ދިގުފަރު އައިލެންޑް ރިސޯޓުން ބ. ކެޔޮދޫއަށް އަޅާފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ރާއްޖެ އެމްވީއަށް ވިދާޅުވީ އެ އެޖެންސީގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ކެޔޮދޫ ބޭނުންކުރަމުންދަނީ ދިގުފަރު އައިލެންޑް ރިސޯޓުން އުކާލާ ކުނި އަޅާ ތަނެއްގެ ގޮތުގައި ކަމަށް ބުނެ މީސް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔައި، މި މައްސަލަ ހޫނުވުމުން ދިގުފަރުން އައިލެންޑް ރިސޯޓުން ވަނީ ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެފައެވެ.
އެ ރިސޯޓުން ބުނީ ކެޔޮދޫއަކީ އެ ރިސޯޓުން ކުނި އަޅަން ހަމަޖައްސާފައި އޮންނަ ތަނެއް ނޫން ކަމަށާއި ކޮންމެ ދެ ހަފްތާއަކުން، ދިގުފަރުގެ ކުންޏާއި ކެޔޮދޫއިން އުކާލާ ކުނި ގެންދާތީ އެ ރަށަށް ކުނި ޖަމާކުރާ ކަމަށެވެ. އަދި އެ ކުނި ނެރެނީ ވޭސްޓް މެނެޖްމަންޓް ކޯރޕަރޭޝަން (ވެމްކޯ) އިން ރ. އަތޮޅާއި މާލެ އަތޮޅުގެ ކުނި އަޅަން ހަމަޖައްސާފައި އޮންނަ ސަރަހައްދަށް، ގެންދިއުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.
މީސް މީޑިއާގައި ދައުރުވަމުން ދަނީ އެގޮތަށް އުކާލުމަށް ނެރެފައި ހުރި ކުނިތަކެއްގެ ފޮޓޯތައް ކަމަށާއި ހަފްތާއެއް ވޭތުވެ ދިޔައިރު ވެސް ކުނިތައް އުކާނުލެވި ހުރީ މޫސުން އެކަމަށް ތަން ނުދިނުމުން ކަމަށް ދިގުފަރުން ބުނެފައި ވެއެވެ. އަދި ތިމާވެށި ސާފުތާހިރުކޮށް ބޭއްވުމަށް އެ ރިސޯޓުން ސަމާލުކަން ދޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ކުނިތައް ހުރިތަން ސާފުކޮށްފައިވާ ފޮޓޯތައް އެ ރިސޯޓުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ކުނި އަޅާފައިވާ ފޮޓޯތައް އާންމުވުމާ އެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަން ކުށްވެރިކޮށް އެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި އެއީ ހަފުތާއެއްވެފައިވާ ކުނި ކަމަށް އެ ރިސޯޓުން ބުނި ނަމަވެސް އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކުނި ކޮތަޅުތައް ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަދި ރީތި ދޮންވެލި ތުނޑިއެއް އޮތް އެ ސަރަހައްދަށް ކުނިތައް ވަނީ ބޭރުވެފައެވެ. އޭގެ ތެރެއިން އެތައް ކުންޏެއް މޫދުގެ ތެރެއަށް ގޮސްފައިވާ އިރު އޭގެ ޒިންމާ ނަގާނީ ކޮން ބައެއްތޯ ކަންބޮޑުވުން ފާޅުކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
ރަށެއްގެ ގޮނޑުދޮށަށް ރިސޯޓަކުން ކުނި އަޅާފައިވާ އިރު ބައެއް ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލަ ވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. އަދި މިހާރު ވެސް ބައެއް ރިސޯޓްތަކުން މޫދަށް ކުނިއަޅާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވަމުން ދެއެވެ.