ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ކުރާ މަސައްކަތުގެ ތެރެއިން ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސްގެ ނަތީޖާ އާންމުކޮށް ރިޕޯޓް ނެރެފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ރިޕޯޓް ނެރެދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.
މި ރިޕޯޓުގައި ހިމެނިފައިވަނީ 2015 އަދި 2016 ވަނަ އަހަރު ރާއްޖޭގެ 112 ސްކޫލެއްގެ ގްރޭޑް 4 އަދި 7 ގެ 5441 ދަރިވަރުންނަށް ހިސާބު، އިގިރޭސި އަދި ދިވެހި މާއްދާއިން ހިންގުނު ނޭޝަނަލް އެސެސްމަންޓުގެ އިމްތިހާނުތަކުގެ ނަތީޖާ އެވެ.
މި އިމްތިހާނުގެ ބޭނުމަކީ ގްރޭޑް 3 އަދި 6 ނިންމި ދަރިވަރުންނަށް އެގްރޭޑް ތަކުގެ މުޤައްރަރުން ހާސިލުވާންޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުމެވެ. މީގެ ސަބަބުން ތައުލީމީ ގޮތުން ދަރިވަރުންނަށް ހާސިލުވާ މިންވަރު ދެނެގަތުމާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތައުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް ކުރަންވީ ކަންކަން ދެނެގަނެވޭނެއެވެ.
މި އެސެސްމެންޓުގައި ހިސާބު، އިގިރޭސި އަދި ދިވެހި މާއްދާ ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނަށް ހާސިލްވެފައިވާ މިންވަރު ދެނެގަތުމުގެ އިތުރަށް، ދަރިވަރުން ހޯދާ ނަތީޖާ އަށް އަސަރުކުރާފަދަ ބައެއް ކަންތަކަށް ހޯދައި ދަރިވަރުންގެ ނަތީޖާއާ މިފަދަ ކަންތަކާ ގުޅުން ހުރި މިންވަރު ހޯދިފައި ވެއެވެ.
މި ރިޕޯޓް ނެރެދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އެޑިއުއކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް ވިދާޅުވީ 2015 އަދި 2016 ވަނަ އަހަރު ކުރިއަށް ގެންދިއަ މި އެސެސްމަންޓަކީ ގްރޭޑް 4 އަދި 7 ގެ ކުލާސްތަކުގައި އާ މަންހަޖު ބޭނުންކުރަން ފެށުމުގެކުރިން ދެވުނު އިމްތިހާނެއް ކަމަށެވެ. އެގޮތުން އަލަށް ތަޢާރަފު ކުރެވުނު މަންހަޖުގެ ސަބަބުން ދަރިވަރުން އުނގެނުމަށް އަންނަ ބަދަލުތައް ދެނެގަނެވޭނޭ ފަދަ އިމްތިހާނަކަށް 2017 ވަނަ އަހަރު ކުރިއަށްގެންދާ ނެޝެނަލް އެސެސްމަންޓު ވެގެންދާނެ ކަމަށް އުއްމީދު ކުރަންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ކުއްޖަކު ބާކީ ނުކޮށް ފެންވަރު ރަނގަޅު ތަޢުލީމެއް ހަމަ ކޮންމެ ކުއްޖަކަށް ފޯރުކޮށްދިނުމަށް ކަޑައަޅާ، ދަރިވަރުންނަށް ހާސިލުވާ މިންވަރު ވަޒަންކުރުން ތަޢުލީމީ ދާއިރާގައި ސަމާލުކަންދޭ އެއްމެ މުހިއްމު އެއްކަމަކަށް ވެފައިވާ ކަމަށެވެ. އަދި މިއާއެކު ގިނަ ޤައުމުތަކުން ފެންވަރު ހެޔޮ ތަޢުލީމެއް ދިނުމަށްޓަކައި، ސުކޫލުތަކުން ދަރިވަރުން ޙާސިލްކުރާ މިންވަރު ވަޒަންކުރާ ގޮތް ނުވަތަ ޓެސްޓު ކުރާ ގޮތްތަކަށް ވިސްނާ، އުންގެނުމާއި އުނގަންނައި ދިނުން އަދި ދަރިވަރުންގެ ޤާބިލިއްޔަތު ވަޒަންކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އުނގެނެމުންދާ މިންވަރު ފުރިހަމަގޮތުގައި ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ އާ މަންހަޖުގެ ތެރެއިން، ސުކޫލުތަކުގައި ކިއަވާދިނުމާއި އިމްތިހާނު ގެންދާ ގޮތްތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ކަމަށާއި ދަރިވަރުން އުގެނުމުގެ މާހައުލު މިވަނީ ކުލާސް ތަކުގެ ދޮރުން ބޭރަށް އައިސް ސުކޫލްތަކުގެ ފާރުތައް ފަހަނަޅާ ނިކުމެފައިވާ ކަަމށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެ ކުރިއަށްގެންދާ ޓެސްޓު ޕޭޕަރު ހައްދައިގެން ފެންވަރުން ވަޒަންކުރުން ވަނީ ގުރޭޑު 6ން ދަށުގެ ކުލާސް ތަކުގައި މުޅިން ހުއްޓާލެވިފައި ކަމަށެވެ. އެގޮތުން ދަރިވަރުން ހާސިލް ކުރާ މިންވަރު "އެސެސްމަންޓް ފޯރ ލާނިންގ" ގެ ކްރައިޓީރިއާތައް ބޭނުންކޮށްގެން ކޮންމެ ދުވަހަކުވެސް ޓީޗަރުންދަނީ ރެކޯޑް ކުރަމުން. ގްރޭޑް 6 އަދި 7 ގެ ކުދިންގެ ފެންވަރު ވަޒަން ކުރުން އެސެސްމަންޓް ފޯރ ލާނިންގ ގެ ތެރެއިން 60 ޕަސެންޓް ގެންދެވޭއިރު އަނެއް 40 ޕަސެންޓަކީ ދަރިވަރުން ޓެސްޓުޕޭޕަރު ހަދާ "އެސެސްމަންޓް އޮފް ލާނިން" ކަމުގައިމި ކަނޑައަޅާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިބަދަލުތައް ގެނައުމަށް މުދައްރިސުންނާއި ލީޑިންޓީޗަރުން، ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޕްރިންސިޕަލުންނަށް ދޭންޖެހޭ ތަމްރީނުތައް 2015 ވަނަ އަހަރުންފެށިގެން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.