19 ވަނަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކްލެމެންސީ ބޯޑުގައި އިންނަވާނެ މެމްބަރެއްގެ ގޮތުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އައްޔަންކޮށްފިއެވެ.
ޝިފާއު ކްލެމެންސީ ބޯޑަށް އައްޔަންކުރަން ފެންނަ ކަމަށް 81 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.
ޝިފާއުގެ ނަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.
18 ވަނަ މަޖިލީހުގައި ކްލެމެންސީ ބޯޑުގައި އިންނެވީ އޭރުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދުއެވެ.
ކްލެމެންސީ ބޯޑަކީ އަދަބު ލުއިކޮށްދިނުމާ މެދު ދިރާސާ ކުރުމާއި އެކަމުގައި ރައީސަށް ލަފާ އަރުވާ ބޯޑެވެ.
ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.
އެ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، ރައީސްގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް އެ އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލި ބޯޑެކެވެ.