ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ފިރިހެން ދަރިކަލުން އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމަލް ރާޖަޕަކްސައާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފިއެވެ.
ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި ލަންކާއަކީ އަބަދުވެސް، ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ އަދި އެއީ އުފަލެއްކަމުގައި ދެކޭ ދެ ގައުމު ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސް އާއި ނަމަލްގެ ބައްދަލުވުމަކީ ރަސްމީ ބައްދަލުވުމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ބައްދަލުވުމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
ނަމަލްގެ މި ދަތުރުފުޅުގައި އޭނާ ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއާ ވެސް ބައްދަލު ކުރައްވާފައެވެ. ނަމަލް އަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ވެސް މަހުލޫފް އެވެ.
މަހްލޫފްގެ އިތުރުން ވެސް ބައެއް އެހެން ވަޒީރުންނާ ވެސް ނަމަލް ވަނީ ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހިމެނިވަޑައިގަންނަވައެވެ.
ނަމަލް ވަނީ މީގެ ކުރިން ރައީސް ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތަށް ވެސް ވަޑައިގެންފައެވެ.