މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ހާޒިރުކޮށް، ބަޔާން ނަގައިފި އެވެ.
ރިޔާސީ ކޮމިޝަނުން އަންގާރަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީއާ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާނުގެ މައްސަލާގައި އަދީބާ ގުޅުން ހުރިކަމަށް ކުރެވޭ ތުހުމަތުތަކުރެވޭ ކަންކަމުގައި އަދީބު ކޮމިޝަނަށް ހާޒިރުކޮށްފައިވާކަމަށެވެ. އަދި އޭނާއާއި ސުވާލުކޮށް، ބަޔާން ނަގާފައިވާކަމަށް ކޮމިޝަންގެ ޓުވީޓްގައި ބުނެފައިވެއެވެ.
ނަމަވެސް އަދީބް ހާޒިރުކޮށް، ބަޔާން ނަގާފައިވަނީ ކޮން ދުވަހަކުކަމެއް ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
އަދީބު ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައިވާއިރު، ރިލްވާން ގެއްލުވާލި މައްސަލާގައި އެޕްރީލް މަހު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ވެސް ވަނީ އެ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އަދި އޭގެ އިތުރުން މަރާލާފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ރަޝީދަށް 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ދީފައިވާ އިންޒާރުތަކާ ގުޅިގެން، ޕީޕީއެމް ކައުންސިލްގެ ކުރީގެ މެމްބަރު ޒާހިދު ރަމީޒު ވެސް ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް، ބަޔާން ނަގާފައެވެ.
ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މަރުތައް ބަލައި އިންސާފު ހޯދައި ދިނުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބަލަނީ 25 މަރެއްގެ މައްސަލައެވެ. އެ ކޮމިޝަނުން ތަހުގީގު ކުރަނީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިނގާފައިވާ މަރުގެ މައްސަލަތަކެވެ.