Advertisement
ކ. މާލެ
|
1 މާރޗް 2017 | ބުދަ 20:38
ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
ރާއްޖެއެމްވީ
ފ. އަތޮޅުގެ މަޝްރޫޢު
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
ފ އަތޮޅަށް ގެންނަނީ މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫޢުއެއް
މަޝްރޫޢުއާ ހެދި މޭކަރާ ފަރާތްތައް ޑައިޖިން ބޭނުން ކުރަން ގޮވާލެއްވި

ފ. އަތޮޅަށް ގެނައުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އަގުބޮޑު މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫޢެއް ކަމަށާއި، އެކަމާ ގުޅޭ ތަފްޞީލް ހާމަކުރެވޭ ވަރަށް މަޝްވަރާތައް ކުރިއަށް ދިއުމުން އެ ތަފްޞީލު ހާމަ ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕީއެމްއަށް އަލަށް ގުޅުނު މެންބަރުންތަކެއްގެ މެމްބަރޝިޕް ފޯމު ޕާޓީއާ ހަވާލުކުރުމަށް ބުދަ ދުވަހު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު މި މަޝްރޫޢުގެ އަގު 10،000 މިލިއަން (10 ބިލިއަން) އެމެރިކާ ޑޮލަރު (154.2 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށެވެ.

"ފ. އަތޮޅުގައި ވާން މި އުޅެނީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ޤަބޫލުކުރަނ ދަތި ކަމެއް ނޫން. ފ. އަތޮޅުގައި ވާން މި އުޅޭ ކަމަކީ އޭގެ ނަތީޖާ ރަނގަޅު ވެއްޖެ ކަމަށް ވަންޏާ، ދިވެހިރާއްޖެ މުޅި ދުނިޔޭގެ ޗާޓުގަ، އެއަށް ވުރެ ވަރުގަދަޔަށް ފަވާލެވޭނެ އެހެން ކަމެއް ނާންނާނެ. ފ. އަތޮޅަށް އަންނަން މި އޮތީ އެތައް ހާސް ބިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓްތައް. އެތައް ހާސް ބިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓްތައް. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖެއްޔާ އަޅުގަނޑުމެންގެ ނެގޯސިއޭޝަންތަކުގެ ތެރޭގަ ދިޔައިރު، އެއް އެސްޓިމޭޓެއްގަ ގާތްގަނޑަކަށް ދިހަ ހާސް މިލިއަން، ނޫނީ ދިހަ ބިލިއަން. ދިހަ ހާސް މިލިއަން ޑޮލަރުގެ މަޝްރޫޢުއެއް މިއީ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ފ އަތޮޅު މަޝްރޫޢުގެ ތަފްޞީލް ނުލިބިގެން އެއްވެސް ފަރާތަކުން އުޅެން ނުޖެހޭ ކަމަށާ، އެ ތަފްޞީލްތައް ހާމަކުރަން ޖެހޭ ހިސާބުން ހާމަ ކުރާނެ ކަމަށެވެ.

"މި މަޝްރޫޢުއަކީ، މެޑިޓޭރިއަންގަ މިހިރަ ރަށްރަށަށް ބަލާކަމަށްވަންޏާ، ފްރެންޗް ރެވިއެރާގަ މި އޮންނަ ކަހަލަ މިކްސްޑް ޑެވެލޮޕްމަންޓް މަޝްރޫޢުއެއް މި މަޝްރޫޢުއަކީ. އޭގެ ތެރޭގަ ބައިނަލްއަޤުވާމީ ކަނޑުގެ ކުޅިވަރުތަކުގެ އެތައް ކަމެއް، މިކްސްޑް ޑެވެލޮޕްމަންޓް، ރެޒިޑެންޝަލް ހައިކްލާސް ޑިވެލޮޕްމަންޓް، ޓުއަރިސްޓް އެތައް ރިޒޯޓެއް، އެތައް އެއާޕޯޓެއް، އެތައް ބައިވަރު މަސައްކަތްތަކެއް ހިމެނޭ މަޝްރޫޢޫއެއް މީ. ދެން މި މަޝްރޫޢުތަކުގެ ތަފްޞީލް ނުލިބިގެން، އެއްވެސް މީހަކު ކަންބޮޑުވާކަށް ނުޖެހޭ. އަދި އަމުދުން ސީނިއަރ ސްޓޭޓްސްމަނުން. ރާއްޖެއަށް އަންނަ ތަރައްޤީގެ މަޝްރޫޢުތަކުގެ ތަފްޞީލް އުޅޭކަށް ނުޖެހޭ. އެ ތަފްޞީލް ތަކަކީ އަޅުގަނޑުމެން ނެގޯޝިއޭޓްކޮށް ނިމުނީމަ ހާމަކުރަން ޖެހޭ ހިސާބުން ހާމަ ކުރާނެ ކަންކަން" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި މަޝްރޫޢާ އެކު ހީނުކުރާ ވަރުގެ ތަރައްޤީ ފ. އަތޮޅަށް އަންނާނެ ކަމަށާއި އެ މަޝްރޫޢުއިން ފައިދާ ކުރާނީ ފ. އަތޮޅަށް އެކަނި ނޫން ކަމަށެވެ. އަދި ހަމަ މިއާ އެކު ފ. އަތޮޅުގެ މަޝްރޫޢަށް ބިނާކޮށް އިތުރު މަޝްރޫޢުތަކަށް ޖާގަދެއްވާނެ ކަން ފާހަގަ ކުރައްވައި ރައީސް ވަނީ ފ. އަތޮޅު މަޝްރޫޢުގެ ތަފްޞީލް ހާމަ ކުރުމަށް ގޮވާލާ، ފ އަތޮޅު ވިއްކަލުމާ ދެކޮޅަށް ޚިޔާލު ފާޅުކުރާ ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ.

"ފ. އަތޮޅުގެ މި މަޝްރޫޢު އަޅުގަނޑުމެންނަށް ލިބެން އުޅޭތީ، ނޫނީ މިކަން ރާއްޖެއަށް ކުރެވެން އުޅޭތީ، އެއްވެސް ބަޔަކު މިކަމާ މޭކަރާކަށް ނުޖެހޭ. މޭ ކަރާ ކަމަށް ވަންޏާ މިހާރު ވެސް އަޅުގަނޑު ކުރިން ދަންނަވާލި ގޮތަށް ހަމަ އަވަހަށް ގެއަށް އެއްކުރަންވީ އެއްޗަކީ ޑައިޖީން ފުޅިތައް. އޭރަށް މިކަން ހައްލުވެގެން ދާނެ. މި މަޝްރޫޢުއަކީ އަޅުގަނޑުމެން ހިންގަން ބޭނުންވާ މަޝްރޫޢުއެއް. އެހެން ނަމަވެސް މިކަހަލަ އުނދަގޫ، ބޮޑެތި އިންވެސްޓަރުންނަށް މިކަހަލަ ބޮޑެތި އުނދަގޫ އަޅުގަނޑުމެންގެ ފަރާތުން ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެން ހަމަ މި ބުނަނީ އަޅުގަނޑުމެންގެ ތެރޭގަ އަޅުގަނޑުމެންނަކީ ނިއުމަތްތަކަށް ޝުކުރުކުރާ ބަޔަކަށް ނުވެޔޭ. މީގެ ބޮޑެތި މަޝްރޫޢުތައް ގެންނަން ކޮންމެ މީހަކު ވެސް މަސައްކަތްކުރަންޖެހޭ" ރައީސް ވިދާޅުވިއެވެ.

ސައުދީ އަރަބިއާއަށް ފ. އަތޮޅު ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށް އަޑުފެތުރިފައިވާއިރު، ފ. އަތޮޅު ޕްރޮޖެކްޓާ ގުޅޭ ގޮތުން ސަރުކާރުން މާބޮޑު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފ. އަތޮޅު މަޝްރޫޢުއާ ގުޅޭ ގޮތުން ބުދަދުވަހު ރައީސް ޔާމީން ވާހަކަ ދައްކަވާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ފ. އަތޮޅު މަޝްރޫޢުގެ ތަފްޞީލް ހާމަ ކުރުމަށާ، އަދި ފ. އަތޮޅު ވިއްކާ ނުލުމަށް ސަރުކާރަށް ބާރުއަޅަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީގެ ރަސްގެފާނު މިހާރު އޭޝިއާގެ ގައުމުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ރާއްޖެ އަށް ވަޑައިގަންނަވާ އިރު މި އެއްބަސްވުމުގައި ސޮއިކުރައްވާނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް