ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 18:03
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ޝަރީއަތަށް ހާޒިރުކުރަނީ
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ޝަރީއަތަށް ހާޒިރުކުރަނީ
މިހާރު
މަގޭ ރިޕޯޓް
ލުތުފީގެ މައްސަލަ: ޖަލްސާއަށް މީހުން ގެނައުމަށް ބޭނުންކުރާ ސްޓަންޓެއްބާ؟
ލުތުފީ ގެންނަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަށް ކުރަމުން
ލުތުފީ ގެނައުން ލަސްވެފައިވާތީ، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި
ލުތުފީ ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފުލުހުންގެ ބެލުމުގެ ދަށުގައި

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔަކީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއެވެ. އޭނާ އަކީ ސިފައިންގެ މައި މަރުކަޒު ހިފުމަށް ނުރައްކާތެރި ހަތިޔާރާ އެކު ލަންކާގެ ޕްލޮޓް ޖަމާއަތުގެ ހަނގުރާމަވެރިންތަކަކާ އެކު ރާއްޖެ އަށް ހަމަލާދީ ދިވެހި ސިފައިންނާއި އާންމުންގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލުމުގައި ބައިވެރިވި އެންމެ އިސް މީހާ އެވެ. ސިފައިންނާއި އާންމުންގެ އެތައް ބައެއް ޒަހަމްކޮށްލައި, ރަހީނުކޮށް ޖިސްމާނީ ގޮތުންނާއި, ނަފްސާނީ ގޮތުން އެތައް ބައެއް ނުރައްކާތެރި ހާލަތަކަށް ވައްޓާލާފައިވެއެވެ. އެހެންކަމުން ލުތުފީގެ މައްސަލައަކީ ދިވެހި އެތައް ރައްޔިތުންނާއި، އެތައް ގޮތަކުން ގުޅިފައިވާ ހައްސާސީ މައްސަލައެކެއެވެ.

ލުތުފީ ފިލާފައިވަނީ 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާ ބޭސްފަރުވާއަށް ފޮނުވާފަ ހުއްޓައެވެ. އޭނާ ފިލައިގެންދިޔަތާ 8 އަހަރުވެގެން ގޮސްފައިވާއިރު، ފާއިތުވި އެއްވެސް ސަރުކާރަކަށް އޭނާ މިހާތަނަށް ރާއްޖެއަށް ގެނެވިފައެއް ނުވެއެވެ. އަދި އޭނާ ގެންނާކަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުންވެސް މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ލުތުފީ ފިލައިގެން ގޮސް ސްރީލަންކާގައި އުޅޭތާ 8 އަހަރުވީ ފަހުން މެއި މަހުގެ އެއްވަނަ ދުވަހު އޭނާ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީ އާއި ހަވާލުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ލުތުފީ އެމްބަސީއަށް ގޮސް "ސަރަންޑަރ" ކުރުމާއި ގުޅިގެން، މިހާރު އޭނާ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. އެހާ ހިސާބުން އޭނާ ގެނައުގެ މަސައްކަތް ދިވެހި ސަރުކާރުން ވަނީ ފަށާފައެވެ.

ލުތުފީ ރާއްޖެ ގެނައުމަށް ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އޭނާ ގެނައުމުގައި ސަރުކާރަށް ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. އެއީ އޭނާ އެމްބަސީ އާއި ހަވާލުވި ދުވަސްވަރަކީ ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު، އެހެން ކަންތައްތަކަށް ސަމާލުކަންދެވޭ މިންވަރަށް ވުރެ ބޮޑަށް އެ ގައުމުގެ ހާލަތު ގޯސްވެފައި އޮތް ދުވަސް ވަރަށްވުމާއި، ލުތުފީ ލަންކާގައި ގަވާއިދާއި ޚިލާފަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުފައިވުމެއެވެ.

ލުތުފީ ލަންކާ ސަރުކާރާއި ހަވާލުކޮށްފިނަމަ، އޭނާ އެނބުރި މި ދިވެހި ފަސްގަނޑުގެ ޖަލަކަށް ނުގެނެވޭނެއެވެ. އޭރުން އޭނާގެ މައްސަލަ ބަލާނީ ލަންކާ ސަރުކާރުން އެ ގައުމުގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް އުޅެފައިވާ، ކުށްވެރިއެއްގެ ގޮތުގައެވެ. މިއީ އެއްވެސް ދިވެހި ދަރިއަކު ބޭނުންވާނެ ގޮތެއް ނޫނެވެ. ސަރުކާރުން ބޭނުންވަނީ ލަންކާ ސަރުކާރާއި މުއާމަލާތްކޮށްގެން ލުތުފީ މި ދިވެހި ފަސްގަނޑަށް ގެންނާށެވެ. މި ފަސްގަނޑުގައި އޭނާއަށް ހައްޤު އަދަބު ދިނުމަށެވެ.

ސަރުކާރުން މި ކަން ސީރިޔަސް މައްސަލައެއްގެ ގޮތުގައި ދެކި، ލުތުފީ ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެއް ލީޑަރ ޝިޕަކުން ހިންގާ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން މިކަން ސިޔާސީ ވަކި މަގްސަދެއް ހާސިލް ކުރުމަށްޓަކާ، މައްސަލަ ސިޔާސީ އައްޑަނައަކަށް ނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މައްސަލަ ވަކި މިސްރާބަކަށް އަނބުރާލާ، އެ މީހުން ބޭނުންވާ މަގްސަދު ހާސިލް ކުރުމަށް ދަނީ ލުތުފީގެ މައްސަލަ ބޭނުންކުރަމުންނެވެ.

މިހެން ދަންވަންޖެހޭ ސަބަބުތައް ގިނައެވެ.

ލުތުފީ މާލެ ގެނައުން ލަސްވެފައިވާތީ، މަޖިލީހަށް ކުއްލި މައްސަލައެއް އިދިކޮޅު ޕީއެންސީގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެވެ. އާދަމް ޝަރީފްއަކީ ނިމިދިޔަ ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރެއެވެ. އޭނާ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު، އަދި ރައީސް ޔާމީންގެ ސަރުކާރު އޮތް އިރު ލުތުފީ މާލެ ނުގެނެވިގެން ކަންބޮޑުވެގެން އުޅުއްވި ތަން ފެނުނު ދިވެހި ރައްޔިތެއް ނެތެއެވެ. ނަމަވެސް ޝަރީފް އަށް މި މައްސަލަ ގައުމީ ސަލަމަތާއި ގުޅޭ ބޮޑު ނުރައްކާތެރި މައްސަލައަކަށް މިއަދު ވެއްޖެއެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް -- ފޮޓޯ: މަޖިލީސް

2012 ވަނަ އަހަރުން ފެށިގެން ހުރިހާ ސަރުކާރަކަށްވެސް ލުތުފީ އުޅޭތަން އެގެއެވެ. ނަމަވެސް އެއިން އެއްވެސް ސަރުކާރަކުންވެސް ސިޔާސީ ފަރާތަކުން ލުތުފީ ރާއްޖެ ނުގެނެވިގެން އެކަން މާ ބޮޑު ކަމަކަށް ވެގެން އުޅުއްވި ތަނެއް ނުފެނެއެވެ. އެގޮތުން އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނެވިއިރު، ލަންކާ ސަރުކާރުން ލުތުފީގެ މައުލޫމާތު ދިވެހި ސަރުކާރަށް ދީފައިވާއިރު، އެކަމަށް އޭރު އޮތް ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ހާމަވެއެވެ. އެކަން ފުލުހުން އާދިއްތަ ދުވަހު ނެރުނު ބަޔާނުންވެސް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ލުތުފީ އާއި ލަންކާ އިން ދިވެހިން ބައްދަލުކުރާ ކަމަށާއި، ދިވެހިންނާއި އޭނާ އާއި ލަންކާއިން ދިމާވަމުން އަންނަ ވާހަކަ އެއީ ދިވެހިން މިދިޔަ 8 އަހަރު ދައްކަމުން އައި ވާހަކައެވެ. އެގޮތުން އެ ތުހުމަތު އިނގިލި މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވި ޝަރީފަށްވެސް ބައެއް ފަރާތްތަކުން ދިއްކުރިއެވެ. އެގޮތުން ލުތުފީ އާއި އެކު ޝަރީފް ލަންކާގެ ރެސްޓޯރަންޓެއްގައި ކޮފީ ބޯން އިން ވާހަކައެއްވެސް އެއް އިރެއްގައި ދެކެވުނުއެވެ. ނަމަވެސް ރެވޭ އެ ތުހުމަތައް ޝަރީފް ދޮގުކުރައްވަ އެވެ.

ޝަރީފް އާއި މެދު ކުރެވޭ އެ ތުހުމަތު ދޮގުކުރިޔަސް ލުތުފީ ގެންނަން ނޫނީ ލުތުފީ ނުގެނެވިގެން، ރައީސް ޔާމީންގެ ސަރުކާރުގައި ޝަރީފް ބަސްފުޅެއް ވިދާޅުވި އަޑު އިވިފައެއް ނެތެއެވެ. އެހެންކަމުން މިހާރު ލުތުފީ ރާއްޖެ ނުގެނެވިގެން ޝަރީފް ފަޔަށް ހިނިއަރައިގެން އުޅެނީ ވަކި ގައުމަށް ހެޔޮ ނިޔަތެއް އޮވެގެން ކަމަށް ގަބޫލުކުރަންޖެހޭ ސަބަބެއް ނެތެވެ.

މުޒަހަރާއަށް ނުވަތަ ބޮޑު އެއްވުމަކަށް ގޮވާލާއިރު، ލުތުފީ ނުގެނެވިގެން އުޅޭ މައްސަލަ ސާފުކުރަން ސަރުކާރާއެކު އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. މަޖިލީހުގައި އެ ބޭފުޅުންގެ މެމްބަރުންވެސް ތިއްބަވާއިރު، މަޖިލީހުގެ ކޮމެޓީތަކުގެ ތެރެއިންވެސް އެ މައުލޫމާތު ހޯދުމަށް މަސައްކަތެއް ނުކުރައްވަ އެވެ. މީޑިއާގެ ބޮޑެތި ސުރުހީތައް ޖެހުމަށް ކުރައްވާ މަސައްކަތެއް ނޫނީ މިކަމުގައި އިދިކޮޅު ފަރާތްތަކުން ކުރާތަނެއް ނުފެނެ އެވެ.

ޒިންމާދާރު އިދިކޮޅު ފަރާތެއްނަމަ، މަސައްކަތްވެސް ކުރާނީ ޒިންމާދާރުކަމާއެކު އެވެ. ކޮންމެކަމެއްގައި ބެނުންވާ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމުގެ ބަދަލުގައި މައުލޫމާތުތައް ހޯދައި، ކަންކަން ކުރެވޭނެ ނިޒާމްތައް މިހާރު ދައުލަތުގެ ތެރޭގައި އެބަހުރި އެވެ. އެފަދަ މަސައްކަތްތަކަށް ދައުލަތުގެ ހުރިހާ ދޮރުތަކެއްވެސް ހުރީ ހުޅުވިފަ އެވެ.

މި ހުރިހާކަމަކުން މިހާރު އިދިކޮޅު ސިޔާސީ ފަރާތްތަކުން މައްސަލަ ނަގައިގެން އުޅެނީ ވަކި މަންފާއެއް ހާސިލްކުރުމަށޭ ބުނެވިދާނެއެވެ. ލުތުފީގެ މައްސަލައަކީ ޕީޕީއެމް އަދި ޕީއެންސީން ބާއްވަން މަސައްކަތް ކުރަމުން އަންނަ ޖަލްސާއަށް މީހުން ގިނަ ކުރުމަށް ބޭނުން ކުރަމުން އަންނަ އުކުޅެއް ނޫން އިތުރު ކޯޗެއްތޯއެވެ.

ގެއްލިފައިވާ ތާއީދް ހޯދަން ރައީސް ޔާމީން އާއި އޭނާގެ އައުވާނުން މިޖަހާ ސަކަރާތަކީ ދިވެހިންގެ ލޭ ކައްކަން ޖައްސާ ސްޓަންޓެއް ކަމާއި މެދު އެއްވެސް ޝައްކެއްނެތެއެވެ. ފަސް އަހަރު ހޭވި ހަޑި ފަސް އަޅަން ކިތަންމެ އުޅުނަސް، މިއަދު ދިވެހި ރައްޔިތުން އެއަށްވުރެ ހޭލުންތެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އެ މީހުންނަށް ނުވި، އެހެން ހުރިހާ ކަމެއް ކުރާ ބީދައިން، ލުތުފީވެސް ގެންނާނީ ހަމަ މި ސަރުކާރުންނެވެ. ސަރުކާރުން ވަނީ އެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފަ އެވެ.

- ކޮމެންޓް