ރާއްޖޭގައި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމަށް ބިޑުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
އައިއޯޖީ ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމާ މެދު މަޝްވަރާކޮށްފައި ވަނީ ޔޫތު މިނިސްޓްރ އަހުމަދު މަހްލޫފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެވެ.
އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ސަރުކާރުން އެއްބަސްވީ، އަންނަ މަހު މޮރިޝަސްގައި އޮންނަ އައިއޯއައިޖީ ގޭމްސްއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު އެރުވުމަށް މިދިޔަ ފެބްރުއަރީ މަހު ބޭއްވި ބައްދަލުވެއްގައެވެ.
އައިއޯއައިޖީ ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން އެއްބަސްވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ އަށް ފަހު އައިއޯއައިޖީ ގޭމްސް ބޭއްވުމަށް ރާއްޖޭގައި ހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި ފެންވަރު ރަނގަޅު ބިޑެއް ހުށަހެޅުމަށް އެމްއޯސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އައިއޯޖީ ގޭމްސް ބޭއްވުމަށް ރާއްޖެއިން 2015 ވަނަ އަހަރުވެސް ބިޑުކުރިއެވެ. ނަމަވެސް އެފަހަރު ސަރުކާރުގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބުމުން، ބިޑު ކާމިޔާބުނުކުރެވެއެވެ. އެފަހަރު ބިޑު ކާމިޔާބުކޮށްފައިވަނީ ރީޔޫނިއަންއިންނެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރަން މެޑަލް ހޯދިފައިވަނީ ވެސް އައިއޯއައިޖީގައެވެ. އެއީ 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި ގޭމްސްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދު ހޯދި ރަން މެޑެލްއެވެ.
އައިއޯއައިޖީ ގޭމްސްއަކީ 1979 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކުޅިވަރުގެ އީދެކެވެ. މި ގޭމްސް މިހާތަނަށް ބާއްވާފައިވާ ގައުމުތަކަކީ މޮރިޝަސް، މަޑަގަސްކަރަ އަދި ސީޝެލްސް އަދި ރިޔޫނިއަން އައިލޭންޑްސް އެވެ.