އިންޑިއާއަކީ ދެކުނު އޭޝިޔާގެ އެންމެ ބިޔަ އަދި އެންމެ ކުރިއަރާފައިވާ ގައުމެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ހަތް ވަނަ އަށް އެންމެ ބޮޑު ގައުމެވެ. އާބާދީ ގޮތުން ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެވެ. އެ ގައުމުގެ އާބާދީގެ ޖުމްލަ 1.3 ބިލިއަނަށް އަރައެވެ. ސަރަހައްދީ ރޮނގުގެ ގޮތުން ޕާކިސްތާނާއި، ޗައިނާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް އާއި މިޔަންމާއާ ވަނީ ގުޅިފައެވެ. އެހެންކަމުން މި ސަރަހައްދުގެ ގައުމުތަކުގެ އެންމެ ބޮޑު މަސްލަހަތެއް އޮތް ގައުމަކީ އިންޑިއާއެވެ. އެންމެ ކައިރިން އޮތް އަވަށްޓެރިންނަކީ ސްރީ ލަންކާ އާއި ދިވެހި ރާއްޖެއެވެ.
ދެ ވަނަ އަށް އެންމެ ބޮޑު އާބާދީއަށް ވާއިރު ދުނިޔޭގެ އެންމެ ޑައިވާސިޓީ ބޮޑު ނުވަތަ ތަފާތު ނަސްލުގެ މީހުން އެންމެ ގިނަ ގައުމަކީ ވެސް އިންޑިއާއެވެ. ދީންތަކާއި ބަހުގެ ތަފާތުތަކުގައި ވެސް އިންޑިއާ ގުނެނީ އެންމެ ކުރީގައެވެ. މައިގަނޑު ބިނާވެފައި ވަނީ ހިންދީ ދީނަށެވެ. އާބާދީގެ 78 ޕަސެންޓަކީ ހިންދޫންނެވެ. ދެ ވަނަ އަށް އެންމެ ގިނައީ މުސްލިމުންނެވެ. އިންޑިއާގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 14.2 ޕަސެންޓެވެ. ކްރިސްޓިއަނުންނާއި ބުޑިސްޓުން އަދި އެހެން ދީންތަކުގެ އާބާދީ އުޅެނީ ތިން ޕަސެންޓަށް ވުރެ ވެސް ދަށުގައެވެ. އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަނީ ހިންދީ ބަހުންނެވެ. ރަސްމީ ބަހެއްގެ ގޮތުގައި ހިންދީގެ އިތުރުން ބޭނުންކުރަނީ އިނގިރޭސި ބަހެވެ.
ޒަމާންތަކެއް ވަންދެން އިނގިރޭސިންގެ އަތްދަށުގައި އޮތުމަށް ފަހު އިންޑިއާ އަށް މިނިވަންކަން ލިބުނީ 15 އޯގަސްޓް 1947 ގައެވެ. ފަގީރު ގައުމެއްގެ ގޮތުގައި އިނގިރޭސިންގެ އަތްދަށުން އޮތުމަށް ފަހު 1991 ވަނަ އަހަރު ގެންނަން ފެށި އިގްތިސާދީ ބަދަލުތަކާ އެކު އެންމެ ހަލުވިކަމާ އެކެ ތަރައްގީވަމުން އައި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނިގެންދިޔައެވެ. މި ދުވެލީގައި އިންޑިއާ ވަނީ ފާއިތުވި އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ހަމައެކަނި އިގްތިސާދީ ގޮތަކުން ނޫނެވެ. އަސްކަރީ ގޮތުން ވެސް އިންޑިއާ ހިމެނެނީ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައެވެ. އެ ގޮތުން ދުނިޔޭގެ ނިއުކްލިއާ ނުވަ ބާރުގެ ތެރޭގައި އިންޑިއާ ވަނީ ހިމެނިފައެވެ.
ބަރުލަމާނީ ނިޒާމެއް އޮތް އިންޑިއާގެ ސިޔާސީ ދާއިރާ ބެހެނީ މައިގަނޑު ހަތް ޕާޓީއަކަށެވެ. އޭގެ ތެރެއިން އެންމެ ވާދަވެރި ދެ ޕާޓީއަކީ މިހާރު ވެރިކަމުގައި އޮތް ކަނާތު ފިޔައިގެ ބަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އާއި ކުރިން ވެރިކަން ކުރި ވާތުފިޔައިގެ ކޮންގްރެސް ޕާޓީއެވެ. ވެރިރަށަކީ ނިއު ދިއްލީއެވެ.