ހޮލީވުޑްގައި ނަސްލީ ތަފާތު ކުރުން އުޅޭ ވާހަކައަކީ އާ ވާހަކަތަކެއް ނޫނެވެ. މި ވާހަކަތައް ދެކެވޭތާ އެތަކެއް އަހަރު ވެފައިވާއިރު، މިހާރު ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ވަނީ ފެންނަން ފަށާފައެވެ.
މީގެ ތިން އަހަރު ކުރިން، 2016 ވަނަ އަހަރުގެ އެކަޑަމީ އެވޯޑްސް ނުވަތަ އޮސްކާސްއާ ދިމާކޮށް ހޮލީވުޑްގައި ކުރިއަށްދާ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ތަރިންތަކެއް ވަނީ ކެމްޕޭނެއް ފަށާފައެވެ.#އޮސްކާސްސޯވައިޓްގެ ނަމުގައި ކުރިއަށް ދިޔަ މި ކެމްޕޭންގައި އެކި ނަސްލުގެ ތަރިން ބައިވެރިވެފައިވެއެވެ.
މި ކެމްޕޭންގެ ކާމިޔާބުކަން ޖެހިގެން އައި އަހަރުތަކުގައި ފެނިގެންދިޔައެވެ. އެގޮތުން، އަހަރަކަށް ފަހު އަހަރެއް، އޮސްކާއާއި އެހެނިހެން އެވޯޑްތަކަށް ނޮމިނޭޓްވާ ތަފާތު ނަސްލުގެ ފަންނާނުން އިތުރުވިއެވެ.
2018
ހޮލީވުޑްގެ ޕްރޮޑިއުސަރުން އެހެން ނަސްލުތަކުގެ މީހުން ލައިގެން ފިލްމުތައް ތައްޔާރު ކުރުމަށް ފަސްޖެހެނީ އެފަދަ ފިލްމްތައް ބޮކްސް އޮފީހުގައި ކާމިޔާބު ނުވާނެ ކަމަށް ބުނެއެވެ. ނަމަވެސް، މިއީ ހަގީގަތެއް ނޫންކަން މިދިޔަ އަހަރު ހާމަވެގެން ދިޔައެވެ.
އެ ގޮތުން، ކަޅު ނަސްލުގެ ކާސްޓަކާ އެކު 2018 ވަނަ އަހަރު ރިލީޒް ކުރި "ބްލެކް ޕެންތަރ"ގެ ކާމިޔާބީ ފާހަގަ ކޮށްލެވެއެވެ.
"ބްލެކް ޕެންތަރ"ގެ މައި ރޯލްތަކުން ފެންނަ ތަރިންނަކީ ކަޅު ނަސްލުގެ ފަންނާނުންނަށް ވާއިރު، 1.347 ބިލިއަން ޑޮލަރުގެ މި ފިލްމު ވެގެން ދިޔައީ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ސުޕަރހީރޯ ފިލްމަށެވެ. އަދި މިހާތަނަށް ރިލީޒްކޮށްފައިވާ ހުރިހާ ފިލްމަކަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމްތަކުގެ ތެރެއިން ނުވަ ވަނަ ފިލްމެވެ.
މިދިޔަ އަހަރު އޮގަސްޓް މަހު ރިލީޒްކުރި އެހެން ފިލްމްތަކަށް ބަލާއިރު، "ކްރޭޒީ ރިޒް އޭޝިއަންސް"ވެސް ފާހަގަ ކުރެވެއެވެ. މި ފިލްމަކީ އޭޝިއާ ނަސްލަށް ނިސްބަތްވާ އެކްޓަރުން ލީޑު ކާސްޓަށް ލައިގެން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. 30 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތައްޔާރު ކުރި މި ފިލްމަށް 238.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި މި ފިލްމް ވެގެން ދިޔައީ ވޭތުވެ ދިޔަ 10 އަހަރު ތެރޭ ރިލީޒް ކުރެވުނު ހުރިހާ ރޮމް-ކޮމްތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމަށެވެ. އަދި މިހާތަނަށް ނެރެފައިވާ ހުރިހާ ރޮމް-ކޮމްއަށް އަޅާބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމްތަކުގެ ތެރެއިން "ކްރޭޒީ ރިޗް އޭޝިއަންސް" ވަނީ ހަ ވަނައިގައެވެ.
އެހެންކަމުން، ތަފާތު ނަސްލުގެ ތަރިން ލައިގެން ތައްޔާރު ކުރާ ފިލްމްތައް ވެސް ކާމިޔާބުވާނެކަން ހޮލީވުޑްގެ ޕްރޮޑިއުސަރުންނަށް އެނގިގެން ދިޔައެވެ.
2019
މީގެ ކުރިން ފިލްމެއްގެ ކާސްޓެއް ނަގާއިރު، ވާހަކައިގައި ކޮންމެ ގޮތަކަށް ސިފަކޮށްފައިވީ ނަމަވެސް މައި ރޯލްތަކުން ފެނިގެންދަނީ ދޮން ނަސްލުގެ މީހުންކަން ފާހަގަކުރެވެއެވެ. މިސާލަކަށް ބަލާނަމަ، 2010 ވަނަ އަހަރު ރިލީޒް ކުރި "ޕްރިންސް އޮފް ޕަރޝިއާ" ގައި މައި ރޯލުން މެދު އިރުމަތީ ހިސާބުގެ މީހެއް ފެންނަން ޖެހުނު ނަމަވެސް، މައި ރޯލަށް ނަގާފައިވަނީ އެމެރިކާގެ ދޮން ނަސްލުގެ ތަރިއެއްކަމަށްވާ ޖޭކް ޖިލަންހޯލްއެވެ.
ހަމަ އެ އަހަރު ރިލީޒް ކުރި "އެވެޓަރ: ދަ ލާސްޓް އެއާބެންޑަރ"އަކީ ވެސް މިފަދަ މިސާލެކެވެ. އެނިމޭއަކަށް ތައްޔާރު ކުރި މި ފިލްމްގެ ކާސްޓިންގ މައްސަލައިގެ ސަބަބުން ހަތަރު ފިލްމް ނެރެން ނިންމާފައިވީ ނަމަވެސް، އިތުރު ފިލްމެއް ރިލީޒްކޮށްފައެއް ނުވެއެވެ.
ދެ ހާސް ތޭރައިގައި ރިލީޒް ކުރި "ދަ ލޯން ރޭންޖަރ"ގައި ނޭޓިވް އެމެރިކަންއެއްގެ ރޯލަށް ޖޯނީ ޑެޕް ކާސްޓް ކުރުމަކީ އެ ފިލްމް ނާކާމިޔާބު ވުމަށް ދިމާވި އެއް ސަބަބުކަމަށް ގިނަ ފަރާތްތައް ދެކެއެވެ.
އަދި 2015 ވަނަ އަހަރުވެސް ހަމަ މިފަދަ ކަންތައް ފެނިގެން ދިޔައެވެ. އެގޮތުން، އެ އަހަރު ރިލީޒް ކުރި "އަލޯހާ"ގައި ހަވާއީ އާއި ޗައިނާއަށް ނިސްބަތްވާ މީހެއްގެ ރޯލަށް އެމާ ސްޓޯން ހަމަޖެހުމުން ގިނަ ފަރާތްތަކެއް ފާޑު ކިޔުން އަމާޒުވިއެވެ.
ނަމަވެސް، މިހާރު މި ފެންނަނީ ތަފާތު މަންޒަރެކެވެ.
މި އަހަރު ރިލީޒް ކުރި "އަލާދީން" ފިލްމަކީ އެ ތަފާތުތައް ދައްކާލި އެއް ފިލްމެވެ. މި ފިލްމްގެ ކާސްޓިންއަށް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ. އަދި ކްރިޓިކްސް ކިތަންމެ ފާޑު ކީނަމަވެސް، ބޮކްސް އޮފީހުގައި "އަލާދީން" ވަރަށް ކާމިޔާބެވެ.
މި ފިލްމުގައި 'އަލާދީން'ގެ ރޯލުން ފެންނަނީ މިސްރަށް ނިސްބަތްވާ މޭނާ މަސްއޫދުއެވެ. އަންހެން ލީޑް'ޖޭޒްމިން'ގެ ރޯލުން ގުޖްރާތަށް ނިސްބަތްވާ އިނގިރޭސިވިލާތަށް އުފަން ނައޯމީ ސްކޮޓް ފެންނަ އިރު، އޭނާގެ ބައްޕަ "ސުލްތާން"ގެ ރޯލް ކުޅެފައިވަނީ އިރާނަށް ނިސްބަތްވާ ނަވީދު ނެގަންބަންއެވެ. 'ޖަފާރ'ގެ ރޯލުން ފެންނަނީ ޓިއުނީޝިއާ-ނެދަރލެންޑްސްއަށް ނިސްބަތްވާ މަރްވާން ކެންޒާރީއެވެ. މީގެ އިތުރުން، "ޖީނީ"ގެ ރޯލުން ފެންނަނީ އެމެރިކާގެ ކަޅު ނަސްލުގެ ތަރިއެއްކަމަށްވާ ވިލް ސްމިތުއެވެ.
ދެން މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމްތައް ތެރޭގައި، އެނިމޭޓެޑް ފިލްމެއްކަމަށްވާ"ދަ ލަޔަން ކިންގް" ފާހަގަކުރެވެއެވެ. މީގެއިން ތަރިންގެ އަޑުތައް އެކަނި އިވުނު ނަމަވެސް، އެފްރިކާގެ މަންޒަރުތައް ފެންނަ މި ފިލްމްގެ ކާސްޓްގައި ގިނައީ ކަޅު ނަސްލުގެ ފަންނާނުންނެވެ. އޭގެ ތެރޭގައި، ބިޔޯންސޭ، ޑޮނަލްޑް ގްލޯވަރ، ޖޭމްސް އަރލް ޖޯންސް، ކީގަން މައިކަލް ކެލީ، އެރިކް އަންޑްރޭ، އަލްފްރޭ ވުޑްވަރޑް އަދި ފްލޮރެންސް ކަސުމްބާ ހިނެއެވެ.
ދެކުނު އޭޝިއާގެ ރެޕްރެޒެންޓޭޝަން
ހަގީގަތަށް ބުނާނަމަ، މީގެ ކުރިން އޭޝިއާއަށް ނިސްބަތްވާ ތަރިންގެ ގޮތުގައި ގިނައިން ފެންނަނީ މެދު އިރުމަތީ އޭޝިއާއަށް ނިސްބަތްވާ ފަރާތްތަކެވެ. ދެކުނު އޭޝިއާގެ ރިޕްރެޒެންޓޭޝަން ވަރަށް މަދެވެ.
ނަމަވެސް، މި އަހަރު މިކަމަށް ވެސް ކުރިއެރުމެއް ވަނީ ލިބިފައެވެ. "ކްރޭޒީ ރިޗް އޭޝިއަންސް"އާ އެއްފަދައިން، ދެކުނު އޭޝިއާގެ ބޮޑު ކާސްޓެއްގެ ފިލްމެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
އެމެރިކާގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނިކަމަށްވާ "ޔުނިވަރސަލް ޕިކްޗަރސް" އިން ގަނެފައިވާ މި ސްކްރީން-ޕްލޭ އަކީ އިންޑިއާގެ ކައިވެންޏެއް ފެނިގެންދާނެ ކޮމެޑީއެކެވެ. މިއީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އިންޑިއާއަށް ނިސްބަތްވާ އެމެރިކާ ކޮމީޑިއަން އަދި ޓީވީ ތަރިއެއްކަމަށްވާ މިންޑީ ކޭލިންގެ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓް އިއުލާން ކުރަމުން ޕްރިޔަންކާ ބުނެފައިވަނީ "ދެ އަންހެނުން، އެ މީހުންގެ ވާހަކަ އެ މީހުން ބޭނުންވާ ގޮތަށް ގެނެސްދޭން ހުއްދަ ލިބިއްޖެ"ކަމަށެވެ.
ލިޓްލް މަރމެޑް - އެކި ނަސްލުގެ ފަންނާނުންގެ އެންމެ ބޮޑު ކާމިޔާބީ
މިހާރު ޑިޒްނީން ތައްޔާރު ވަނީ "ދަ ލިޓްލް މަރމެޑް"ގެ ލައިވް އެކްޝަން ފިލްމެއް ތައްޔާރު ކުރުމަށެވެ. އެހެންކަމުން، މި ފިލްމަގައި "އަލާދީން" ފަދައިން އަސްލު ތަރިން ފެނިގެން ދާނެއެވެ.
އެގޮތުން، މި ހަފްތާގައި ރިޕޯޓް ކުރެވުނު ގޮތުގައި އެ ފިލްމްގައި 'އޭރިއަލް' ގެ ރޯލުން ފެނިގެންދާނީ ކަޅު ނަސްލުގެ ކުއްޖެކެވެ. 19 އަހަރުގެ ކްލޯއީ ބޭލީއަށް މި ރޯލް ލިބިފައިވާކަން މިހާރު ހާމަކޮށްފައިވާ އިރު، މީގެ ސަބަބުން ފިލްމްގެ އެހެން ރޯލުތަކަށް ވެސް ތަފާތު އަންނާނެއެވެ. މިސާލަކަށް ބުނާނަމަ، 'އޭރިއަލް'ގެ މައިންބަފައިންގެ ރޯލުންވެސް ދެން ފެނިގެންދާނީ ކަޅު ނަސްލުގެ ތަރިންކަމަށް ބެލެވެއެވެ.
މިފަދަ ކަންކަމަކީ ކުރިއެރުންކަމަށް ނުދެކޭ ފަރާތްތައް ވެސް އުޅެއެވެ. އެގޮތުން، ޓްވިޓަރގައި ހިޔާލު ފާޅުކުރާ ބައެއް ފަރާތަތްކުން ދެކޭ ގޮތުގައި އެފަދަ ކަންކަން "އަސްލު އޮތް ގޮތަށް ބާއްވަން ޖެހެ"އެވެ. މިއަށް ރައްދު ދޭ ފަރާތްތައް ބުނޭ ގޮތުގައި، ޑިޒްނީގެ ކާޓޫންތަކަކީ ހުރިހާ ނަސްލެއްގެ ކުދިންވެސް ލޯބި ކުރާ އެއްޗެއްކަމަށާއި، އެކި ނަސްލު ނަސްލުގެ ކުދިން "ރެޕްރެޒެންޓް" ކުރާނެ ނުވަތަ "ރޯލް މޮޑެލުންނަށް ބާލާނެ، އެ ކުދިންނާ ވައްތަރު ތަރިން" ތިބުން މުހިއްމެވެ.