ކ. މާލެ
|
1 މާރޗް 2017 | ބުދަ 20:31
ޝުމްބާ ޝަރީއަތަށް ފަހު ކޯޓުން ނެރެގެން ގެންދަނީ
ޝުމްބާ ޝަރީއަތަށް ފަހު ކޯޓުން ނެރެގެން ގެންދަނީ
މުހައްމަދު ޝަރުހާން
ޝުމްބާގެ ޝަރީއަތް
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
ބިރުދެއްކުމުގެ ދައުވާ، ޒާހިދު އަށް މަރުގެ އިންޒާރު
ހައްޔަރުކޮށް ޖަލުގައި ބަންދުކުރީ ނޮވެމްބަރު، 2015 ގައި
ޝަރީއަތް މެދުކެނޑިފައި އޮންނަތާ އަހަރެއްހާ ދުވަސް

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް(ޝުމްބާ ގޮންގް) ހައްޔަރުކޮށް ޖަލުގައި ބަންދުކުރިތާ 14 މަސްދުވަސް ފަހުން އޭނާ ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

 

ސްރީ ލަންކާގައި ދިރިއުޅެމުންދަނިކޮށް އަޝްރަފް ހައްޔަރުކޮށްގެން ރާއްޖެ ގެނެސް، ދޫނިދޫގައި ބަންދުކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައާ ގުޅިގެން އޭނާ ހޯދަން އިއުލާނުކުރި ނަމަވެސް، ކޮށްފައިވަނީ ބިރުދެއްކުމުގެ ދައުވާ އެވެ.

 

އަޝްރަފްގެ މައްޗަށް ބިރުދެއްކުމުގެ ދައުވާކުރީ، ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ވިޔަފާރިވެރިޔާ ޒާހިދު ރަމީޒަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ އެވެ. އެ ދައުވާގެ ޝަރީއަތް ނިމެންދެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދުގައި އޭނާ ބަހައްޓާފައި ހުންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ.

 

އެ ދައުވާގެ ޝަރީއަތުގައި އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސް ފަހުން ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އަޝްރަފް ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފް އަމުރުކުރެއްވީ އަޝްރަފްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން އެގޮތަށް އެދިވަޑައިގަތުމުންނެވެ.

 

ބުދަ ދުވަހުގެ އަޑުއެހުމުގައި އަޝްރަފްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ފަސް ހެކީންގެ ތެރެއިން ދެ ހެކިންގެ ހެކި ބަސް ވަނީ ނަގާފަ އެވެ. ސިއްރުން ހެކިބަސް ދިން ދެ މީހުން ވެސް ބުނެފައިވަނީ ޒާހިދުއަށް މަރުގެ އިންޒާރުދީ ޕީޕީއެމްގެ ވައިބާ ގްރޫޕަކަށް އަޝްރަފް މެސެޖުތަކެއް ފޮނުވާފައިވާ ކަމަށެވެ.

 

ދައުލަތުގެ ހެކީންގެ ތެރެއިން ބާކީ ތިބި ދެ ހެކީންގެ ހެކި ބަސް ނެގުމަށް ހަފްތާއެއް ފަހުން އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.

 

ބުދަ ދުވަހުގެ އަޑުއެހުމުގެ ކުރިން އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ މާޗްގަ އެވެ. އެ އަޑުއެހުމުގައި ޒާހިދު ވަނީ އޭނާ އަށް މަރުގެ އިންޒާރުދީ މެސެޖުތަކެއް ކޮށްފައިވާ ކަމަށް ބުނެ އަޝްރަފްއާ ދެކޮޅަށް ހެކިބަސް ދީފަ އެވެ.

 

ބަންދުގައި ބަހައްޓައިގެން އަޝްރަފް އަށް އަނިޔާކުރަމުންދާ ކަމަށް ބުނާ މައްސަލަތަކެއް އިންޓަގްރިޓީ ކޮމިޝަނާއި، އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ތަހުގީގު ނިންމައި އަދި މިހާތަނަށް މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

- ކޮމެންޓް