މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންއެވެ. މި ބިލް 18 ވަނަ މަޖިލީހަށް ވެސް ސަރުކާރުން ހުށަހެޅިއެވެ. 18 ވަނަ މަޖިލީހަށް ވެސް މި ބިލް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުއެވެ. ހަތަރު ފަހަރު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ވެސް،18 ވަނަ މަޖިލީހުން މި ބިލް ފާސްކޮށްފައެއް ނުވެއެވެ.
މި ބިލްގެ ބަހުސް ތިން ދުވަސް ވަންދެން ކުރިއަށް ގެންގޮސްފައިވާއިރު، ހުރިހާ މެމްބަރުން ވެސް ވަނީ ބިލަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ބިލްގެ ބަހުސް މަރުހަލާގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. އެ ގޮތުން ރިޔާސީ ކޮމިޝަނެއް އުވާލަން ރައީސުލް ޖުމްހޫރިއްޔާ ނިންމަވާއިރު، ކޮމިޝަންތަކުން ހޯދާފައި ހުންނަ މައުލޫމާތުތަކާއި ހެކިތަކާއި، އަދި އެ ނޫން ވެސް ނަގާފައި ހުންނަ ހެކި ބަސް އެއީ ސައްހަ އެއްޗެހި ގޮތުގައި ދެމި އޮތުމަށް، ކޮމިޝަނުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭން ނުނިމި ހުރި މަސައްކަތްތައް ބަދަލުކުރާނެ މުއައްސަސާއެއް ބިލްގައި ކަނޑައެޅުމަށް ވަނީ ހުށަހަޅުއްވާފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުން ކަނޑައަޅާފައިވާ ބާރުތައް ކޮމިޝަންތަކައް ލިބިދޭން އޮންނައިރު، އެ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭ ގޮތަށް އެ އިހްތިޔާރު ކޮމިޝަންތަކަށް ދިނުމަށް ބިލްގައި ލިޔަންޖެހޭ ކަމަށް ވެސް ހިސާން ވަނީ ވިދާޅުވެފައެވެ.
ކޮމިޝަންތަކުން ތަހްގީގުކުރާ މައްސަލަތަކުގައި ތެރޭ ހިމެނޭ މަދަނީ މައްސަލަތަކުގައި ނުވަތަ ސިވިލް މައްސަލަތަކުގައި މިހާރު ވެސް ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން، އޮނިގަނޑުގެ ތެރެއިން ތަބާވާންޖެހޭ މަދަނީ އިޖުރާއަތްތަކައް ކޮމިޝަނުން ތަހްގީގް ކުރަމުންދާއިރު، ތަބާވަންޖެހޭނެ ކަމަށް ކަނޑައެޅިގެން ބިލްގައި ބަޔާންކުރުން މުހިއްމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ.
މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަން އުފެއްދެވީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރިޔާސީ ކޮމިޝަންތަކަށް ދޭން ބިލްގައި ހިމަނާފައިވާ ބާރުތައް
- ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ދައުލަތާއި، އަދި އެހެނިހެން ފަރާތްތައް ގެނެސްގެން ތަހްގީގް ކުރުމުގެ އިހްތިޔާރާއި ބާރު
- ތަހްގީގަށް ގެންނަން ބޭނުންވެއްޖެ ހާލަތެއްގައި ރާއްޖޭން ބޭރުން ކަމާއި ބެހޭ ފަރާތްތައް ގެނައުމުގެ ބާރު
- ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުމުގެ ބާރު
- ޖިނާއީ އިޖުރާއަތުގެ ގާނޫނު ބަޔާންކުރާ ތަހްގީގީ އިދާރާއެއްގެ ބާރު ކޮމިޝަނަށް ލިބިގެންދޭ
- ކޮމިޝަނުން ބަލާ މައްސަލައަކާއި ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް އަދި އޭނުންވެސް ތަކެތި ހުށަހެޅުމަށް އެންގުމުގެ ބާރު ކޮމިޝަނައް ލިބޭ
- ކޮމިޝަން އުފެދުމުގެ ކުރިން ހިންގާފައިވާ މައްސަލައެއްގެ ތަހުގީގީ ރިޕޯޓް ކަމުގައި ވިޔަސް އެ ތަހްގީގީ ރިޕޯޓް ކޮމިޝަނަށް ގެނައުމުގެ ބާރު
- ކޮމިޝަނުން އަންގާ އެންގުމަކަށް ޚިލާފްވެއްޖެ ފަރާތެއް އެކުރަނީ ކުށެއް ކަމުގައި ކަނޑައެޅުން
- ކުށުގެ ތުހުމަތުގައި ތަހްގީގް ކުރާއިރު ވަކީލުންގެ އެހީތެރިކަން ހޯދުމަށް ކޮންމެ ފަރާތަކުންވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެ ލިބޭ ހުރިހާ ހައްގުތަކެއް ލިބިގެންދާނެ.
- ވަކީލުންގެ އިތުރުންވެސް އެހެނިހެން ކަންތައްތައްތަކުގައިވެސް
- ތަހްގީގް ފުރިހަމަވުމާއެކު ޖިނާއީ މައްސަލައެއް ނަމަ ޕީޖިއަށް އެ މައްސަލަ ފޮނުވައިގެން އެ އޮންނަ އުސޫލްގެ ތެރެއިން ކުރިއަށް ގެންދަން
- މަދަނީ މައްސަލައެއް ކަމުގައިވާނަމަ އޭޖީ އޮފީހަށް ފޮނުވައިގެން، ގެންދާ އުސޫލުން ކުރިއަށް ގެންގޮސް ޝަރީއަތް ކުރުން
- އެ ނޫން ކަންކަމުގައިވިޔަސް ތަހްގީގްގެ އިތުރުން އެހެން ތަހްގީގްތަކުގެ ރިޕޯޓް ކޮމިޝަނުން ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވުން
- ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ރިޕޯޓްތައް ތިންމަހުން އެއްފަހަރު ކޮމިޝަނުން ފޮނުވަންޖެހޭ
- ކޮމިޝަންތަކުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އޮޑިޓަރ ޖެނެރަލްއަށް މާލީ ބަޔާން އަހަރަކު އެއްފަހަރު ހުށަހެޅުމަށް . މާލީ ބަޔާން ހުށަހަޅާއިރު،މުދަލާއި ފާއިސާ ވިޔަފާރި މި ނޫންވެސް ހުރިހާ ކަމެއް އެކުލެވޭ ގޮތަށް މާލީ ބަޔާން ހުށަހެޅުން
- ކޮމިޝަނުން ބޭނުންވެއްޖެ ހިދެއްގައި ކޮންމެ ތިންމަހަކުން އެއްފަހަރު ކޮމިޝަނުގެ ރިޕޯޓް ހުށަހެޅުން
- އުފެއްދިފައި ހުރި ކޮމިޝަންތައް އުވާލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ގޮތަށް ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ގެޒެޓްގައި ޝާއިއުކުރުމުން އުވާލެވޭނެ
- ގާނޫނަށް އަމަލުކުރަން ފަށަން އޮންނަނީ ގާނޫނު ފާސްވެ ތަސްދީގްކޮށް ގެޒެޓްގައި ޝާއިއުކުރުމުން