންނަށް ދިރިއުޅޭ ވަޞީލަތްތައް ހިލޭ ފޯރުކޮށްދޭނެ
ބޭނުންވަނީ އަވަސް ތަރައްޤީ: ޑރ. މުޢިއްޒު

ސައުދީ އަރަބިއާ އާއެކު ފ އަތޮޅާއި ގުޅޭގޮތުން ހަދާ ޑީލްގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރައްތަކެއްގެ މީހުން އެހެން ރަށްތަކަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ކޮށްފިއެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުއިއްޒު އާ ހަވާލާދީ އިނގެރޭސި ވިލާތުގެ ދި ގާޑިއަން ނޫހުން ބުނެފައިވަނީ، ފ އަތޮޅު ތަރައްޤީ ކުރުމަކީ މިނިވަންކަމާއި ސިޔާދަތު ގެއްލުވާލުން ނޫން ކަމަށާއި، މި މަޝްރޫޢުގެ ތެރެއިން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެނެވޭނެ ކަމަށް ސަރުކާރުން އުއްމީދު ކުރާ ކަމަށެވެ.

"(ފ އަތޮޅު ތަރައްޤީ ކުރުމަކީ) މިނިވަންކަމާއި ސިޔާދަތު ވިއްކާލުމެއް ނޫން. އަޅުގަނޑުމެން މި އުއްމީދު ކުރަނީ މީއީ ބޮޑު އިންވެސްޓްމަންޓަކަށް ވާނެ ކަމަށް. އަޅުގަނޑުމެން ބޭނުމެއްނޫން މަޑު ދުވެއްޔެއް. އަޅުގަނޑުމެން ބޭނުންވަނީ ވަރަށް ބޮޑެތި ބަދަލު. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވެސް ކުރު މުއްދަތެއްގެ ތެރޭގައި ރަންގަޅު ކުރަން"، ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ ފ އަތޮޅު ޑީލާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށުގެ ތެރެއިން ތިންބައިކުޅަ އެއްބައި ރަށުގެ މީހުން ބޮޑެތި ރަށްތަކަށް ބަދަލުކުރާނެ ކަމަށެވެ. މިގޮތަށް މީހުން ބަދަލުކުރެވޭ ރަށްތަކުގައި އެކި ދާއިރާތަކުން ޒަމާނީ ޚިދުމަތްތައް ޤާއިމު ކުރެވޭނެ ކަމަށް ވެސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

"ބަދަލުކުރެވޭ ރައްޔިތުންނަށް ބޮޑެތި ރަށްތަކުން ހިލޭ ގެދޮރު ފޯރުކޮށްދެވޭނެ. ހުރިހާ ރަށަކަށް ހުރިހާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ބޭނުންވޭ. މިއީ ވާވަރަށްވުރެ ބޮޑު ކަމެއް. ބައެއް ރަށްތަކުގައި ތިބީ ދެތިން ސަތޭކަ މީހުން. އެ ރައްޔިތުން އެ ރަށްތަކުގަ ބޭތިއްބުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން. ގިނަ ރަށްތަކަށް ވަނީ ރަށްގިރުމާއި، ފެންފަށަލަ ތަގައްޔަރުވުމުގެ މައްސަލަ ދިމާވެފަ. ނަރުދަމާ އާއި ބަނދަރުތައް އެބަ ބޭނުންވޭ. އިސްކަން ދެވޭނީ އަތޮޅުވެރިކަން ކުރާ ރަށްރަށަށް"، ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ފަޅު ކުރެވޭ ރަށްތައް ފަތުރުވެރިކަމުގައި ބޭނުން ކުރުމަށް ބޭނުން ނުކުރަންވީ ސަބަބެއް ވެސް ނެތް ކަމަށެވެ.

ފ އަތޮޅު ސައުދީ އަށް ދީގެން ތަރައްޤީ ކުރާ މަޝްރޫޢަކީ މަދުވެގެން 10 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުއެއް ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވި ނަމަވެސް، އެ އަތޮޅަށް ހަދަން އުޅޭ ގޮތުގެ ތަފްޞީލެއް އަދިވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް