ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 17:37
އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނު
އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނު
މޯލްޑިވްސް ހެރިޓޭޖް ސަރވޭ
މަޖިލިސް 2019
ތަރިކައިގެ ބިލާއެކީ، ތަރިކަ ހިމާޔަތް ނުކުރެވި އޮތުމުގެ ކަންބޮޑުވުންތަކުގެ ވާހަކަ
ސަގާފީ ތަރިކައިގެ ބިލަށް ހުރިހާ މެމްބަރުންވެސް ވަނީ ތާއީދްކޮށްފައި
ބިލް މަޖިލީހަށް އައިއިރު، ގިނަ އާސާރީ ތަރިކަތައް ނެތިގެން ގޮސްފައިވާތީ، މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
ރަށްތަކުގައި ހުރި ތަރިކަތައް ހިމާޔަތް ކުރަންޖެހޭ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައި

ތަރިކަ ހިމާޔަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަހުސްކޮށްފިއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ސަގާފީ ތަރިކައިގެ ބިލްގެ އިބްތިދާއީ ބަހުސް ކުރިއަށްގެންގޮސްފަ އެވެ. މި ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

މި ބިލަކީ ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ބަލަހައްޓާ އަންނަން އޮތް ޖީލްތަކަށް ރައްކާތެރިކަމާއިއެކީ ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެއެވެ. މިއީ ސަގާފީ ތަރިކަ ރައްކާތެރި ކުރުމާއި ގުޅޭގޮތުން ރާއްޖޭގައި ޤާނޫނެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެއެވެ.

ބިލަށް ވާހަކަދެއްކެވި މެމްބަރުން ވަނީ ތަރިކަ އާއި ސަގާފަތް ހިމާޔަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. އަދި މިއީ ވަރަށް މުހިއްމު ބިލެއް ކަމަށް މެމްބަރުން ވަނީ ފާހަގަކުރެއްވި އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ތަރިކަ އާއި ބެހޭ ބިލްގެ ބަހުސް ފައްޓަވާފައިވަނީ އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ޖޯން ހެންރިކް ކްލާކް ވިދާޅުވެފައިވާ ބަސްފުޅަކުންނެވެ. ޖޯން ހެންރިކް ކްލާކް ބުނެފައިވަނީ ރައްޔިތުން އެބައިމީހުންގެ ތަރިކަ އާއި މެދު އޮންނަންޖެހޭ ގުޅުމަކީ މައިމީހާ އާއި ދަރިފުޅާއި ދޭތެރޭ އޮންނަ ގުޅުމަކަށްވާންޖެހޭ ކަމަށެވެ. ޝަފީގް ވިދާޅުވީ ޖޯން ހެންރިކް ބަސްފުޅުން ފާހަގެވެގެންދަނީ ގައުމެއްގެ ތަރިކަ ގައުމަށް މުހިއްމުވާނެ މިންވަރު ކަމަށެވެ.

"ދިވެހިރާއްޖޭގެ ތަރިކައަކީ ވަރަށް މުހިއްމު ތަރިކައެއް. ތަރިކަ އަޅުގަނޑމެންނާއި ހަމައަށް ވާސިލްވެފައިވަނީ އޭގެ މުއްސަނދިކަމަކުން ނޫން. އެކަން އެހެންވެފައިވަނީ ފާއިތުވި ތަނުގައި އެކަމަށް ސަމާލުކަން ނުދެވުމުގެ ސަބަބުން." ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު -- ފޮޓޯ: މަޖިލިސް

މިހާތަނަށް އައިއިރު ތަރިކަ ހިމާޔަތް ކުރެވިފައި ނުވުމާއި، ހިމާޔަތް ކުރުމަށް މަސައްކަތް ކޮށްފައި ނުވުމުގެ ސަބަބުން ބައެއް ތަރިކަ ނެތިގެން ގޮސްފައިވާތީ މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވީ ސަގާފީ ތަރިކައިގެ ބިލެއް އައިއިރު ކިތަންމެ ތަރިކައެއް ނެތިގެން ހިގައްޖެ ކަމަށާއި، އާސާރުތައް ވިރާނާވެ ހިނގައްޖެ ކަމަށެވެ. އެތަންތަނުގައި ހުރި މުހިއްމު ތަކެތި މާލެ ގެންނަވާ ހެއްދެވި ނެހެއްދެވިއަށް ނޭގޭ ހިސާބަށް ބައެއް ތަކެތި ގެއްލިގެން ހިގައްޖެ ކަމުގެ ކަންބޮޑުވުން ސަލީމް ވަނީ ފާޅުކުރައްވާފައެވެ.

ސަލީމް ވިދާޅުވީ އެކަންތައް ބެލޭނެގޮތެއް، އަޅާލެވޭނެ ގޮތެއް ނެތް ކަމަށެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ކަންތައް އެންމެ ބޮޑަށް ކުރަންޖެހޭނީ ރަށު ފެންވަރުގައި ކަމަށް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރަށުގައިވެސް އެކަން އެގޮތަށް ހިނގައްޖެ. އަޅުގަނޑުމެންގެ ރަށުގެ ފަޅުތެރޭގައި އޮތް މަތީރަށުގެ ހާލަތުވެސް އޮތީ ހަމަ އެހެން. އެތަންތަން ބެލެހެއްޓޭނެ ގޮތެއް އަޅާލެވޭނެ ގޮތެއް ނެތް." ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވި އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ތަރިކައިގެ ބިލެއް އައިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި އާސާރީ ތަކެއްޗާއި ތަންތަން ނެތިގެން ގޮސްފައިވާ ކަމުގެ ކަންބޮޑުވުންވެސް މެމްބަރުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން އެ މެމްބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގައި ހުރި އާސާރީ ތަންތަނާއި، ތަކެތި މިހާރު ނެތިގެން ގޮސްފައިވާ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވީ ބިލްގެ ރޫހަށް ވަރަށް ބޮޑަށް ތާއީދްކުރައްވާ ކަމަށެވެ. ނަމަވެސް މިފަދަ ބިލެއް ގާނޫނަކަށް ވެގެންދާއިރު، ގާނޫނުގެ ރައްކާތެރިކަމާއި، ހިމާޔަތް ލިބިދޭންޖެހޭ އައްޑު އަތޮޅުގެ ތާރީޚި އާސާރީ އެތައް ބިނާތަކެއް މިއަދު ފެންނަން ނެތްކަމަށް މެމްބަރު ވިދާޅުވި އެވެ.

"ގާނޫނަކުން ދައުލަތާއި މަތިވެފައިވާ ބަލަދުވެރިކަމެއް ނެތް މާޒީ ތެރޭގައި. ހިތަދޫ ކޯއްޓޭ އެ ވަނީ ނެތިގޮސްފައި. ގަމާއި ގުޅިފައިވާ ތާރީޚީ އެތައް ބިނާތަކެއް، އިނގިރޭސީން ހިންގި ހޮސްޕިޓަލް އިމާރާތާއި، އާރްއޭއެފް ރާޑަރު ސިސްޓަމް، ގައުމުގައި އޭރުގެ އިސް ބޭފުޅުންގެ އިމާރާތް މިއަދަކު ނެތް" ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

އިދިކޮޅު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ބިލަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި އެކަށީގެންވާ މިންވަރަށް ލިޔެވެމުން ނުދާ ކަމަށާއި، ސަގާފަތާއި ތަރިކަ ހިމާޔަތް ކުރާއިރު، ތާރީޚީ ލިޔުންތައް ލިޔެވި އެ ލިޔުންތައް ހިމާޔަތް ކުރެވެންޖެހޭ ކަމަށެވެ.

"ތާރީހު އެކަށީގެންވާ މިންވަރަށް ލިޔުން ވަރަށް މުހިއްމު ކަމަށާއި، އެކަމަށް ސަމާލުކަން ދިއުން މުހިއްމު. ރަށްރަށުގެ އާދަ އާއި ސަގާފަތް ލިޔެފައި ބެހެއްޓުމަށް ބިލްގައި އެބައި ހިމަނާ އިސްކަން ދިނުން މުހިއްމު" މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ސަގާފީ ތަރިކައިގެ ބިލްގައި ވަނީ ސަގާފީ ތަރިކައިގައި ހިމެނޭ ބާވަތްތަކުގެ ތަރިކަ އާއި، ހެރިޓޭޖް ޓްރަސްޓް ފަންޑަކާއި، ތަރިކަ ރައްކާތެރިކުރާ އެޖެންސީއެއް އުފެއްދުމާއި، ތަރިކަ ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތައް ހިމަނާފައެވެ.

- ކޮމެންޓް