ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 00:56
އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް
އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް
ރާއްޖެއެމްވީ
ސިފައިންގެ ވޯޓުގެ މައްސަލަ
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
ޢަބްދުﷲ ޔާމީންގެ ސަރުކާރުން މިހާރު ކުރައްވާ މަސައްކަތަކީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވައި، ދައުލަތުގެ މުހިއްމު އިދާރާތައް ސިޔާސީކޮށްލުން
ސިފައިން ވޯޓު ލުމުގެ ޙައްޤުން މަޙްރޫމުކުރުމަށް ފަހު ދެން ދައުލަތުގެ އެހެން އިދާރާތަކުގައިވެސް މި އުސޫލަށް ޢަމަލުކުރަން ފަށާނެ

ޤާނޫނަށް ބަދަލު ގެނެސްގެން ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ޤާނޫނު އިސްލާޙް ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި ޑިފެންސް މިނިސްޓަރު ވިދާޅުވެ، ވޯޓުލުމުން ސިފައިން މަޙްރޫމު ކުރުމަކީ ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެންމެ ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގައި އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިދީ، ސިފައިންގެ ޤާނޫނުގެ 20 ވަނަ މާއްދާގައި ސިފައިންގެ ކޮންމެ މީހަކަށް ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤު ކަށަވަރު ކުރާހިނދު އެފަދަ އެއްވެސް ޙައްޤަކަށް ދައުލަތުން އަރައިގަތުމަކީ ޤާނޫނުގެ ވެރިކަން ނަގާލުން ކަމަށެވެ.  އަދި ޤާނޫނު އަސާސީގައި ކަށަވަރުކުރާ މިފަދަ އަސާސީ އެއްވެސް ޙައްޤަކީ ސަރުކާރުން ބޭނުންވާ ކޮންމެ ހިނދަކު ޤާނޫނު ބަދަލުކޮށްގެން ކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ.

ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދިވެހި ދައުލަތާއި ޤާނޫނީ ވެރިކަން ދިފާޢުކޮށް ޙިމާޔަތްކޮށް ހަށިފުރާނައަށް ބެލުމެއްނެތި އަބަދުމެ މަސައްކަތްކުރާ ދައުލަތުގެ އެންމެ މުހިއްމު އިދާރާ ކަމުގައިވާހިނދު، އެފަދަ ބައެއްގެ އެންމެ އަސާސީ އެއް ޙައްޤު ކަމުގައިވާ ވޯޓުލުމުގެ ޙައްޤުން މަޙްރޫމު ކުރުމަކީ ދައުލަތަށް އެކަމުގެ ނުރައްކާވެސް ބޮޑު ކަމެއްކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެއީ ދިވެހި އަސްކަރިއްޔާ ސިޔާސީކޮށް އެތަން ކިލަނބުކޮށް ސަރުކާރުން ބޭނުން ކޮންމެ ގޮތެއް ހެދުމަށް ފުރުޞަތު ހުޅުވާލުން ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީ ބަޔާނުގައި ބުނެފައިވަނީ ޢަބްދުﷲ ޔާމީންގެ ސަރުކާރުން މިހާރު ކުރައްވާ މަސައްކަތަކީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވައި، ދައުލަތުގެ މުހިއްމު އިދާރާތައް ސިޔާސީކޮށް، ޔާމީނަށް ރައްޔިތުންގެ ތާއީދު ގެއްލިފައިވުމުން، ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދު މަދުކޮށް އެކިއެކި މުވައްސަސާތަކަށް ނިސްބަތްވާ ފަރާތަކުގެ ވޯޓު ލުމުގެ ހައްޤު ގަނޑުކޮށް ނިގުޅައިގަތުމުގެ މަސައްކަތެވެ. އަދި މިއީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން ކަމުގައި އެމް.ޑީ.ޕީން ދެކޭ ކަމަށެވެ.

އެމްޑީޕީން ބުނީ ސިފައިން ވޯޓު ލުމުގެ ޙައްޤުން މަޙްރޫމުކުރުމަށް ފަހު ދެން ދައުލަތުގެ އެހެން އިދާރާތަކުގައިވެސް މި އުސޫލަށް ޢަމަލުކުރަން ފަށާނެ ކަމަށާއި މިފަދަ ގޮތަކަށް ރައްޔިތުންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމް.ޑީ.ޕީއަކީ ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ހޯދައިދިނުމަށް ފެށުނީއްސުރެވެސް މަސައްކަތް ކުރަމުން އައި ޕާޓީއެއް ކަމަށާއި އެގޮތުން ޤާނޫނު އަސާސީ އިސްލާޙް ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ވޯޓު ލުމުގެ ޙައްޤު 18 އަހަރުން މައްޗަށް ބަދަލުކުރުމުގައި އެމް.ޑީ.ޕީން އިސް ދައުރެއް އަދާކޮށްފައިވާކަން ފާހަގަ ކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ ޤާނޫނު އަސާސީގެ 2 ވަނަ ބާބަކީ ރައްޔިތުން ބުރަ މަސައްކަތުން އެތައް އަނިޔާތަކެއް ތަޙައްމަލުކުރުމަށްފަހު ހޯދި ޙައްޤުތަކެކެވެ. ވޯޓު ލުމުގެ ޙައްޤަކީ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އެންމެ މުހިއްމު އެއް ޙައްޤެވެ. އެފަދަ މުހިއްމު ޙައްޤަކުން ޤައުމުގެ ދިފާޢުގައި ޝާހީދުވާން ތައްޔާރަށް ތިބިކަމުގެ ހުވާކޮށްގެން ތިބޭ ދިވެހި ސިފައިން މަޙްރޫމުކުރެވޭތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެއެވެ. އަދި އެކަމުގެ ދިފާއުގައި އެމް.ޑީ.ޕީން ތެދުވެ އަބަދުވެސް އިހްތިޖާޖުކުރާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

- ކޮމެންޓް