Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 22:53
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު
ރައީސް އޮފީސް
ރާއްޖެއާ އިންޑިއާގެ ގުޅުން
އެއްވެސް މަޝްރޫއެއް އިންޑިއާއާ ހަވާލުކުރަން ނުނިންމާ: ރައީސް އޮފީސް
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގައި އެއްވެސް ތަނެއްދޭން މަޝްވަރާކޮށްފައި ނުވޭ
އިންޑިއާއާ އެކު ގުޅުން ބަދަހިކުރަނީ އެހެން ގައުމުތަކާ ވެސް ގުޅުން ބަދަހިކުރަން ގެންގުޅޭ ސިޔާސަތުގެ ދަށުން

ދިވެހިރާއްްޖޭގައި ހިންގާ އެއްވެސް މަޝްރޫއެއް ނުވަތަ އެއްވެސް ތަނެއް ހިންގަން އިންޑިއާ ނުވަތަ އެހެން ގައުމެއްގެ ކުންފުންޏަކާ ވެސް ހަވާލުކުރަން ނިންމާފައި ނުވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މިހާތަނަށް އިންޑިއާއާ ނުވަތަ އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން އެއްބަސްވެފައި ނުވާ ކަމަށެވެ. އަދި މި ފަހުން އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ ޒާތުގެ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހޫދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު އަދި ދަރުމަވަންތަ ހޮސްޕިޓަލް އިންޑިއާގެ ކުންފުނިތަކަށް ދޭން އުޅޭ ކަމަށް ބުނެ ދައުރުވާ ވާހަކަތައް ދޮގުކޮށްފައެވެ.

Advertisement

އިންޑިއާއާ ރާއްޖޭގެ ގުޅުމަށް އިޝާރާތްކޮށް ނޫސްވެރިޔަކު އެހި ސުވާލަކަށް ޖަވާބުދެއްވަމުން ހޫދު ވިދާޅުވީ, އިންޑިއާއާ އެކު ރާއްޖެއިން ގުޅުން ބަދަހިކުރަނީ ވީހާވެސް ގިނަ ގައުމަކާއި އެކު ގުޅުން ބާއްވާ އެ ގުޅުން ހީނަރުވެފައިވާ ގައުމުތަކާއި އެކު އެ ގުޅުން ބަދަހިކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކަމަށެވެ. އަދި މި ސަރުކާރާ އިންޑިއާ ސަރުކާރާ ގުޅުން ރަނގަޅުކަމަށް ދައްކާ ރާއްޖެ ވިއްކާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް، ނިމިދިޔަ ސަރުކާރުގައި ވެސް ރާއްޖެއާ އިންޑިއާގެ ގުޅުން ރަނގަޅު ކަމަށް ހޫދު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން، ދެ ޤައުމުގެ ލީޑަރުން -- ފޮޓޯ: ރައީސް އޮފީސް

ހޫދު ވިދާޅުވީ އިންޑިއާއާ އެކު ގާތްގުޅުމެއް ބާއްވަނީ ޖިއޯގްރަފީގެ ގޮތުން ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ގައުމުކަމަށް ވުމުން ކަމަށާއި އިންޑިއާއަކީ މި ސަރަހައްދުގައި ބަސްވިކޭ، ބޮޑު ގައުމަކަށް ވުމުން ކަމަށެވެ.

ހޫދު އިތުރަށް ވިދާޅުވީ، ޖީއެމްއާރްގެ މުއައްޒަފުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އެ ކުންފުނީގެ ލޯގޯ ޖެހި ހެދުން އަޅައިގެން ތިބި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވީ ފޮޓޯތަކަކީ ރާއްޖޭގައި ހު ކޮންމެ އަހަރަކު ދަތުރުކުރާ އެއް މިލިއަން ފަތުރުވެރިންގެ ތެރެއިން ބަޔަކު ކަމަށް "ވެދާނެ" ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން ރައީސް ސޯލިހު ގައުމުން ބޭރަށް އެންމެ ފުރަތަމަ ކުރި ރަސްމީ ދަތުރުފުޅުގެ މަންޒިލަކަށް އިންޑިއާ ޙިޔާރު ކުރިއިރު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ދެވަނަ ދައުރަކަށް ހުވާކުރެއްވުމަށް ފަހު ވަޑައިގެންނެވީ ރާއްޖެއަށެވެ. މި ސަރުކާރު އައި ފަހުން އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީގެ އަދަދު 1.2 ބިލިއަން ޑޮލަރަށް އަރައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް