ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 09:39
އެޑްރިއެން ރަބިއޮޓް
އެޑްރިއެން ރަބިއޮޓް
ގެޓީ އިމޭޖަސް
އެޑްރިއެން ރަބިއޮޓް
ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރަބިއޮޓް ޔުވެންޓަސްއަށް
ޔުވެންޓަސްއަށް ރަބިއޮޓް ބަދަލުވީ ފްރީ ޓްރާންސްފާއެއްގެ ދަށުން

ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އައި އެޑްރިއެން ރަބިއޮޓް ޔުވެންޓަސްއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ގޯލްޑޮޓްކޮމްއިން ބުނީ އަހަރަކު ހަތް މިލިއަން ޔޫރޯ ލިބޭ ގޮތަށް ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރަބިއޮޓް ޔުވެންޓަސްއަށް ބަދަލުވާން ނިންމާފައިވާ ކަމަށާއި، މި ހަފްތާ ތެރޭގައި އޭނާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

ރަބިއޮޓްގެ ޓްރާންސްފާގެ ކަންކަން ފުރިހަމަ ކުރުމަށް ޔުވެންޓަސްގެ ސްޕޯޓިން ޑައިރެކްޓަރ ފަބިއޯ ޕަރަޓިސީ ހުކުރު ދުވަހު ޕެރިސްއަށް ގޮސްފައިވާއިރު، ރަބިއޮޓްގެ ޓްރާންސްފާގެ ކަންތައް ޔުވެންޓަސްއިން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ގޯލްޑޮޓްކޮމްއިން ބުނެއެވެ.

އުމުރުން 24 އަހަރުގެ ރަބިއޮޓް ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި މަހަށް ފަހު ހަމަވާއިރު، އޭނާ ޔުވެންޓަސްއަށް ބަދަލުވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން ކަމަށް ވެސް ގޯލްޑޮޓްކޮމްއިން ވަނީ ބުނެފައެވެ.

ޔުވެންޓަސްއިން ރަބިއޮޓްގެ ހޯދާފައިވަނީ އޭނާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އައި ދަނޑިވަޅެއްގައެވެ. އޭނާ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕީއެސްޖީން 2012 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ރަބިއޮޓް ވަނީ އެ ކްލަބަށް މިހާތަނަށް ހަތް ސީޒަން ކުޅެފައެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 227 މެޗުގައި 24 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޕީއެސްޖީއާއެކު ފަސް ލީގު ތަށި ކާމިޔާބު ކޮށްފައިވާ އުމުރުން 24 އަހަރުގެ ރަބިއޮޓް ވަނީ އެ ކްލަބާއެކު ހަތަރު ސުޕަކަޕް އަދި ފަސް ލީގް ކަޕް ކާމިޔާބު ކޮށްފައެވެ.

ފްރާންސްގެ އެކި އުމުރުފުރާތަކުގެ ޓީމުތަކަށް ކުޅެފައިވާ ރަބިއޮޓް ވަނީ ފްރާންސްގެ ސީނިއާ ޓީމަށް ހަ މެޗު މިހާތަނަށް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް