Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 23:07
ޕީޕީއެމްގެ މުސްތަޝާރު ފެކްޝަންގެ އިންތިޚާބު ކޮމިޓީގެ މުޤައްރިރު، ރާބިޚް މުޙައްމަދު
ޕީޕީއެމްގެ މުސްތަޝާރު ފެކްޝަންގެ އިންތިޚާބު ކޮމިޓީގެ މުޤައްރިރު، ރާބިޚް މުޙައްމަދު
މުހައްމަދު ޝަރުހާން
ލޯކަލް ކައުންސިލް އިންތިޚާބު
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
ރީރަޖިސްޓަކުރުމުން މާލޭގެ ހަތަރު ސަރަހައްދެއްގައި

އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ރީރެޖިސްޓަރ ކުރުމަށް އެހީ ވުމުގެ ގޮތުން ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މުސްތަޝާރު ފެކްޝަނުން ޚާއްސަ ހަރަކާތެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޕީޕީއެމްގެ މުސްތަޝާރު ފެކްޝަންގެ ސެކެޓްރީ ޖެނެރަލްގެ ނައިބު، އިޤުބާލް އާދަމް ވިދާޅުވީ، ރީރެޖިސްޓްރީ ކުރުމަށް ޕީޕީއެމްއިން ހިންގާ ހަރަކާތަކީ އެ ޕާޓީގެ މެންބަރުންގެ އިތުރުން ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ހިންގާ ފަސް ދުވަހުގެ ހަރަކާތެއް ކަމަށެވެ. އެގޮތުން މާޗް 4 ވަނަ ދުވަހުން ފެށިގެން، މާޗް 8 ވަނަ ދުވަހާއި ހަމައަށް މާލޭގެ 4 ސަރަޙައްދެއްގައި ރީރަޖިސްޓަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އެއީ އާޓިފިޝަލް ބީޗާއި، މާލެ-ހުޅުމާލެ ފެރީ ޓާމިނަލާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ސްޓާ ސިނަމާ ސަރަޙައްދުގައެވެ. ހަރަކާތް ކުރިއަށްދާނީ ހުކުރު ދުވަހުގެ ހަވީރު 4 ން 6 ށް އަދި ރޭގަނޑު 8 ން 10 ށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ހަރަކާތް ނިމެންދެން ހެނދުނު 9 ން މެނދުރު 12 އަށް، ހަވީރު 4 ން 6 ށް އަދި ރޭގަނޑު 8 އިން 10 އަށް ހަރަކާތް ކުރިއަށް ދާނެއެވެ.

ޕީޕީއެމްގެ މުސްތަޝާރު ފެކްޝަންގެ އިންތިޚާބު ކޮމިޓީގެ މުޤައްރިރު، ރާބިޚް މުޙައްމަދު ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ރީރެޖިސްޓްރީ ވުމުގެ ފުރުޞަތު ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުވާލާފައިވާއިރު، މި ހަރަކާތުގެ ތެރެއިން ރީރެޖިސްޓަރވާ ފަރާތްތައްވެސް، ރީ ރެޖިސްޓަރ ވުމުގެ މުއްދަތު ހަމަ ވުމުގެ ކުރިން ރެޖިސްޓަރ ވެފައިވާކަން ކަށަވަރު ކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ހަމަ މިއާއިއެކު، އެންމެ ފަހުން ރީރެޖިސްޓަރ ކުރަން ދިން ފުރުޞަތުގައި ރެޖިސްޓަރކޮށް، ވޯޓުލާ ތާރީޚުގައި ހުންނަ ތަން ބަދަލު ނުވާ ފަރާތްތަކުން ރީރެޖިސްޓަރ ވާން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލވުމުގައި ވާހަކަ ދައްކަވަމުން، ޕާޓީގެ ކޯޑިނޭޓަރ، މުޢާޛް ހަލީމް ވަނީ، ހަރަކާތުގެ ތެރެއިން ރީރެޖިސްޓަރ ވުމަށް ވަޑައިގަންނަވާއިރު ކޮންމެ ބޭފުޅަކުވެސް، ވޯޓުލާ ތާރީޚަށް މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ.

ޕީޕީއެމްއިން ބުނީ މި ހަރަކާތުގެ ތެރެއިން، ޕާޓީއަށް މެންބަރޝިޕް އިތުރު ކުރުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުދާނެ ކަމަށެވެ.

ޖެނުއަރީ 14 ގައި ބާއްވަން ހަމަ ޖައްސާފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް 8 އަށް ލަސްކުރުމަށް ފަހު، މިހާރު ވަނީ އޭޕްރީލް 15 އަށް ލަސްކޮށްފައެވެ. މި އިންތިޚާބަށް ރީ ރެޖިސްޓަރ ވުމުގެ އެންމެ ފަހު ތާރީޚަކީ، 9 މާޗްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް