މިއީ ފ. މަގޫދޫ، އާބަހާރުގޭ، ދޮން އައިމިނަ އެވެ. ދޮން އައިމިނަގެ އުމުރުން 80 އަހަރަށް ވުރެ މަތިވެފައިވާއިރު، މިއަދު ދޮން އައިމިނަގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެތަނަކަށް އުފަންވެ، އެތަނަކަށް ފޫޅުކެނޑި ބިން ބޭރު ބައެއްގެ މުށު ތެރެއަށް ދިއުމެވެ.
ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއިން ފ. އަތޮޅުގައި ހިންގާ ބިޔަ ބޮޑު މަޝްރޫއާ ގުޅޭ ގޮތުން މި އަތޮޅުގެ އެކި މީސްމީހުންގެ ޚިޔާލު ހުރީ އެކި ގޮތްގޮތަށެވެ. އެއްބަޔަކު ތަރައްގީއަށްޓަކައި މި މަޝްރޫއަށް ތާއީދުކުރާއިރު، އަނެއް ބަޔަކު ބުނަނީ ތަރައްގީ ބޭނުންވަނީ ލާން ގެންގުޅޭ މުންޑާއި ގަންޖިފަރާސް ވިއްކާނުލާ ކަމަށެވެ.
ފ. އަތޮޅުގެ ފަޅުތަކަކާއި ރަށެއް ސައުދީ އަރަބިއްޔާ އަށް ވިއްކައިގެން މި މަޝްރޫއު ހިންގުމަށް ދެކޮޅު ހަދާ މީހުން ބުނާ ގޮތުގައި، ތަރައްގީ ބޭނުން ކަމަށެވެ. ނަމަވެސް، އަމިއްލަ ދިރިއުޅުމަށް އަތްފައިކޮށައިގެން ކޮށްފައި ހުރި މަސައްކަތްތައް ދޫކޮށް، ހުޅުމާލޭ ހިއްކި ބިމެއްގައި ކުލީގެ އަޅަކަށް ވާންޖެހޭ ތަރައްގީއެއް ބޭނުންނުވާ ކަމަށެވެ.
ދިމާވާ އެކި މީހުންގެ ވާހަކަ އެކި ގޮތްގޮތަށް ހުރި އިރު، އެންމެ ތަފާތު ވާހަކައެއް ދެއްކީ ދޮން އައިމިނަ އެވެ. އަސައެއްގެ އެހީގައި މަޑު މަޑުން ހިނގަމުން ދޮން އައިމިނަ ބުނީ އަމިއްލަ ފަސްގަނޑުގައި ދިވެހިން އަޅުވެތިވެދާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ނެގީ ފަލަސްތީނެވެ. ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ބިމުގައި އަޅުވެތިކޮށް ރެފިއުޖީންނަށް ހަދާލި ގޮތަށް، މި ޖަޒީރާތަކުގައި އުޅޭ ރައްޔިތުންނަށް އެހެން ހަދާލަފާނެތީ ދޮން އައިމިނަ ވަރަށް ކަންބޮޑުވެ އެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ އުދުވާނާއި ރާއްޖޭގެ ހާލަތާ އައިމިނަ ގުޅުވާލި އެވެ. އޭނާ ބުނީ އިޒްރޭލު މީހުން ވެސް ފުރަތަމަ ތިބީ ކުޑަ ތަންކޮޅެއްގައި ކަމަށެވެ. އެއަށްފަހު ފުޅާވަމުން ފެތުރެމުން ގޮސް، ފަލަސްތީނުގެ ބިން އެއްކޮށްހެން މުށު ތެރެއަށް ލައިފި ކަމަށެވެ. ދޮން އައިމިނަ ބުނީ މިއަދު ހިމިއްޗާއި ދެތިން ފަޅެއް ނަގާފާނެ ކަމަށެވެ. ނަމަވެސް، ފުޅާވަމުން ފެތުރެމުން ގޮސް މުޅި ހިސާބުގަނޑު ނަގާފާނެތީ ބިރުގަންނަ ކަމަށެވެ.
ދޮން އައިމިނަ ބުނީ އުމުރުން ދުވަސްވެ، ވަރުދޫވި ދުވަހު ދުނިޔޭގެ ދެކޮޅު ފެނިއްޖެ ކަމަށެވެ. މިނިވަން މި ފަޒާގެ ފިނިފިނި ވައިގެ ތެރެއަށް، ރާޅުބާނީތަކުގެ އަޑު އިވޭ ހިސާބުގައި ދުނިޔޭގައި ދުވަސްތައް ހޭދަކޮށް މަރުވެ ދިއުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އެދުމެވެ. ދޮން އައިމިނަ ވެސް ބޭނުންވަނީ މިނިވަން ދިވެހިރާއްޖެ އެއްގެ ފަސްގަނޑަށް ފަހު ނޭވާ ދޫކޮށްލުމަށެވެ.