ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 09:45
އިވާން ރަކިޓިޗް
އިވާން ރަކިޓިޗް
ގެޓީ އިމޭޖަސް
އިވާން ރަކިޓިޗް
ރަކިޓިޗް ހޯދަން އަނެއްކާވެސް ޔުނައިޓެޑުން ބިޑުކުރަނީ
ރަކިޓިޗްގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ބާސެލޯނާއަށް ކުޅެމުން އަންނަ އިވާން ރަކިޓިޗް ހޯދަން އަނެއްކާ ވެސް މެންޗެސްޓަރ ޔުނައިޓެޑުން ބިޑުކުރަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް ރަކިޓިޗް ގެނައުމަކީ ޔުނައިޓެޑުގެ އެންމެ ބޮޑު އެއް ޓާގެޓެވެ. އެގޮތުން އޭނާ ހޯދުމަށް ބޮޑު ހުށަހެޅުމެއް ޔުނައިޓެޑުން ތައްޔާރުކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ދާދި ފަހުން ވެސް ޔުނައިޓެޑުން ވަނީ ރަކިޓިޗް ހޯދުމަށް 35 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅާފައެވެ. ނަމަވެސް ބާސާއިން ވަނީ އެ ހުށަހެޅުން ރިޖެކްޓް ކޮށްލައިފައެވެ. އަދި ބާސާއިން ރަކިޓިޗް ވިއްކާލަން ބޭނުންވަނީ 50 މިލިއަން ޔޫރޯއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ރަކިޓިޗްގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ އެ ކްލަބަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވޭތީއެވެ.

ބާސާއާ އެކު އުމުރުން 30 އަހަރުގެ ރަކިޓިޗް ހަދާފައިވާ އެއްބަސްވުން 2021 ގައި ހަމަވާއިރު، އޭނާގެ ރިލީޒް ފީއަކީ 125 މިލިއަން ޔޫރޯއެވެ. އޭނާ ހޯދުމަށް އިންޓަގެ އިތުރުން އެހެން ކްލަބްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބަސެލް އިން ސީނިއާ ކެރިޔަރު ފެށި ރަކިޓިޗް ވަނީ ޝާލްކޭ އާއި ސެވިއްޔާ އަށް ވެސް ކުޅެފައެވެ. އޭނާ ބާސާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ރަކިޓިޗް ވަނީ މިހާތަނަށް ބާސާ އަށް ކުޅުނު 268 މެޗުގައި 35 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބާސާއާ އެކު ސްޕެނިޝް ލަލީގާ ތިން ފަހަރު، ކޮޕަޑެލްރޭ ހަތަރު ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

ކްރޮއޭޝިއާ ގައުމީ ޓީމާއެކު މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕްގެ ދެވަނަ ހޯދި ރަކިޓިޗް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 104 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް