މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހު އާންމުންގެ ތެރެއަށް މަޝްހޫރު ވެފައިވަނީ އޭނާގެ މޮޅު ކުޅުމަށާއި ރިވެތި އަހްލާޤަށެވެ. ފުޓުބޯޅައިގެ ދާއިރާ އިން ސަލާހު ވަނީ ގިނަ ގުނަ ކާމިޔާބީތަކެއް ހޯދާފައެވެ. ބީބީސީ އިން ހޮވާ އެފްރިކާ ބައްރަށް ނިސްބަތްވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިވަޕޫލްއަށް ކުޅެމުން އަންނަ ސަހާލު ވިދިވިދިގެން ދެ ފަހަރަށް ހޯދާފައިވާއިރު އޭނާ އަށް ވަނީ ޕްރިމިއަރ ލީގު ގޯލްޑަން ބޫޓް ވެސް ލިބިފައެވެ. މީގެ އިތުރުން ވެސް ސަލާހު ވަނީ އެތައް އެވޯޑުތަކެއް ހޯދާފައެވެ. ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނެއް ހުންނާނެ އާންމުކޮށް މީހުން ބުނެ އުޅެއެވެ. ސަލާހުގެ ކާމިޔާބީގެ ފަހަތުގައި ވެސް ވަނީ އެފަދަ ނަމޫނާ އަންހެންނެކެވެ.
ސަލާހުގެ އަންހެނުން މެގަކީ ސަލާހު އަކީ އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި އަޅާބަލާއިރު ވަރަށް ތަފާތު މިޒާޖެއްގެ އަންހެނެކެވެ. އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުން އިންސްޓަރގްރާމުންނާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެމީހުންގެ ދުވަހުގެ ހަރަކާތްތަކާއި ފޮޓޯތައް އަޕްލޯޑްކޮށް ހަދައެވެ. އަދި އެމީހުންގެ މޫނުތައް މީޑިއާތަކާއި އެހާ ބީރައްޓެއްސެއް ވެސް ނުވާނެއެވެ. އެހެން ނަމަވެސް ސަލާހުގެ އަންހެނުންނަކީ އޭނާގެ "އަމިއްލަ ދިރިއުޅުން" އެހާ ބޮޑަށް ހާމަކުރަން ބޭނުންވާ އަންހެނެއް ނޫނެވެ. މެގީ މީޑިއާތަކަށް ފެނިފައިވަނީ މުޅި ޖުމްލަ 4 ފަހަރުގައެވެ. އެއީ އިނގިރޭސިވިލާތުން ސީޒަން ނިމުމުގެ ހަފްލާއިން ދެ ފަހަރު އަދި ސަލާހުއަށް ޕްރިމިއަރ ލީގު ގޯލްޑަން ބޫޓް ލިބުނު ފަހަރުގައެވެ. އަދި އޭގެ އިތުރުން ލިވާޕޫލް އާއި ބާސެލޯނާ ކުޅުނު ލެޖެންޑްރީ މެޗުން ވެސް މެގީ ވަނީ ފެނިގެން ގޮސްފައެވެ. މެގީ މީޑިއާތަކަށް ފެނުނު 4 ފަހަރުގައި ވެސް އޭނާ ހެދުން އަޅާފައި ހުރި ވަރަށް އާދައިގެ ގޮތަކަށެވެ.
ސަލާހު އާއި މެގީ ލޯބީ ގޮތުން ގުޅުނީ ސުކޫލް ދުވަސްވަރުގައެވެ. އަދި އެ ދެމީހުން ވެސް ދިރިއުޅެމުން ދިޔައީ އިޖިޕްޓްގެ އެއް އަވަށެއްގައެވެ. އުމުރުން އެންމެ 26 އަހަރުގެ ޒުވާން މި ކުޅުންތެރިޔާ މެގީއާ ކައިވެނިކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ. ދިރިއުޅުމުގެ އެންމެ އުފާވެރި އަދި ހިތާމަވެރި ދުވަސްތަކުގައި އެ ދެމަފިރިން އެކުގައި ވޭތުކޮށްފައިވާއިރު ސަލާހު މަޝްހޫރުވެގެން ދިޔުމުން ވެސް އެ ދެމީހުންގެ ލޯބީގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ސަލާހު އެކޭ އެއްފަދައިން މެގީ ވެސް ހިތްތިރި މީހުންނަށް އޯގާތެރި އަންހެނެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަޒީފާ އަދާކުރަމުންދަނީ ބަޔޯޓެކްނޮލޮޖިސްޓެއްގެ ގޮތުންނެވެ. ސަލާހުގެ އެކި ޗެލިރިޓީ ޕްރޮޖެކްޓްތަކުގައި އޭނާގެ އަންހެނުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް އޭނާ އަށް ލިބިއެވެ.
2014 ވަނަ އެ ދެމަފިރިންނަށް ވަނީ ލޯބި އަންހެން ކުއްޖެއް ލިބިފައެވެ. މި ދެ މަފިރިންނަކީ ވެސް މުސްލިމުން ކަމުގައިވާއިރު ދީނަށް އޮތް ލޯބި ދައްކައި ދިނުމުގެ ގޮތުން ދަރިފުޅަށް ނަންދީފައިވަނީ "މައްކާ" ގެ ނަމުންނެވެ.
ސަލާހު އަށް ގިނަ ބަޔަކު ސަޕޯޓް ކުރެއެވެ. އެގޮތުން އޭނާގެ އުފަން ރަށް މިސްރުން ވަނީ ރިޔާސީ އިންތިހާބުގައި ލިވަޕޫލްއަށް ކުޅެމުން އަންނަ ސަލާހުއަށް އެއް މިލިއަނަށް ވުރެ ގިނަ ވޯޓު ދީފައެވެ. މިސްރުގެ ރިޔާސީ އިންތިހާބަށް އޭނާ ކުރިމަތިނުލި ނަމަވެސް ވޯޓުލި 25 މިލިއަނަށް ވުރެ ގިނަ މީހުންގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ މީހުން ސަލާހުއަށް ވޯޓު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލާހުގެ އިންސްޓަރގްރާމް އަށް ބަލައިލިކަމުގައި ވީނަމަވެސް އޭނާ ވެސް ބޭނުން ވަނީ އަންހެނުން ވަރަށް "ފޮރުވައިގެން" ގެންގުޅެންކަން ސާފުވެފައެވެ. އެއީ އޭނާގެ އިންސްޓަރގްރާމުގައި ވެސް އަންހެނުންގެ ފޮޓޯ ހިއްސާ ކޮށްފައި ނުވާތީއެވެ. ސަލާހުގެ އަންހެނުން މެގީ ފޮޓޯ އެއްވެސް ގޮތަކަށް އިންސްޓަރގްރާމްގައި ވެސް ހިއްސާކޮށްފައިނުވާއިރު އޭނާގެ ދަރިފުޅު މައްކާއާ އެކީގައި ނަގާފައިވާ ހުރި ފޮޓޯތައް އަޕްލޯޑްކޮށްފައި ހުރީ ވަރަށް މަދުންނެވެ. އެހެން ނަމަވެސް އޭނާ އަކީ އަންހެނުންނާއި ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސަލާހު ވަނީ އައިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.