ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގެ 100 މޭލު ބޭރު ކަނޑުގެ ސަރަހައްދުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސެންސް ދޫކުރުން މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު މެދުކަނޑާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުމަށް އަމަލު ކުރުމުގެ ގޮތުން ލޭނު މަސްވެރިކަން ކުރާ ހުރިހާ އުޅަނދު ފަހަރު އަނބުރާ ބަނދަރަށް ގެނެވިފައިވާ ކަމަށެވެ. ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ދޫކުރާ ލައިސެންސް މެދުކަނޑަލާފައިވަނީ މިނިސްޓްރީން ހުޅުވާލި މަޤްސަދުތައް ހާސިލް ނުވާތީ ކަމަށާއި އެހެނިހެން ކަންބޮޑުވުންތައް ހުރުމަށް އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ލޭނުގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އަލުން އެ ލައިސެންސް ދޫކުރުމާއި މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ އެ މައްސަލަތަކަށް ހައްލުތަކާއިމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކަށް ހައްލެއް ހޯދުމަށްފަހުގައި ކަމަށެވެ.