މީގެ ކުރިން އަބަދު ވެސް އިވެނީ މަޖިލީހުގައި މަސައްކަތެއް ނެތިގެން އުޅޭ ތަނެވެ. ނިމިދިޔަ 18 ވަނަ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން އެތައް ޖަލްސާތަކެއް ކުރުކޮށްލަން ޖެހުނެވެ. އެތައް ދުވަހަކު ތާވަލްކުރާނެ ކަމެއް ނެތި ޖަލްސާތައް ނުބޭއްވި ތިބެންޖެހުނެވެ. 19 ވަނަ މަޖިލީހުގެ މަސައްކަތްތައް މި ވަނީ ފެށިފައެވެ. މި ފަހަރުގެ މަޖިލީހަށް ރައްޔިތުން ކުރާ އުންމީދު ބޮޑެވެ. ފަށައިގަތުން ރަނގަޅު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ވަރަށް މަސައްކަތްތެރި ހީވާގި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ހިންގުންތެރި ބޭފުޅެކެވެ. ކަންކަމުގައި ބުރަކި ޖައްސައިގެން ހުންނަވާ ފަދަ ބޭފުޅެއް ނޫނެވެ. އެހެންކަމުން ކަންކަން ލަސްވާ ނަމަ އެކަމާ އެންމެ ފުރަތަމަ އަޑުއުފުއްލަވާނެ ބޭފުޅަކީ ވެސް އެއީ ކަމަށް ގަބޫލުކުރަންޖެހެއެވެ. އެ މަނިކުފާނު މަޖިލިސް ފެއްޓެވި ގޮތަށް އަދި ކުރިއަށް ގެންދަވަނީ ވަރަށް ހަލުވި ސްޕީޑެއްގައެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހާ ހިލާފަށް ވަކި ކަމެއް ނިމެންދެން ނޫނީ ވަކި ކަމެއް ފުރިހަމަވަންދެން ޖަލްސާތައް މަޑުޖައްސާލާފައި ބާއްވާނެ ކަމަކަށް ނުބެލެވެއެވެ. މަސައްކަތްތައް މިހާރު ގެންދަވާ ގޮތުންނާއި ޖަލްސާތައް ދިގު ދަންމާލައްވައިގެން ވިޔަސް ކަންކުރުއްވަން އުޅުއްވާތަން އެބަ ފެނެއެވެ. އަދި ރިޔާސަތުގައި އެމަނިކުފާނު އިންނަވާ އިރު މެންބަރުންނަށް ވަރަށް ބޮޑަށް ގެންދަވަނީ ފާރަލައްވަމުންނެވެ. މަސައްކަތްތައް އަވަހަށް ގެންދަވާނެ ގޮތުގެ އިރުޝާދު އެ ދެއްވަނީ ދެއްވަމުންނެވެ. ބަހުސްތައް ކުރަންވާ ގޮތްތައް ނުޝީދާ ގޮތެއްގައި ވެސް އެ ގެންދަވަނީ އާ މެންބަރުންނަށް ދަސްކޮށްދެއްވަމުންނެވެ.
މަޖިލިސްގެ ސްޕީޑް އަދި ފެންނަނީ ވަރަށް ހަލުވިކޮށެވެ. ހޮވިވަޑައިގެންފައި ތިއްބެވި ގިނަ މެންބަރުންނަށް ބަލާއިރު މި ދައުރުގެ ސްޕީޑް އެ ގޮތުގައި ފެންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ދެން އުފެދޭ ސުވާލަކީ ރައީސް ނަޝީދުގެ މޭސްތިރިކަމުގައި މަޖިލިސް ކުރިއަށްދާއިރު އެ ސްޕީޑްގައި ސަރުކާރަށް ފައިހަމަކުރެވިދާނެތޯއެވެ؟
މަޖިލީހުގެ މަސައްކަތްތައް ވެސް ބިނާ ވަނީ ސަރުކާރުގެ މައްޗަށެވެ. ސަރުކާރުގެ ތެރެއިން ގިނަ ގާނޫނުތަކެއް މަޖިލީހަށް އަންނަޖެހެއެވެ. އެ ކަމަށްޓަކައި ބަންޑާރަ ނައިބު ވެސް ވަރަށް ހީވާގިވާން ޖެހެއެވެ. އެންމެ ދުވަހަކު ވެސް ކުރާނެ މަސައްކަތެއް ނެތި މަޖިލިސް ހުއްޓިފައި އޮންނަންޖެހިއްޖެ ނަމަ އެއީ ރައްޔިތުންނަށް ލިބޭނެ ދެރައެކެވެ. އަނެއްކޮޅުން މަޖިލީހުން ނިންމާ ކަންކަން ތަންފީޒުކުރުމުގަ އާއި އަލަށް އެކުލަވައިލެވޭ ގާނޫނުތައް ތަންފީޒުކުރުމުގައި ވެސް ސަރުކާރުގެ ދުވެލި ވަރަށް ހަލުވިވާން ޖެހެއެވެ.
ފާއިތުވި ހައެއްކަ މަހަށް ބަލާއިރު ސަރުކާރަށް ރައްދުވި އެންމެ ބޮޑު އެއް ފާޑުކިޔުމުގައި ކަންކަމުގައި ފުލަށް ބަރުވުމެވެ. އަވަސް އަރުވާލައިގެން ކަންކަން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ނޫން ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ރައްޔިތުންގެ އުންމީދުތައް ހުރީ ވަރަށް މަތީގައެވެ އަދި މިހާރު މަޖިލީހުގެ މަސައްކަތްތައް ދާ ގޮތަށް ބަލާއިރު އެ އުންމީދުތައް މާ ބޮޑުވެއެވެ. އެހެންކަމުން މަޖިލީހުގެ ދުވެއްޔާ އެއްވަރަށް ސަރުކާރުން ވެސް ފައި ހަމަކުރަންޖެހެއެވެ. ބަދަލުތައް ގެނައުމުގައި އަވަސްވާންޖެހެއެވެ. ސަރުކާރުގެ ސަބަބުން މަޖިލިސް ހުއްޓިގެންދާތަން ދެކެން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެއެވެ.