ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭނެތީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ގައުމީ މޫސުމާ ބެހޭ އިދާރާ މޯލްޑިވިސް މީޓޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.
ހޮނިހިރު ދުވަހު މެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި، ރާއްޖެއާއި ދުރުން، ރާއްޖޭގެ ހުޅަނގު އުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެ ކަމަށް ލަފާކުރެވޭތީވެ، ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ މެދުތެރެއާއި އުތުރަށް ވައިގަދަވާނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
މެޓް އޮފީހުން ބުނީ، ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލަ ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި ދޭތެރެ ދޭތެރެ ދޭތެރެއިން ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަވެގެންދާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށާއި، މެދު ތެރެއާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށެވެ.
އުތުރާއި މެދު ތެރޭގެ ސަރަހައްދުތަކަށް ވައި ގަދަވުމާއި ގުޅިގެން ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓު ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭތީވޭ އުތުރާއި މެދު ތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.