ސިޔާސީ މައިދާނުގައި ވެސް ދެ ދުވަހުން އެއް ދުވަހު ކުލަ ބަދަލުކުރާ ސިޔާސީ ފަރާތްތަކަށް ރައްޔިތުން އިތުބާރެއް ނުކުރެ އެވެ. އެއް ޕާޓީން، އަނެއް ޕާޓީން ބަދަލުވަމުންދާ ސިޔާސީ ފަރާތްތަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ބައެއް ކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. ނިމުނު އިންތިހާބުތަކުގެ ނަތީޖާއިން އެކަން ސާފުވެއެވެ. އިންތިހާބުތަކުގައި ރައްޔިތުން ވަނީ އެފަދަ ފަރާތްތަށް ބަލިކޮށް ލަދުގަންނުވާލާފަ އެވެ. ސިޔާސީ މަސްރަހުގައި ކުލަ ބަދަލުކުރަމުން ހިނގާ ފަރާތްތަކަށް ރައްޔިތުން ބުނީ ނޫނެކެވެ.
އެއީ ސިޔާސީ މައިދާނުގައި ކަން ހިނގާ ގޮތުގެ ހަޤީޤަތެވެ. ދެން އޮތީ ފަނޑިޔާރުގޭގެ ހަޤީޤަތެވެ.
ސިޔާސީ މަޝްރަހުގައި ކަން ހިނގާ ބީދައިން ދެ ދުވަހު ދެގޮތަށް ހުކުމްތައް ނެރެ، އަމުރުތައް ނެރޭ ފަނޑިޔާރުންނަށް ވެސް ރައްޔިތުން އިތުބާރެއް ނުކުރެއެވެ. ރައްޔިތުންގެ ކުރިމަތީގައި އެފަދަ ފަނޑިޔާރުންނަކީ ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޓްވެފައި ތިބި ބައެކެވެ. ވޯޓަކުން އެ ފަނޑިޔާރުން ނެރެ، ބޭރުކޮށްލެވޭ ނަމަ ރައްޔިތުން އެކަންކޮށް ނިންމާނެތާ އެތަށް ދުވަހެއްވެދާނެއޭ ބުނެވިދާނެ އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދުގެ ހާލަތަކީ ވެސް އެއީއެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ނިންމުންތަކަށް ރައްޔިތުން އިތުބާރު ނުކުރާކަމެވެ. ރައްޔިތުންގެ ކުރިމަތީގައި އެ ކޯޓުގެ ފަނޑިޔާރުންނަކީ މިއަދު ނަޒާހަތްތެރިކަން ގެއްލިފައި ތިބި ބައެކެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހާލަތު ވެސް އެ ހިސާބަށް ދިޔައީ އެ ބޭފުޅުން ދެ ދުވަހު ދެގޮތަށް ހުކުމްތައް ނެރުއްވަން ފެއްޓެވުމުންނެވެ. އެފަދަ އެންމެ ބޮޑު އެއް މައްސަލައަކީ 1 ފެބުރުރުއަރީ 2018 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިިކުރައްވާ ނެރުނު އަމުރެވެ. އެ ދުވަހު، ސުޕްރީމް ކޯޓުން އެ އަމުރު ނެރުނުއިރު، މި ވަގުތު ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ގޮތަށް އޮތީ ސޮއިކުރައްވާ، ތަތްގަނޑުޖަހާފަ އެވެ.
އަމުރު ނެރުނުތާ ފަސް ވަނައަށްވީ ދުވަހު އޭރުގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކޮށް ޖަލަށްލުމާ އެކު، ބާކީ ދެން ތިއްބެވި ތިން ފަނޑިޔާރުން 1 ފެބުރުއަރީގައި ނިންމެވި ނިންމުންތައް މަޑުމަޑު ބަދަލުކުރަމުންގޮސް، އެ ދުވަހުގެ އަމުރުގައި ހިމެނޭ ހުރިހާ ކަމެއް ބާތިލްކޮށް ނިންމާލި އެވެ. މިއަދާ ހަމައަށް ވެސް މި ދެންނެވި ތިން ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރެއްގައި ހިމެނޭ ކަންތައްތަކެއް، ހަމަ އެ ތިން ފަނޑިޔާރުން އޭގެ ފަސް ދުވަސްފަހުން ބާތިލްކުރަން ފެށި ސަބަބެއް އެއިން ބޭފުޅަކަށް ވިދާޅުވެދެއްވިފައެއް ނުވެއެވެ.
އޭގެ ފަހުން، ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ފަހު ސިޔާސީ ފަރާތްތައް މިނިވަންކުރި ކުރުމަށް ބެލިކަމުގައިވީ ނަމަވެސް ކަން އޮތީ ހަމަ މި ދެންނެވިގޮތަށެވެ. ސުޕްރީމް ކޯޓުގެ އަމުރުތަކާއި، ހުކުމްތައް ހުރީ އެއް ބީދައަކުންނެވެ.
ބައެއް މައްސަލަތަކުގައި ތިން ފަހަރު ތިންގޮތަށް ވެސް ނިންމުންތައް ނިންމާފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް މިސާލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެވެ. އެ މައްސަލާގައި ވެސް ސުޕްރީމް ކޯޓުން ތިންގޮތަށް، ތިން ނިންމުމެއް ނިންމާފައިވެއެވެ. ކޮންމެފަހަރަކު ވެސް ބޮޑެތި ޤާނޫނީ މާއްދާތަކާއި، ޤާނޫނު އަސާސީގެ މާއްދާތައް ހަވާލާދެއްވާފައި ވެއެވެ.
ފަނޑިޔާރެއްގެ ނިންމުމާ ގުޅިގެން ސުލޫކީ ފިޔަވަޅެއް ނޭޅޭނެ ކަމަށް ބުނެ އަންގާރަ ދުވަހު ސުޕްރީމްް ކޯޓުން ނެރުނު ކޯޓު އަމުރުވެސް އޮތީ ދާދި އެއްގޮތަކަށެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށް ކަމަށާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަން ބަޔާންކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މާއްދާތަކާ ހަވާލާ ދެމުން ކޯޓު އަމުރުގައި ބުނެެފައިވަނީ ފަނޑިޔާރަކު މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން، ގާނޫނުއަސާސީގައި ބުނާ އިސްތިއުނާފު ކުރުމުގެ ހަމަތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ސުލޫކީ މައްސަލަ ބެލުމުގެ އުސޫލުތަކުގެ ބޭރުން ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އެގޮތަށް އަމުރެއް ނެރުނުއިރު، ހަމަ އެ ކޯޓުން 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި، މެރިން ޓެކޮނޮލޮޖީ މޯލްޑިވްސްއާ ދެމެދު ކޮށްފައިވާ، ވ. ބޮޑުމޮހޮރާ ޓްއަަރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުުރުމުގެ މައްސަލަ ސިވިލް ކޯޓަށް ބަލައިގަނެ އެ މައްސަލައާ މެދު ގޮތްތަކެއް ނިންމާފައިވާ ކަމަށް ބުނެ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ޝަރީއަތްކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ކަނޑައެޅި އެވެ. އެ ދުވަހު ސުޕްރީމް ކޯޓުން ބޭނުންވުމުން ޤާނޫނީ މާއްދާތަކެއް ބަރިބަރިޔަށް ލިޔުއްވުމަށް ފަހު، ގާޒީއެއްގެ ޝަރީއަތްކުރުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައެޅި އެވެ.
ހަމަ މި ދެންނެވި ސުޕްރީމް ކޯޓުން ގާނޫނުގެ މާއްދާތައް ރީތިކޮށް އަތުރާލުމަށް ފަހު ފަނޑިޔާރެއްގެ މައްސަލަ، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ޤާނޫނު އަސާސީން ބާރުދިން ކޮމިޝަނުން މަސައްކަތް ފެށުމާ އެކު އެ ވަނީ އެކަން ނުކުރެވޭނެ ކަމަށް އަމުރުކޮށްފަ އެވެ. ދެ ދުވަހު ދެ ސިޔާާސީ ޕާޓީއަށް ބަދަލުވަމުން ހިނގާ ސިޔާސީ މީހާއެކޭ، ސުޕްރީމް ކޯޓާ ތަފާތެއް އެބައޮތް ހެއްޔެވެ؟
ތެދެކެވެ. ކޮންމެ ހާލަތަކައި ގުޅުވައި، މޮޅެތިހާ ބަސްތައް ބޭނުންކޮށް، ޤާނޫނުތަކުގައި ހުރި އަކުރާއި ފިއްޔާ ދަމާ ނެރުމަށް ފަހު، މިވެނިކަމެއް ކުރެވިދާނެއޭ، އެވެނި ހުކުމެއް ނެރެވިދާނެއޭ، މިވެނި މައްސަލައެއް ރިވިއުކުރެވިދާނެއޭ ބުނެ ބޮޑެތިހާ އަމުރުތައް ވެސް ނެރެވިދާނެ އެވެ. ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެއް ކަމަކު ކިންތަންމެ މޮޅެތި އަމުރުތަކެއް ނެރުއްވި ނަމަވެސް، ދެ ދުވަހު ދެގޮޮތަށް އަމުރުތައް ނެރުއްވާނަ މަ ރައްޔިތުން އެ މީހުންނަކަށް އިތުބާރެއް ނުކުރާނެ އެވެ.
ދައްޗަސް، އުނދަގުލަސް، މިއަދުގެ ހާލަތަކީ ހަމަ އެއީ އެވެ. ރައްޔިތުންގެ ކުރިމަތީގައި އެ ފަރާތްތަކުގެ ނަޒާހަތްތެރިކަމާއި، އިތުބާރު ގެއްލިފައިވާކަމެވެ. އެކަން ކަމަށް ބަލައި، މިއީ ރައްޔިތުންގެ މަންދޫބުން، ރައްޔިތުންގެ ފަރާތުން ބަސްބުނަންވީ ވަގުތު އެވެ.