ކ. މާލެ
|
8 ޖޫން 2019 | ހޮނިހިރު 00:13
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ރައީސް އޮފީސް
މޯދީގެ ދަތުރުފުޅު 2019
އިންޑިއާ އާއި ރާއްޖެ: އަހަރުތަަކަކަށް ފަހު ގުޅުން ބަދަހި ކުރުމުގައި
1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުމުން، އެންމެ ފުރަތަމަ ގުޅުން ގާއިމް ކުރި ގައުމުތައް ތެރޭގައި އަވަށްޓެރި އިންޑިއާ ހިމެނޭ

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން އޮންނަތާ އެތަކެއް ގަރުނެއް ވެއްޖެއެވެ. 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުމުން، އެންމެ ފުރަތަމަ ގުޅުން ގާއިމްކުރި ގައުމުތައް ތެރޭގައި އަވަށްޓެރި އިންޑިއާ ހިމެނެއެވެ.

އިންޑިއާ - ރާއްޖެ ގުޅުން

މި ގުޅުން ހަތަރު ބަޔަކަށް ވެސް ބެހި ދާނެއެވެ. އެއީ، 'ހާރިޖީ ގުޅުން އެކުލަވާލުމަށް ފަހު އައި އަހަރުތައް،އޮޕަރޭޝަން ކެކްޓަސް، ޔާމީންގެ ވެރިކަން އަދި އެއަށް ފަސް' މި ބައިތަކަށެވެ.

1960 ގެ އަހަރުތަކުގައި ފެށުނު މި ގުޅުން ދަމަހައްޓަން އިންޑިއާ އިން އަބަދުވެސް ވަނީ މަސައްކަތްކޮށްފައެވެ. އަދި ރާއްޖެ ހާލުގައި ޖެހިފައިވާ ކޮންމެ ހާލަތެއްގައި ވެސް، އެންމެ ފުރަތަމަ އެހީގެ އަތެއް ދިތް ކުރަން އިންޑިއާ ހުންނަނީ ތައްޔާރަށެވެ.

އެގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 1988 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމާލާއިން ސަލާމަތްވުމަށް ދިން އެހީއެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެންމެ ފުރަތަމަ އަތެއް ދިއްކޮށްފައި ވަނީ އިންޑިއާ އިންނެވެ. އަދި އެއަށް ފަހު، 2007 ވަަނަ އަހަރު، އާދަޔާ ހިލާފަށް އުދަ އަރެމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން އިންޑިއާ އިން ވަނީ 100 މިލިއަން ރުޕީސްގެ އެހީއެއް ދީފައެވެ. މީގެ އިތުރުން، 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާ އިން އަރައިގަތުމަށް ވެސް އިންޑިއާގެ ބޮޑު އެހީތެރިކަމެއް ލިބުނެވެ.

ޔާމީންގެ ވެރިކަން

އެތަކެއް ގަރުނެއްގެ މި ގުޅުން، މީގެ އަށް ވަރަކަށް އަހަރު ކުރިން ހީނަރުވާން ފެށިއެވެ. އިންޑިއާ އާއި އެ ގައުމުގެ ކުންފުނިތަކުން ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކުގައި އެހީވަމުން ދިޔައިރު، އެ މީހުންނާ މެދު ރާއްޖޭގެ އޭރުގެ ސަރުކާރުން ކަންތައް ކުރަމުން ދިޔަ ގޮތުގެ ސަބަބުންނެވެ.

އެންމެ ބޮޑު މިސާލެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ޖީއެމްރާގެ މައްސަލައެވެ. ގައުމުގެ މައި އެއާޕޯޓް ތަރައްގީ ކުރުމަށް 2012 ވަނަ އަހަރު އޭރުގެ ސަރުކާރުން ޖީއެމްއާރްއާ ހަވާލުކޮށްފައިވާއިރު، މި 500 މިލިއަން ޑޮލަރު މަޝްރޫއު ދެން އައި ސަރުކާރުން ވަނީ ކުއްލިއަކަށް ހުއްޓުވާފައެވެ. މި މައްސަލަ އަދިވެސް ކުރިއަށް ދާއިރު، އޭގެ ސަބަބުން ރާއްޖެ އަދި ޖީއެމްއާރްއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އިންޑިއާގެ ޓާޓާ ހައުސިންގ އަށް ވެސް ދިމާވީ ހަމަ މިފަދަ ގޮތެކެވެ. 2011 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއް، 2017 ވަނަ އަހަރު ކެންސަލްކޮށްފައިވާއިރު، ހަމަ ކެންސަލް ކުރި ސަރުކާރަށް އެންމެ ފަހުން އެ އެއްބަސްވުން އާކުރަން ޖެހުނެވެ. މަޖުބޫރީ ހާލަތެއްގައެވެ. ޖޫރިމަނާ އިން ސަލާމަތް ވުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ

ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވި ނަމަވެސް، މިހާރުގެ ސަރުކާރުން ދަނީ މި ގުޅުން ރަނގަޅު ކުރަން އެތަކެއް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރާއްޖެއިން ބޭރަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ އިންޑިއާއަށެވެ. އަދި އޭގެ ކުރިން، އިންޑިއާ އިން ވެސް ގުޅުން ބަދަހި ކުރަން ބޭނުންވާކަން އެންގިއެވެ. ވަރުގަދަ މެސަޖަކުންނެވެ. ރައީސް ސޯލިހްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ ބޮޑު ވަޒީރު ވަޑައިގެން ދެއްވި މެސެޖެކެވެ. އެއީ، ކުރީގެ ސަރުކާރުގެ އެތަކެއް ދައުވަތުތަކަށް އިންކާރު ކޮށްފައިވާ، އިންޑިއާގެ ވަރުގަދަ މެސެޖެވެ.

މިހާރުގެ ގުޅުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ އެކު

ރާއްޖެއާ އިންޑިއާގެ ގުޅުން ހީނަރުވާން ދިމާވީ އެންމެ ބޮޑު އެއް ސަބަބަކީ ކުރީގެ ސަރުކާރުން ޗައިނާއަށް ދިން އަހައްމިއްޔަތުކަމެވެ. އެ ސަރުކާރުގައި ރާއްޖޭގައި ކުރިއަށް ދިޔަ ގިނަ މަޝްރޫއުތައް ދީފައި ވަނީ ޗައިނާ ނުވަތަ އެގައުމުގެ ކުންފުންޏަކަށެވެ.

އެފަދައިން ކަންތައް ކުރުމުން، ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެއިން ޗައިނާ އިން ނަގާފައިވާ ލޯނުގެ އަދަދު 1.2 ބިލިއަނަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި ކޮންސެޝަނަލް ލޯނު ވެސް ހިމެނެ އެވެ. އެ ލޯނުތަކާއި ސޮވެރިން ގެރެންޓީތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ ވަރަށް މަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިކަމުން އަރައިގަތުމަށް ވެސް އެހީވެދިނީ އިންޑިއާއިންނެވެ. ޑިސެމްބަރު މަހު، ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ތެރޭގައި އިންޑިއާ އާއި ރާއްޖެ އަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ނިންމާފައިވާކަން އިއުލާން ކުރެވުނެވެ.

އެއަށް ފަހު، އިންޑިއާގެ ކުރީގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެ ވަޑައިގެންފައިވާއިރު، އެ ދަތުރުފުޅުގައި އިތުރު 100 މިލިއަން ރުފިޔާގެ އެހީއެއް ދޭން ވަނީ ނިންމާފައެވެ.

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި އިންޑިއާގެ ކުރީގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ، ސުޝްމާ ސްވަރާޖްއާ އެކު، އެކަމަނާ މާޗް މަހު ކުރެއްވި ދަތުރުގެ ތެރއިން

މި ފައިސާ ބެހިގެންދާނެ ގޮތް މިހާރު ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއުލާންކޮށްފައިވާ އިރު، ބޭނުން ކުރަން ހަމަޖެހިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައު ދިރިއުޅޭ ފަރާތްތަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ސަރުކާރުން ރައްޔިރުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށެވެ.

100 މިލިއަން ބަހާލާފައިވާ ގޮތް

  • އއ. އުކުޅަހުގައި އިންޓަނެޝަނަލް ކޮންވެންޝަން ސެންޓަރެއް ގާއިމް ކުރުމަށް 7،806،900 މިލިއަން ރުފިޔާ
  • ދ. ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ޚާއްސަ ކޮށްފައިވާ ޓްރެއިނިންގ ސްކޫލަށް ހަތް މިލިއިން ރުފިޔާ
  • ހއ. އިހަވަންދޫގައި ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް ތައްޔާރުކުރުމަށް 7،469،465 މިލިއަން ޑޮލަރު
  • ނ. ޅޮހީ އަދި ރ. ކިނޮޅޮހުގައި ކްލާސްރޫމް އެޅުމަށް 1،201،056 މިލިއަން ރުފިޔާ
  • 61 ރަށެއްގައި އައުޓްޑޯ ފިޓްނަސް އިކުއިޕްމަންޓަށް އަށް މިލިއަން ރުފިޔާ
  • ސިއްހީ ޚިދުމަތް ކުރިއެރުވުމަށް އިންޑިއާ އިން 11 އެމްބިއުލާންސް ގަތުމަށް 7.7 މިލިއަން ރުފިޔާ
  • އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އަށް މިލިއަން ރުފިޔާ
  • ބ. ފެހެންދޫ އިން ގޮއިދޫއަށް ދާ ދަރިވަރުންނަށް ބޭނުންވާ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ
  • އައްޑޫ ސިޓީގެ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރއެއް އެޅުމަށް 6،014971 މިލިއަން ރުފިޔާ
  • ދެ ރަށެއްގައި 25 މެޓްރިކް ޓަނުގެ އައިސް ޕްލާންޓް އެޅުމަށް އަށް މިލިއަން ރުފިޔާ
  • މާލެ ސިޓީ ކައުންސިލަށް ބޭނުންވާ އުޅަނދު އަދި ސާމާނު ހޯދުމަށް އަށް މިލިއަން ރުފިޔާ
  • ށ. ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް އެޅުމަށް ފަސް މިލިއަން ރުފިޔާ
  • މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސަސް އަށް އުޅަނދު ހޯދުމަށް އަށް މިލިއަން ރުފިޔާ
- ކޮމެންޓް