Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 18:18
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި
މަޖިލިސް
ޖުޑިޝަރީ ކޮމިޓީ
ޖޭއެސްސީ އާއި ގުޅޭ ނިންމުންތަކުގައި ހިސާން ބައިވެރިނުކުރުމަށް ކޮމިޓީން ނިންމައިފި
ކޮމިޓީން މި ގޮތަށް ނިންމާފައިވަނީ ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން
ޖޭއެސްސީގައި މަޖިލިސް ތަމްސީލް ކުރައްވާ މެމްބަރަކީ ހިސާން

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން, ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ގުޅޭ ގޮތުން ކުރާ މަސައްކަތްތަކުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ތަނާޒުލްވެ ވަޑައިގަންނަވާ ޖެހޭ ގޮތަށް ކޮމިޓީން ފާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޖުޑިޝަރީ ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ ޖޭއެސްސީ އާއި ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކަށް ކޮމިޓީން ބަހުސް ކުރާއިރު އާއި، އަދި ޖޭއެސްސީ ކޮމިޓީއަށް ހާޒިރުކުރާއިރު، ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހިސާންއަށް ބައިވެރިވެ ވަޑައިނުގެންނެވޭ ކަމަށެވެ. މި ގޮތަށް ނިންމާފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ މެންބަރުގެ ގޮތުގައި ކަނޑައަޅާ މެންބަރަކަށް ހިސާން ހަމަޖައްސަވާފައި ވަނިކޮށް، އެ ކޮމިޝަން ހިމެނޭ ގޮތަށް ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބަލަން މަޖިލީހުގައި އެކުލަވައިލި ޖުޑިޝަރީ ކޮމިޓީއަށް ވެސް ހިސާން ވަނީ ހަމަޖައްސާފައެވެ. މިކަމާއި ގުޅިގެން ހިސާން އަމިއްލަފުޅަށް ވިދާޅުވެފައިވަނީ، ކޮމިޓީގެ އެއްވެސް މަސައްކަތެއްގައި އޭނާ ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

Advertisement

ކޮމިޓީގެ ސަމާލު ކަމަށް މި މައްސަލަ ގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުއެވެ. ހަސަން ލަތީފް ވިދާޅުވީ ހިސާންގެ އިހުތިޔާރީ ކަމެއްގެ ގޮތުގައި، މި މައްސަލަ ބޭއްވުމުގެ ބަދަލުގައި ކޮމިޓީން އެކަމުގައި ވަކިގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީ އާއި ގުޅޭ ނިންމުންތައް ކޮމިޓީން ނިންމާއިރު، އެ ބައްދަލުވުންތަކުގައި ހިސާން ބައިވެރިވެ ވަޑައިގަންނަވާނަމަ "ކޮންފްލިކްޓް އޮފް އިންޓްރަސްޓް" އަންނަ ކަމަށެވެ. އެހެންކަމުން އެފަދަ ބައްދަލުވުންތަކުގައި ހިސާން ބައިވެރިވެ ވަޑައިގަތުމަކީ މަސްލަހަތަށް ފުށޫއަރާ ކަމެއް ކަމަށެވެ. ހަސަން ލަތީފްގެ ހުށަހެޅުއްވުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ތާއީދު ކުރައްވާފައެވެ.

ކޮމިޓީން އެ މައްސަލަ ބަލަމުންދިޔަ ވަގުތު، ކޮމިޓީގައި ހުންނެވުމަކީ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ހިސާން ވަނީ، އެ މައްސަލައަށް ކޮމިޓީން ގޮތެއް ނިމެންދެން ކޮމިޓީ ދޫކުރައްވާ ވަޑައިގެންފައެވެ. ކޮމިޓީ ދޫކުރައްވާ ވަޑައިގަންނަވަމުން ހިސާން ވިދާޅުވެފައިވަނީ، ކޮމިޓީގެ ނިންމުމަށް އެ ކަމަނާ އިހްތިރާމް ކުރައްވާނެ ކަމަށެވެ.

ޖޭއެސްސީގެ މައްސަލަތައް ފިޔަވާ ކޮމިޓީން ކުރިއަށް ގެންދާ އެހެނިހެން ހުރިހާ ކަމެއްގައިވެސް ހިސާން ބައިވެރިވެ ވަޑައިގެންނެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް