ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއިދު ހޯދުމުގެ މަސައްކަތަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރެއްވުމާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ވެރިން ހަރަކާތްތެރިވެ ވަޑައިގެންވިކަން ހާމައަށް ފެންނަ އެބަ ހުއްޓެވެ. ބައެއް ކަންކަން ކުރައްވަމުން ގެންދެވީ "މެންދުރުގެ އަލީގަ" އެވެ. ބައެއް ހަރަކާތްތައް "އަނދިރީގަ" އެވެ. އެފަދަ އެއް ބައްދަލުވުމަކީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ސީނިއާ މުވައްޒަފުންނާ އެކު ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ބޭއްވި އެ ބައްދަލުވުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓްގެ ފަނޑިޔާރު ސުޖާއު އުސްމާން ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހްމަތު ކުރެވެ އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކި ކޫއްޑޫގެ މުވައްޒަފުން ބުނި ގޮތުގައި އެ ބައްދަލުވުން އޮތީ ވިލިނގިލީގައި ހުންނަ ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޭގަ އެވެ. އެ ބައްދަލުވުމުގައި ކޫއްޑޫގެ ވިއްސަކަށް މުވައްޒަފުން ބައިވެރިވިއިރު، ކޮންމެ މުވައްޒަފަކާ ވަކިވަކިން ސުވާލުކުރި އެވެ. ފަނޑިޔާރުންނާ އެކު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ސުވާލުކުރައްވަމުން ގެންދެވީ ޔަޒީދު ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި މުވައްޒަފުން ބުންޏެވެ.
ކޮންމެ މުވައްޒަފަކާ ވެސް ފުރަތަމަ ކުރި ސުވާލަކީ ރައީސް ޔާމީން ދެކެ ލޯބިވޭތޯ އާއި، ރައީސް ޔާމީނަށް ވޯޓް ދެއްވާނެތޯ އެވެ. އެއަށް ފަހު، މަންމަ އާއި ބައްޕަ އަދި އާއިލާގެ މެމްބަރުންގެ ވޯޓް ދޭނެތޯ ވެސް ސުވާލު ކުރި ކަމަށް މުވައްޒަފުން ބުންޏެވެ.
އެއްވެސް މުވައްޒަފަކު އެ ސުވާލުތަކަށް ނޫނެކޭ ނުބުނޭ. ސުވާލު ކުރަމުން ދިޔައިރު ފަނޑިޔާރު އަބްދުﷲ ދީދީ އާއި ސުޖާއު އުސްމާން ވެސް ތިއްބެވި،"ކޫއްޑޫގެ މުވައްޒަފަކު
މި ތުހްމަތުތައް މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު ދުގުކުރައްވަ އެވެ. އޭނާ ވިދާޅުވީ އެފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ އާއި ސުޖާއު އުސްމާނުގެ ބަހެއް ލިބޭތޯ މަސައްކަތް ކުރި ނަމަވެސް އެ ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވަ އެވެ. ކުރި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭ ފަދަ އަމަލަކީ އަދި ސިޔާސީ ގޮތުން ވަކި ފަރާތަތަކަށް ބުރަވުމަކީ ސުލޫކީ މައްސަލަ އެކެވެ.
ފަނޑިޔާރު ކުރާ ކަމަކުން ނުވަތަ ބައިވެރިވުމަކުން ނުވަތަ ދައްކާ ވާހަކައަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން ފަނޑިޔާރުގެ މިނިވަންކަމާއި މުސްތަގިއްލު ކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން، އަދި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެ ހުރެ ވާހަކަ ނުދެއްކުން،"ފަނޑިޔާރުންގެ ގާނޫނުނުގެ 29 ވަނަ މާއްދާގެ 5 ވަނަ ނުކުތާ
މި މައްސަލަ ފެންމަތިވެފައިވާއިރު، އަބްދުﷲ ދީދީގެ މައްޗަށް ތުހްމަތުކުރާ ހިޔާނާތުގެ މައްސަލައެއްގައި އޭނާ ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފަ އެވެ. އަދި އެކަމާ ގުޅޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ނުނިންމުމަށާއި އެފަދަ މިންމުމެއް ނިންމައިފި ނަމަ އެއީ ޣައިރުގާނޫނީ ނިންމުމަކަށް ވާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ކަނޑައަޅައި އެކަން ވަނީ މަޖިލީހަށް ވެސް ފޮނުވާފައެވެ. މަޖިލީހުން އަންގާރަ ދުވަހު ވަނީ ސުޕްރީމް ކޯޓުގެ އަމުރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައި ޖޭއެސްސީގެ ނިންމުން ދެމި އޮންނާނެ ކަމަށް ފާސްކޮށްފައެވެ.
ފަނޑިޔާރު ދީދީގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނުގެ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ކުރިން ކްރިމިނަލް ކޯޓްގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ދީދީ އާއި ސުޖާއު އުސްމާން ޕްރޮމޯޓްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރެއްވި ހުކުމަށް ފަހު އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް މި ދެ ބޭފުޅުން ދަތުރުފުޅުތައް ކުރެއްވިކަމަށް އެ ދުވަސްވަރު ތުހުމަތުކުރެވި ބައެއް ފޮޓޯޓައް ވެސް އާންމުވިއެވެ.