ރައީސުލްޖުމްހޫރިއްޔާ މައާފުދެއްވި ފަރާތްތައް މިނިވަންކުރުމުގެ ތެރޭގައި، މައާފުނުދެއްވާ ގައިދީއަކު މިނިވަންވެފައިވާ މައްސަލަ ބެލުމަށްފަހު އެކަން ކުރި މުވައްޒަފަކާމެދު ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މައާފުދެއްވި ފަރާތްތައް މިނިވަންކުރުމުގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުގައި ހުރި ޤައިދީއެއް މިދިޔަ އޭޕްރީލް މަސް ތެރޭގައި އޮޅިގެން ދޫކޮށްލެވިފައިވާއިރު، އެކަމާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މުނާޒް ވިދާޅުވީ، އެ މައްސަލަ ފާހަގަ ކުރެވުނު ހިސާބުން ވަގުތުން ފުލުހުންގެ އެހީތެރިކަމާއެކު އެ ޤައިދީ އަނބުރާ ޖަލަށް ގެނެސްފައިވާ ކަމަށާއި،އެކަން ކުރި މުވައްޒަފު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، އިދަރީ ފިޔަވަޅެއްގެ ގޮތުން މުވައްޒަފު ސަސްޕެންޑު ކޮށްފައިވީނަމަވެސް އެ ޤައިދީ ދޫކޮށްލީ މުވައްޒަފު ޤަސްތުގައިތޯ ނުވަތަ އިހުމާލުންތޯ ބެލުމަށްޓަކައި އެތެރޭގެ ތަޙުޤީޤެއް ހިންގަމުންދާ ކަމަށާއި، އެއްވެސް މައްސަލައެއް ފާހަގަވެއްޖެނަމަ، ފުލުހުންނަށް މައްސަލަ ހުށައަޅައި މުވައްޒަފާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މުނާޒް ވިދާޅުވިއެވެ.
މުނާޒް އިތުރަށް ވިދާޅުވީ، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށާއި، އެހެން ދިމާވާ ކަންކަމުގައި ޒިންމާދާރުކޮށް އަދި ގިނަ ބައެއްގެ އަތްމަތިން ކަންކަން ނިންމާގޮތަށް އެތެރޭގެ ހިންގުމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ރައީސް އަދަބު ލުއިކޮށްނުދެއްވާ ގައިދީއަކު ޖަލުން ދޫކޮށްލާފައިވާކަމަށް މިނިސްޓްރީ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ބެލުމަށް މިނިސްޓަރު އިމްރާން އަންގަވާފައިވާތީ އެކަން ހިނގައިދިޔަގޮތް ބަލާފައިވާ ކަމަށެވެ. އަދި އެކަމުގެ ތަހުގީގެއް ހިންގުމަށް ފުލުހުންނަށްވެސް އަންގާފައިވާ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ.