ކ. މާލެ
|
3 ޖުލައި 2019 | ބުދަ 09:37
ބްރެޒިލް ވަނީ ކޮޕާ އެމެރިކާގެ ފައިނަލަށް ދަތުރުކޮށްފަ
ބްރެޒިލް ވަނީ ކޮޕާ އެމެރިކާގެ ފައިނަލަށް ދަތުރުކޮށްފަ
ޓްވިޓަރ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ: އާޖެންޓީނާ ބަލިކޮށް ބްރެޒިލް ފައިނަލަށް
މެޗުން ބްރެޒިލް މޮޅުވީ 2-0 ގެ ނަތީޖާ އަކުން
ފައިނަލް މެޗު އޮންނާނީ ޖުލައި މަހުގެ 8 ވަނަ ދުވަހު
ފައިނަލުގައި ބްރެޒިލް އާއެކު ބައްދަލު ކުރާނެ ޓީމެއް ކަށަވަރުވާނީ ޗިލީ އަދި ޕެރޫ ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކާ

ކޮޕާ އެމެރިކާ ސެމީ ފައިނަލުގައި ބުދަ ދުވަހުގެ ފަތިހު އާޖެންޓީނާ އަދި ބްރެޒިލް ބައްދަލު ކުރި މެޗުން ބްރެޒިލް މޮޅުވެ، ފައިނަލަށް ދަތުރު ކޮށްފިއެވެ.

އަމިއްލަ ދަނޑުގައި އާޖެންޓީނާއާއި ދެކޮޅަށް ބްރެޒިލުން ކުޅުނު މެޗު ބްރެޒިލުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުތެރޭގައި ބްރެޒިލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގެބްރިއެލް ޖީސެސްއެވެ. މި ލަނޑާއެކު އާޖެންޓީނާގެ ކުޅުން ރަނގަޅުކޮށް އެޓީމުން ވަނީ ބްރެޒިލްގެ ގޯލަށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް އާޖެންޓީނާއަށް ބްރެޒިލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވައިލެވޭ ގޮތެއްނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާއިން ބްރެޒިލްގެ ގޯލަށް ވަނީ ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ. އާޖެންޓީނާއިން ފޮނުވާލި ގިނަ ހަމަލާތަކެއް ބްރެޒިލްގެ ކީޕަރުވަނީ ފަސޭހަ ކަމާއެކު ދިފާއު ކޮށްފައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ލިވަރޕޫލްގެ ފޯވާޑް ރޮބާރޓޯ ފިރިމީނޯ ވަނީ ބްރެޒިލްއަށް އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަށްފަހު ބްރެޒިލްއިން ވަނީ އެޓީމުގެ ޑިފެންސް ވަރުގަދަ ކޮށް އާޖެންޓީނާގެ އެޓޭކްތަށް ދިފާއު ކޮށްފައެވެ.

މި މެޗުންވި މޮޅާއެކު، ބްރެޒިލުން ވަނީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ.

ބްރެޒިލްއާއެކު ފައިނަލުގައި ބައްދަލުކުރާނީ ބުރާސްފަތި ދުވަހު ފަތިހު ޗިލީ އަދި ޕެރޫ ބައްދަލު ކުރާމެޗުން މޮޅުވާ ޓީމެކެވެ.

މި މުބާރާތުގެ ފައިނަލް އޮންނާނީ ޖުލައި 8 ވަނަ ދުވަހުގެ ފަތިހުއެވެ. މި މުބާރާތުގެ މެޗުތައް މީޑިއާނެޓުގެ އައިސް ޓީވީ އިން ލައިވް ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް