އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެ ޕްރޮޖެކްޓެއް އިފްތިތާހު ކުރައްވާނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑީއާގެ ފޮރިންގ ސެކެޓްރީ ވިޖޭ ގޯކާލޭ ވިދާޅުވީ އެ ދެ ޕްރޮޖެކްޓް އިފްތިތާހު ކޮށްދެއްވާނީ މޯދީ އާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށެވެ. އެ ދެ ޕްރޮޖެކްޓަށް ޖުމްލަ 180 ކަރޯޑް ރުޕީސް ހަރަދުވާނެ ކަމަށާއި ޕްރޮޖެކެޓްގެ ދަށުން ކޯސްޓަލް ސަވޭލިއަންސް ރޭޑާ ސިސްޓަމަކާއި އެމްއެންޑީއެފް އަށް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރެއް ޤާއިމުކޮށްދެވޭނެ ކަމަށް ވެސް ވިޖޭ ގޯކާލޭ ވިދާޅުވިއެވެ.
މި ދެ ޕްރޮޖެކްޓްގެ އިތުރުން އެކި އެގްރީމަންޓްތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އިންޑިއާ އިން ބުނީ އޭގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުން ތަމްރީން ކުރުން ހިމެނޭ ކަމަށެވެ.
އިންޑިއާގެ ފަރާތުން ރާއްޖެއާ އެއްކޮށް އެކި އެގްރީމަންޓްތަކުގައި ކުރިއަތް އޮތްތާނގައި ސޮއިކުރާނެ ކަމަށާއި އޭގެ ތެރޭގައި ވިސާ އެގްރީމަންޓާއި ހިލޭ އެހީގެ އެކި އެގްރީމަންޓްތަކާއި ކަރަންސީ ސުވަޕް އެގްރީމަންޓްގައި ވެސް ރާއްޖެއާއެކު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މޯދީގެ ދަތުރުފުޅުގެ މައިގަނޑު ތިން ބޭނުމެއްވާކަން ފާހަގަކޮށް ވިޖޭ ގޯކާލޭ ވިދާޅުވީ އަވަށްޓެރި ޤައުމުތަކާއި އެއްކޮށް ގުޅުން ބަދަހިކުރުމާއި ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވުމާއި ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނ ކުރުމެވެ.
މިއަހަރު ތެރޭގައި 36 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެ މަޝްރުއޫ ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކް އިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މި އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހު ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރްއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގްޒިމް ބޭންކްގެ ޗީފް ޖެނެރަލް މެނޭޖަރ ސުދައްތާ މަންޑަލްއެވެ.
ރައީސް ސޯލިހް ވެރިކަމަށް އައުމަށްފަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެ ވަރުގަދަވެގެން ހިނގައްޖެ ކަމަށް އިންޑިއާގެ އިންޑީއާގެ ފޮރިންގ ސެކެޓްރީ ވަނީ ފާހަގަކުރައްވާފައެވެ.