ބުރާސްފަތި ދުވަހު ޖޭއެސްސީން އާއްމުކޮށްގެން ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު މާލާމުގައި އޭނާގެ ހަތަރު ވަކީލުންގެ ތެރެއިން މުހައްމަދު ސަލީމް (ރޭނީސް ސަލީމް) އާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ފަރާތުން ފެނިގެން ދިޔަ މަންޒަރުތަކުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ވަކީލުންގެ ސުލޫކީ މިންގަނޑާ ފުށުއަރާފަދަ ގޮތަކަށް އަދަބާ ހިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާ ދިމާޔަށް ހަޅޭލަވައި ރިޔާސަތުގެ އެންގެވުންތަކަށް ފާޅުގައި ދެކޮޅު ހައްދަވައި ނުކިޔަމަންތެރިކަން ދެއްކި މަންޒަރު ދެ ބޭފުޅުންގެ ފަރާތުން ފެނިގެން ދިޔައެވެ.
ތަހުގީގު ފެށުމާ އެކު ޖުޑީޝަލް ސަރވިސްގެ ކޮމިޝަންގެ މެމްބަރު މަސްތޫރު ހުސްނީ ވަނީ އެ ތަހުގީގު ކުރިޔަށް ގެންދާނެ ގޮތާއި، އެ ކޮމިޝަނުން ބަލަމުންދަނީ ދީދީގެ ކޮން މައްސަލައެއްކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.
އެ ކޮމިޝަނުން ބަލަމުންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެން އެ މައްސަލާގައި ސުލޫކީ މައްސަލައެއް އޮތްތޯއެވެ. އަދި ކޮންމެ ބޭފުޅަކަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް ކޮމިޝަންގެ މެމްބަރު ވިދާޅުވިއެވެ. އެހެން ނަމަވެސް ދެން ފެނިގެން ދިޔައީ ސަލިމާއި ޑރ. ޖަމީލާ ދެ ބޭފުޅުން ޖޭއެސްސީގެ މެމްބަރުން ކަމަށްވާ ހިސާން ހުސައިން އާއި އޭޖީ އިބްރާހިމް ރިއްފަތުގެ އިތުރުން މަސްތޫރް ހުސްނީގެ މަސްލަހަތު އެ މައްސަލާގައި އޮތް ކަމަށް ވިދާޅުވެ އެ ބޭފުޅުން ތަނައްޒަލުވެވަޑައިގަތުމަށް ހަރުއަޑުން ގޮވާލައްވަމުން ގެންދެވި މަންޒަރެވެ.
އެ ތިން ބޭފުޅުންނަކީ ރައީސް ނަޝީދުގެ މައްސަލާގައި ވަކާލަތު ކޮށްދެއްވާފައިވާ ބޭފުޅުންނަށް ވާތީ އެ ބޭފުޅުންގެ މަސްލަހަތު ފުށުއަރާ ކަމަށް ވިދާޅުވެ އިސްތިއުފާ ދިނުމަށް ވެސް ވަކީލް ސަލީމް ވަނީ ގޮވާލައްވާފައެވެ.
މި މަންޒަރުތައް ފެނުމާ ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ ޑރ. ޖަމީލަށާއި ދީދީގެ ވަކީލުންނަށް ފާޑުކިޔަމުންނެވެ. އެ ގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަނދާނަށް އަންނަނީ 2007 ވަނަ އަހަރު ހަވީރު ނޫހުން އިންތިޒާމުކޮށްގެން ބޭއްވި ބަހުސް މަތިން ކަމަށެވެ. އެ ބަހުސްގައި ވެސް ޑރ. ޖަމީލް ވަނީ ކޯފާ އިސްކުރައްވައި ބަހުސް ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ.
ޑރ. ޖަމީލް ފާހަގަކުރެވެނީ އާންމު ގޮތެއްގައި ވެސް ވަރަށް ރުޅިގަދަ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ޑރ. ޖަމީލް ވަނީ އެ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އެ އިންތިހާބު ކާމިޔާބުކުރެއްވި ނަމަވެސް ހަވާލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ނިމިދިޔަ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި އަދި ފަހުން ބޮޑެތި ތުހުމަތުތަކާ އެކު ނައިބު ކަމުން ދުރުކުރެއްވުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ސަރުކާރާ އިދިކޮޅު ހަރަކާތުގެ ލީޑަރެއްގެ ގޮތުގައި ވެސް ހުންނެވި ޑރ. ޖަމީލް ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އިނގިރޭސި ވިލާތުގައި ދިރިއުޅުއްވި އިރު ސުޕްރީމް ކޯޓަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ.
ޑރ. ޖަމީލު ފާހަގަކުރެއްވެނީ އެއްވެސް ލީޑަރަކާ އެކު މަސައްކަތް ނުކުރެއްވުނު ސިޔާސީ ގޮތުން ވަރަށް ބޮޑަށް ފެއިލްވެފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އެ ގޮތުން ކުރީގެ ރައީސް މައުމޫނާ ސަރުކާރުގައި އިސް މަގާމުތަކުގައި ހުންނެވި ނަމަވެސް ޖެހުނު ތަފާތު މައްސަލަތަކާ އެކު އެ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވައި ފަހުން ގައުމީ ޕާޓީގެ ނަމުގައި ހަސަން ސައީދާ އެކު މަސައްކަތްކުރެއްވި ނަމަވެސް މައްސަލަތައް ޖެހި އެ ޕާޓީ ވެސް އުވިގެންދިޔަ އިރު ޑރ. ޖަމީލާއި ހަސަން ސައީދުގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިފައިވާކަން ފަހަގަކޮށްލެވެ.
އޭގެ ފަހުން ޑީއާރުޕީ އާއި އަދި ފަހުން ޕީޕީއެމްއާ އެކު މަސައްކަތްކުރައްވައި އެމްޑީޕީގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރެއްވިއެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ސަރުކާރު ބަދަލުވުމުން އުފާފާޅުކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވެއެވެ.
ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި 2013 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވި ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ ސަރުކާރާ ވެސް މައްސަލަ ޖެހުނެވެ. އަދި ފަހުން ޖޭޕީއާ ގުޅިވަޑައިގެން މި ސަރުކާރު ގެނައުމަށް ވެސް މަސައްކަތްކުރެއްވި ނަމަވެސް އެމްޑީޕީ އަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވިއެވެ. އަދި މި ސަރުކާރު އައުމުން އިދިކޮޅު ލީޑަރެއްގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. ނަމަވެސް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލޭ ދާއިރާ އިން އަމިއްލަ ކެންޑިޑޭޓެއް ކަމަށްވާ އަހްމަދު އުޝާމްއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ލަދުގަންނަ ވަރުގެ ނަތީޖާއަކާއެވެ.
ފަނޑިޔާރު ދީދީގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލް ނުކުމެވަޑައިގެންނެވުމުން އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އަނެއްކޮޅުން ރޭނީސް ސަލީމަކީ މީގެ ކުރިން ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ކުރެވުނު ބޭފުޅެކެވެ. އަދި ނުރައްކާތެރި ކުށްވެރިންނާ ގާތްގުޅުން އޮންނަ ބޭފުޅެކެވެ. އަދި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ހިމެނޭ ނުރައްކާތެރި ކުށްވެރިއެއް ކަމަށްވާ އަޒްލީފް ރައޫފް އާއި ސަލީމް މީހަކަށް ބިރު ދެއްކި މައްސަލައެއްގައި 2013 ވަނަ އަހަރު ދައުވާކުރަން ވެސް ފޮނުވިއެވެ.