ކ. މާލެ
|
1 މާރޗް 2017 | ބުދަ 16:04
ވިއްސާރަވުމުގެ ސަބަބުން މާލޭގެ މަގުތުގައި ފެންބޮޑުވެފައި --
ވިއްސާރަވުމުގެ ސަބަބުން މާލޭގެ މަގުތުގައި ފެންބޮޑުވެފައި --
އަޒުމޫން އަހުމަދު
ރާއްޖޭގެ މޫސުމް
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި
ވައިޓް އެލާޓް ނެރެފައިވަނީ ހއ އަތޮޅުން އިންފެށިގެން ގދ އަތޮޅާ ހަމައަށް، މިއަދު 09:00 އިންފެށިގެން 16:00 އާ ހަމައަށް
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ
މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދޭ

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

 

މެޓް އޮފީހުން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އަދި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅުން ފެށިން ގދ. އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓް ނެރެފައިވަނީ ބުދަ ދުވަހުގެ ހެނދުނު 09:00 އިން ފެށިން ހަވީރު 16:00 އަށެވެ.

 

ވައިޓް އެލާޓަކީ މޫސުން ގޯސްކަން އެންގުމާއި ރައްކާތެރިވެ ތިބުމަށް ސަމާލުކަން ދިނުމަށް ނެރޭ އެލާޓެކެވެ.

 

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، މެދުތެރޭ އަތޮޅުތަކަށް ހުޅަނގު އިތުރާއި އުތުރުން އަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އަދި އެހެނިހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

 

މެޓް އޮފީހުން ބުނީ މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

 

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

- ކޮމެންޓް