Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 09:26
މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޝަމާޢު ޝަރީފް
މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޝަމާޢު ޝަރީފް
ރާއްޖެއެމްވީ
އެމްޑީޕީގެ ހަރަކާތްތައް
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
ސަރުކާރުގެ ކެނޑިޑޭޓުންނަށް ތާޢިދެއް ނެތް
ލާމަރުކަޒީ ނިޒާމް ފުނޑާލީ މި ސަރުކާރުން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކަމަކީ, ގުޅިފައިވާ އިދިކޮޅު އިއްތިޙާދަށް ކެމްޕެއިން ކޮށްދެއްވުންކަމަށް މާލެ ސިޓީ ކައުންސިލަރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ މާފަންނަށް ނިސްބަތްވާ ސަޕޯޓަރުން އިންތިޒާމް ކޮށްގެން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ވެސް ކުރައްވާ ޝަމާޢު ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް ކަން ކުރައްވަމުން ގެންދަވާ ނަމަ، ކުރިއަށް ހުރި އިންތިޚާބުތައް އެމްޔޫއޯއަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކަމަކީ ގުޅިފައިވާ އިދިކޮޅު އިއްތިޙާދަށް ކެމްޕެއިން ކޮށްދިނުންކަމަށް ޝަމާޢު ވިދާޅުވިއެވެ.

"ރައީސް ޔާމީން އެ ކުރައްވާ ކަމަކީ އަޅުގަނޑުމެންނަށް ކެމްޕެއިން ކޮށްދެއްވަނީ. ސިފައިންނާއި ފުލުހުން ނެރެގެން އެމްޑީޕީގެ ހަރުގެއަށް އަރައިގަތްތައް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. މިގޮތަށް ކަންތައް ކުރީމާ ކުރިޔަށް އޮތް އިންތިޚާބުތައް ކާމިޔާބުވިކަން ތާރީޚުން އަޅުގަނޑުމެންނަށް ފެންނާނެ. އެނގިވަޑައިގަންނަވާނެ ދުންފިނީ ހަރުގެއަށް އަރައިގަތީމާ ޖެހިގެން އައި އިންތިޚާބު ވެސް ހަމަ ބޮޑުތަނުން ކާމިޔާބު ލިބުނު. އެމްޑީޕީ އަކީ މިގޮތަށް ބިރުދައްކައިގެން، ފަހަތަށް ޖައްސައިގެން، މިގޮތަށް ފިއްތައިގެން ފަހަތަށް ޖެއްސޭނެ، ބިރުދައްކައިގެން ހުއްޓުވޭނެ ޕާޓިއެއް ނޫން. އެމްޑީޕީ އަކީ އުފެއްދުންތެރި ޕާޓީއެއް. އެ ހާލަތަކުން އަރައިގަތުމަށްޓަކާ ކޮންމެސް ގޮތެއް ހޯދާނަން" ޝަމާޢު ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވީ، ކިތަންމެ އަވަހަށް އިންތިޚާބެއް ބޭއްވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ނުކުމެ ވޯޓު ފޮށިތައް ފުރާލައި، ބޮޑުތަނުން ރައީސް ޔާމީން ބަލިކޮށްލާނެ ކަމަށެވެ. އެގޮތަށް ކަން ވާން ދިމާވީ،  ސަރުކާރުގައި ތިބި ފަރާތްތަކަކީ، ލާމަރުކަޒީ ނިޒާމާއި އެންމެ ކުރީއްސުރެ ދެކޮޅު ބޭފުޅުންކަމަށް ވުމުންކަން ފާހަގަ ކުރައްވާ ޝަމާޢު ވިދާޅުވީ، މުޅި ލާމަރުކަޒީ ނިޒާމު ފުނޑާލާ، ނިކަމެތިކޮށްލާ، މަގުމަތިކޮށްލީވެސް މިއަދުގެ ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުން ކަމަށެވެ.

"ޤާނޫނު އަސާސީ އިސްލާޙު ކުރަމުން އައި ދުވަސްވަރަށް ބަލާލާ އިރުގައި ލާމަރުކަޒީ ނިޒާމެއްގެ ވާހަކަ ދެއްކީ އެމްޑީޕީ. މި ވާހަކަ ދެއްކީމާ އެންމެ ގަދަޔަށް އަޑަށް ބާރުލާފައި ދެކޮޅު ހެދި އެއް ބޭފުޅަކު މިއަދު ވެރިކަމުގައި ހުންނެވީތީ އަޅުގަނޑުމެންނަށް އެ މަންޒަރު މި ފެންނަނީ. މާލޭ ސިޓީ ކައުންސިލަށް ދެ ދަޢުރަށްވެސް ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކުރީ އެމްޑީޕީގެ ކައުންސިލަރުން. ނަތީޖާއަށްވީ، ރައީސް ޔާމީންގެ ވެރިކަމެއް ފެށުނު ހިސާބުން، މާލޭ ސިޓީ ކައުންސިލަށްވެސް އިންތިހާއަށް ޖެއްސުން ކުރަމުން، އަނިޔާ ދެމުން އައިސްފާ މިއަދު މިއޮތީ ގުދަނެއްގައި މަސައްކަތްކުރަންޖެހޭ ހާލަތަށް ގެނެއްސަ"، ޝަމާޢު ވިދާޅުވިއެވެ.

ކަންމިހެން އޮތުމުން، ލާމަރުކަޒީ ނިޒާމޭ، ލޯކަލް ކައުންސިލް އޭ ކިޔަން، މިއަދު ސަރުކާރުގައި ތިބި ފަރާތްތައް ލަދުގަންނަން ޖެހޭނެ ކަމަށް ޝަމާޢު ވިދާޅުވިއެވެ.

ސިޔާސީ ކެނޑިޑޭޓުންނާއި ރައްޔިތުންނާއި އޮންނަ ގުޅުމާއި، އެފަރާތްތަކަށް އޮންނަ ތާޢީދުގެ މައްޗަށް އަލިއަޅުވާލައްވައި، ޝަމާޢު ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓުން ކެމްޕެއިން ކުރަނީ ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ ހާލަތު ބަލައި، ވާހަކަތައް އަޑު އަހައިގެން ކަމަށެވެ. ނަމަވެސް މިއާއި ޚިލާފަށް ޕީޕީއެމްގެ ކެނޑިޑޭޓުނަށް ކެމްޕެއިން ކުރަން ވަދެވޭނެ ގެއެއް ނެތް ކަމަށާ، އެހެން ކަމުން ޕީޕިއެމްގެ ކެނޑިޑޭޓުން ކެމްޕެއިން ކުރަމުންދަނީ އަމިއްލަ ގޭގައި ތިބިގެން ކަމަށްވެސް ޝަމާޢު ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވީ، ސަރުކާރު ކޯލިޝަންގެ ކެނޑިޑޭޓުންނަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީއިން އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވޭނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮތްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް