ކ. މާލެ
|
6 ޖުލައި 2019 | ހޮނިހިރު 15:06
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ދަ އައިލެންޑްޗީފް
ރާއްޖެ އިޝްތިހާރު ކުރުން
ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް!
ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 157 މިލިއަން ރުފިޔާ ވަނީ ރާއްޖެ އިޝްތިހާރު ކުރަން ކަނޑައަޅާފައި

މި ސަރުކާރުން ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ފާއިތުވެދިޔަ ހަތް މަހުގައި ކޮށްފައިވާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ކުރީގެ އަހަރުތަކުގައި ލިބިފައި ނުވާ މިންވަރަށް މި އަހަރަށް ބަޖެޓް ކަނޑައަޅާފައިވެއެވެ. ރާއްޖެ އިޝްތިހާރު ކުރުމަށް 200 ޕަސެންޓަށް ބަޖެޓް ބޮޑު ކުރިއެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 157 މިލިއަން ރުފިޔާ ވަނީ، ރާއްޖެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރު ކުރުމަށް ނިންމައިފައެވެ. އެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ ރީތިކަމާއި ގުދުރަތީ ނަލަކަމުގެ ވާހަކަ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދިނުމަށްޓަކައި އައު ހަރުފަތަކަށް އަމާޒު ހިފާފައެވެ. ޓޫރިޒަމް މިނިސްޓްރީން ކޮންމެ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އެ މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތައް އާންމު ރައްޔިތުންނާއި ހަމައަށް ދަނީ ގެނެސްދެމުންނެވެ.

މީގެ ކުރިން ގެސްޓް ހައުސްތަކާއި ފަތުރުވެރިކަމުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އޮންނަ އެންމެ ބޮޑު ޝަކުވާއަކީ ލޯކަލް ޓޫރިޒަމް އަށް ޖާގަ ނުލިބޭ ވާހަކަ އާއި ލޯކަލް ޓޫރިޒަމް ތަރައްޤީކޮށް އެހީތެރިވެދިނުމަށް ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އެ ކަންތައްތަކަށް ހައްލެއް ލިބި ކަންތައްތައް ނިންމުމުގައި ހުރިހާ އެންމެންގެ ބައިވެރިވުން އެބަ އޮތެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމަށް އޮތް މަގު ތަނަވަސް ކޮށްދީ، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އެ ފަރާތްތަކުގެ ވެސް ހިއްސާ އޮންނާނެ ކަމަށް މިނިސްޓަރ މީގެ ކުރިން އެކި ރަސްމިއްޔާތުތަކުގައި ވިދާޅުވެފައެވެ.

ލ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރިވުމަށް، މިނިސްޓަރ އަލީ ވަހީދު އެ އަތޮޅަށް ދަތުރުފުޅެއް ކުރެއްވިއެވެ.

އެމްއެމްޕީއާރްސީ އިން މިހާތަނަށް ވަނީ މިދިޔަ އަހަރަށް ވުރެ ގިނަ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. މިދިޔަ އަހަރު އެމްއެމްޕީއާރްސީން ހަމައެކަނި ޓްރެވެލް ފެއާތަކުގައި އެކަނި ބައިވެރިވެފައިވާއިރު އެ ކުންފުނިން މިއަހަރު ވަނީ ގާތްގަނޑަކަށް 180،000 ޑޮލަރު ހޭދަކޮށްގެން ސިންގަޕޯ އެއާލައިނާ އެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން މަސައްކަތް ކުރަނީ ވަކި މީޑިއަމެއް ގެންގުޅުމުގެ ބަދަލުގައި ހުރިހާ ޕްލެޓްފޯމެއްގައި ވެސް ރާއްޖެ އިޝްތިހާރު ކުރުމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި ވެސް މުހިއްމު ކެމްޕެއިންތަކެއް ފެށުމަށް މަސައްކަތް ކުރަމުންނައިރު ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ މީޑިއާގައި ހަރަކާތްތެރިވާ އެކި ނޫސްވެރިން ގެނެސް ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތް ލައްކަ ޓޫރިސްޓުން އައިސްފައިވާ އިރު މިދިޔަ އަހަރު ރާއްޖެ އަށް ވަނީ 1.4 މިލިއަން ޓޫރިސްޓުން އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ މެއި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.9 އަށް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު، މި އަހަރުގެ މޭ މަހުގައި 10.9 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެއެވެ. މި އަހަރުގެ މޭ މަހު ރާއްޖެއަށް 103022 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މެއި މަހުގެ ނިޔަލަށް 749114 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.4 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީގެއިތުރުން، 2018 ވަނަ އަހަރާ އަޅާ ބަލާއިރު، އިންޑިއާގެ ފަތުރުވެރިންގެ ނިސްބަތް ވަނީ ދެ ދަރަޖަ މައްޗަށް ޖެހިލާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، އިންޑިއާ މިހާރު އޮތީ ފަސް ވަނައިން ތިން ވަނައަށް މައްޗަށް އަރާފައެވެ

މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރްސީ ގުޅިގެން މަސައްކަތް ކުރަމުންދަނީ އެ އަޒާމަށެވެ.

- ކޮމެންޓް