ފަނޑިޔާރެއްގެ ނިންމުމަކާ ގުޅިގެން ސުލޫކީ ފިޔަވަޅެއް އެޅުމަކީ ޢައިރު ގާނޫނީ ކަމެެއް ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ނެރުނު ކޯޓު އަމުރުގައި ބުނީ، އަދުލު އިންސާފުގެ ގާއިމް ކުރުމުގެ އެންމެހާ ބާރުތައް ލިބެގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށްކަން ގާނޫނު އަސާސީގެ ހަތް ވަނަ މާއްދާ އާއި 141 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަ އޮތުމަށާއި، އަމިއްލަ ފަރުދަކުވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ވިޔަސް ފަނޑިޔާރުގެ މަސައްކަތާ ބެހިގެން ނުވާނެ ކަމަށް 141 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލައެއްގައި، މައުޝޫއީ ނުވަތަ އިޖުރާއި ގޮތުން ވިޔަސް، ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން އެ ނިންމުމެއް ގޯސް ކަމަށް ބުނެ، ސުލޫކީ ގޮތުން އެއްވެސް ސިފައެއްގައި އެ ނިންމުމެއް ނިންމި ފަނޑިޔާރު ޖަވާބުދާރީ ކުރުވައި ފަނޑިޔާރުންގެ މައްޗަށް އެއްވެސް ބާވަތެއްގެ ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިޙްތިސާސެއް ލިބިގެންވާ ކަމެއް ނޫން ކަމަށެވެ.
އަދި ފަނޑިޔާރު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރީ ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން އެ ނިންމުން ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރު ދުސްތޫރީ ޢައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅައި، އެކަން ދައުލަތުގެ އެންމެހައި ފަރާތްތަކަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ ފަސް މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. ދީދީއާ ގުޅޭ ދެ ސުލޫކީ މައްސަލައެއްގައި ޖޭއެސްސީން ވަނީ އެ ކޮމިޝަނަށް އޭނާ ހާޒިރުކޮށް ބަޔާން ނަގާފައެވެ.