ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 14:56
މައުރީސިއޯ ޕޮޗެޓީނޯ
މައުރީސިއޯ ޕޮޗެޓީނޯ
ގެޓީ އިމޭޖަސް
މައުރީސިއޯ ޕޮޗެޓީނޯ
ޓޮޓެންހަމަށް ކުޅުންތެރިން ގެނައުމުގެ ބާރެއް އަހަރެން އަތުގައި ނެތް: ޕޮޗެޓީނޯ
ޓޮޓެންހަމްގައި ކުޅުންތެރިން ގެނައުމުގެ ބާރު އޮތީ ހަމައެކަނި ރައީސަށް

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުންތެރިން ގެނައުމުގެ ބާރު ދީފައިނުވާ ކަމަށް އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އުމުރުން 47 އަހަރުގެ ޕޮޗެޓީނޯ ބުނީ، މެންޗެސްޓާ ސިޓީ އާއި ލިވަޕޫލްގެ ކޯޗުންނަށް އެޓީމަށް ގެންނަން ބޭނުންވާ ކުޅުންތެރިންނާއި، ދޫކޮށްލަން ބޭނުންވާ ކުޅުންތެރިން ނިންމޭ ކަމަށާ ނަމަވެސް ޓޮޓެންހަމް އާއި ޗެލްސީ އަދި އާސެނަލްގެ ކޯޗުންނަށް ޓްރާންސްފާގެ ކަންތައްތަކާ ނުބެހެވޭ ކަމަށެވެ.

އެގޮތުން ޕޮޗެޓީނޯ ބުނީ، ޓޮޓެންހަމް އާއި ޗެލްސީ އަދި އާސެނަލްގެ ޓްރާންސްފާ ކަންތަކާ އުޅެނީ ކްލަބުގެ ރައީސުން ކަމަށާއި، ކްލަބުގެ ސްކޮޑު ވަރުގަދަކުރަން ވެސް މަސައްކަތް ކުރަނީވެސް ރައީސުން ކަމަށެވެ.

މީގެއިތުރުން ޕޮޗެޓީނޯ ބުނީ، ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް ޓޮޓެންހަމްއަށް ކުޅުންތެރިންގެ ސޮއި ހޯދާފައިނުވުމުން، ބައިވަރު ރުފިޔާ އެއްކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ކްލަބު ވަރުގަދަވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޕޮޗެޓީނޯ ވަނީ މިދިޔަ އަހަރުގެ މެއި މަހު ޓޮޓެންހަމްއާއެކު އޭނާ ޓޮޓެންހަމްއާއެކު ހަދާފައިވާ އެއްބަސްވުން ފަސް އަހަރަށް އާކޮށްފައެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރެވެ.

އެސްޕަނިއޯލް އާއި ސައުތްހެމްޓަންއަށް ކޯޗުކަން ކޮށްދީފައިވާ ޕޮޗެޓީނޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 276 މެޗުގައި ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރެއިން 154 މެޗުން އެޓީމު މޮޅުވިއިރު، 67 މެޗުން ވަނީ ބަލިވެފައެވެ. އަނެއް 55 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި އެސްޕަނިއޯލް އާއި ޕީއެސްޖީއަށް ކުޅެފައިވާ ޕޮޗެޓީނޯ ވަނީ އާޖެންޓީނާ ގައުމީ ޓީމަށްވެސް ކުޅެފައެވެ. އޭނާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި އެސްޕަނިއޯލްއާއެކު ދެފަހަރެއްގެ މަތިން ކޮޕަޑެލްރޭ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް