ކ. މާލެ
|
1 މާރޗް 2017 | ބުދަ 15:12
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު --
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު --
ޓްވިޓަރ
މަޖިލިސް ފަސްކުރުން
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ 14:00 ގައި
ޕީޕީއެމް މެމްބަރޝިޕް ފޯމްތަކާ ހަވާލުވުން އޮތީ މެންދުރު 12:30 ގައި
މަޖިލީހުގެ ރައީސް މަސީހު އާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ވުރެ ޕީޕީއެމް އިވެންޓްތަކަށް އިސްކަން ދޭކަން ވަނީ ފާހަގަ ކުރެވިފަ

ޕީޕީއެމްގެ މެމްބަރުޝިޕް ފޯމަތަކަކާ ހަވާލުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ އިވެންޓެއް އޮތުން އެ އިވެންޓްގައި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަވައިވެރިވެވަޑައި ގެންނެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ފަސްކޮށްފި އެވެ.

 

ރައްޔިތުންގެ މަޖިލިސް އާއްމު އުސޫލުން ބާއްވަމުން އަންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 09:00 ގައެވެ. ނަމަވެސް މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ 14:00 ގައި ފެށުމަށެވެ. މިއީ ފަހުގެ ތާރީހެއްގައި މެންދުރު ފަހުން މަޖިލީހުގެ ޖަލްސާ ފަށާ ފުރަތަމަ ފަހަރެވެ.

 

ޕީޕީއެމްއިން މިހާރު ހިންގާ އެޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން ޕީޕީއެމްގެ މެމްބަރުޝިޕް ފޯމްތަކެއް ހަވާލު ކުރުމުގެ ރަސްމިއްޔާތެއް ބުދަ ދުވަހުގެ މެންދުރު 12:30 ގައި ސްޓެލްކޯ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

 

އެ އިވެންޓަށް ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ މިނިސްޓަރުންނާއި ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ބައިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

 

ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ސްޓެލްކޯގައި ބޭއްވި މިފަދަ އެހެން ރަސްމިއްޔާތަކަށް ވަޑައިގެންނެވުމަށް މަޖިލިސް ނިންމަން އޮންނަ ވަގުތަށް ވުރެ އަވަހަށް މަޖިލީހުގެ ޖަލްސާ ނިންމައި އެ އިވެންޓަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ ވަޑައިގަންނަވާފަ އެވެ. އާންމު ގޮތެއްގައި ކަންކަމަށް ވޯޓު ނެގުން އޮންނަނީ މެންދުރު 1:30 ގައި ކަމަށް ވިޔަސް އެ ދުވަހު ވަނީ އޭގެ މާކުރިން ވޯޓު ނަގާފައެވެ. 

 

ރާއްޖޭ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އެކެލަވާލާފައިވާ 85 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ ކަންކަން ހިނގަމުންދާ ގޮތާ މެދު ގިނަ ރައްޔިތުން ފާޑުކިޔަމުންދާއިރު، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވެސް ވަނީ މަޖިލިސް މެމްބަރެއް ކަމަށް ބުނަން ލަދަ ގަންނަ ޖަރަޖައަށް މަޖިލީހުގެ ކަންކަން ގޯސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް