ރެއާލް މެޑްރިޑްގެ މިޑްފިލްޑަރ ހަމޭސް ރޮޑްރިގޭޒް ނަޕޯލީއަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިޓަލީގެ ނޫސްތަކުން ބުނީ، ލޯން އެއްބަސްވުމެއްގެ ދަށުން ހަމޭސް ނަޕޯލީއަށް ގެނައުމުގެ އެންމެ ފަހުގެ ކަންތައް ކުރިޔަށްދާ ކަމަށެވެ. އަދި އޭނާ ނަޕޯލީއާ އެކު ހަދާ ލޯން އެއްބަސްވުން ދާއިމީ ކުރުމަށް 30 މިލިއަން ޔޫރޯ ދޭންޖެހޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން ރިޕޯޓްތައް ބުނާ ގޮތުން ހަމޭސްގެ ޓްރާންސްފާ ކަންތަކާ ގުޅިގެން އޭނާގެ އެޖެންޓް ޖޯޖް މެންޑޭޒް މިވަގުތު ހުރީ މެޑްރިޑްގައި ކަމަށާއި، ހަމޭސްގެ ޓްރާންސްފާގެ ކަންތައް ވަރަށް އަވަހަށް ނަޕޯލީން އިއުލާންކުރާނެ ކަމަށެވެ.
ރެއާލްއިން ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް ދޫކޮށްފައިވާ ހަމޭސް ވަނީ ބަޔާންއާއެކު ދެ އަހަރު ހޭދަކޮށްފައެވެ. ބަޔާންގައި ހަމޭސް ހޭދަކުރަންޖެހޭ މުއްދަތު ހަމަވެފައިވާއިރު، އޭނާ ކުރިޔަށް އޮތް ސީޒަނުގައި ރެއާލްއަށް އަލުން ބަދަލުވާނެއެވެ.
ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ހަމޭސް ވިއްކާލަން ރެއާލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖުލައި މަހެވެ.
މީގެ ކުރިން ޕޯޓޯ އަދި ބެންފީކާ އަށް ވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ލަލީގާ، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.
ބަޔާން އަށް ކުޅުނު 67 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައިވާ ހަމޭސް ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމާ އެކު ޖަރުމަން ބުންޑަސް ލީގާ ވެސް ކާމިޔާބު ކޮށްފައެވެ.
ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު 72 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައިވާ އުމުރުން 27 އަހަރުގެ ހަމޭސް ވަނީ އެޓީމާއެކު 2016 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގެ ތިންވަނަ ހޯދާފައެވެ.